ކޮމިޝަނުން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އަޅުގަނޑު ގަބޫލުކުރާނީ ބަޣާވާތެއް ނޫން ކަމަށް: މައުމޫން

ފެބުރުއަރީ 7 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިގޮތް ތަހުގީގުކުރުމަށް އެކުލަވާލާފައިވާ ނެޝަނަލް އިންކުއަރީ ކޮމިޝަނުން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. ވެރިކަން ބަދަލުވުމުގައި އެމަނިކުފާނުގެ މައްޗަށް އެމްޑީޕީން ކުރާ ތުހުމަތުތަކަށް ކޮމިޝަނަށް ވަޑައިގެން ޖަވާބުދާރީވެ ވަޑައިގަތުމަށް ފަހު ޕީޕީއެމް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މައުމޫން ވިދާޅުވީ ކޮމިޝަނުން އޮޅުން ފިލުވަން ބޭނުންވި ކަންކަން އެމަނިކުފާނު ސާފުކޮށްދެއްވި ކަމަށެވެ. ކޮމިޝަނަށް ވަޑައިގެންނެވީ ކޮމިޝަނުން ސިޓީ ފޮނުވުމާ ގުޅިގެން އެމަނިކުފާނު އަރިހުން ސާފުކުރަން ބޭނުންވާ ކަންކަން އޮޅުންފިލުވައިދެއްވުމަށް ކަމަށް ވެސް ވިދާޅުވި އެވެ. ވެރިކަން ބަދަލުވި ގޮތާ ގުޅޭގޮތުން ކޮމިޝަނުގެ ނިންމުމަކީ ކަން ހިނގައިދިޔަ ގޮތް ކަމަށް ގަބޫލުފުޅުކުރައްވާނަންތޯ "ހަވީރު"ން ސުވާލުކުރުމުން މައުމޫން ވިދާޅުވީ "އެއީ ބަޣާވާތެއް ނޫން ކަން އަޅުގަނޑަށް އެނގޭ" ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ގަބޫލުކުރައްވާނީ ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫން ކަމުގައި ވެސް ވިދާޅުވި އެވެ. "އަޅުގަނޑު ދުށިން ]ވެރިކަން ބަދަލުވި ދުވަހު[ މެލޭޝިއާގައި ހުއްޓަސް ވީޑިއޯ ރެކޯޑިން މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވި ގޮތާއި ވިދާޅި ބަސްފުޅާ، ތިމަންނަ މި އިސްތިއުފާ ދެއްވީއޭ. ތިމަންނަ މި އިސްތިއުފާ ދެއްވަނީ ތިމަންނަ ރައީސްކަމުގައި އިތުރަށް ހުންނަވައިފިއްޔާ ގައުމަށް އިތުރު ހިތްދަތިކަމާއި ވޭންތަކެއް އަތުވެދާނެތީއޭ. އަނެއްކާ އިސްތިއުފާގެ ސިޓީ ލިއުއްވީ އޭނަ އަތްޕުޅުން އަމިއްލަފުޅަށް، ލިއުއްވާފައި ރައްޔިތުންގެ މަޖިލީހަށް ފޮނުވީ،" މައުމޫން ވިދާޅުވި އެވެ. ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އިސްތިއުފާ ދެއްވައި ރައްޔިތުންގެ މަޖިލީހަށް ނަޝީދު އަމިއްލަފުޅަށް ސިޓީ ފޮނުވުމަށް ފަހު "އެއީ ބަޣާވާތެކޭ ބުނާނެ ތަނެއް ނެތް" ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. "އަޅުގަނޑު ދެންނެވިން އެ ]ކޮމިޝަނުގެ[ ބޭފުޅުންނަށް، އެ ބޭފުޅުން ވެސް އެކަން ގަބޫލުކުރައްވާހެން އަޅުގަނޑަށް ހީވަނީ. ދެން އަޅުގަނޑު ދެންނެވީ މުހައްމަދު ނަޝީދު މިވާހަކަ ރަނގަޅަށް ދަންނަވާފައި ވަޑައިގެން ގޭގައި އަވަހާރަފުޅު ލެއްޕެވީއޭ، އެ ދުވަހު މެންދުރާއި އެ ރެއާ އަނެއް ދުވަހު ހެނދުނާ، އޭގެ ފަހުން އަނެއް ދުވަހު ހަވީރުއޭ ނުކުމެވަޑައިގެން ވިދާޅުވީ ނޫނެކޭ އެ އިސްތިއުފާ ދިނީކީ ނޫނޭ ނުވަތަ ދާއިމީ އިސްތިއުފާއެއް ނޫނޭ. ބަޣާވާތެކޭ، ދެން ކާކުތޯ އެ ވާހަކަ ގަބޫލުކުރާނީ. ކޮންމެވެސް ކަމެއް ހިނގީތާއޭ، 42 ގަޑިއިރު ފަހުން. ކޮންމެވެސް ބަޔަކު ވާހަކައެއް ދައްކައިގެން އެ ބޭފުޅާގެ އިސްތަށިފުޅަށް އެރިގެން މުޅިން ބަދަލުކުރެއްވީ. އޭގެ ކުރިން އެމަނިކުފާނު ހުންނެވީ އިސްތިއުފާ ކަމަށް ގަބޫލުކުރައްވައިގެންނޭ،" މައުމޫން ވިދާޅުވި އެވެ. ކޮމިޝަނާ ހިއްސާކުރެއްވި މައުލޫމާތުތައް މީޑިއާ އަށް ހިއްސާކުރައްވަމުން، ކޮމިޝަނާ މެދު އެމަނިކުފާނު ހިތްހަމަޖެހިވަޑައިނުގަންނަވާ ދެ ކަމެއް ފާހަގަކުރެއްވި ކަމަށް މައުމޫން ވިދާޅުވި އެވެ. އެއް ކަމަކީ ކޮމިޝަން އެކުލަވާލުމުގައި ބޭރުގެ ފަރާތްތަކުގެ ފިއްތުންތަކާ ހެދި ނަޝީދުގެ މެމްބަރަކު ކޮމިޝަނަށް ހަމަޖެއްސެވުން ކަމަށް ވިދާޅުވެފައިވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. "ހިތްހަމަނުޖެހޭ ސަބަބަކީ މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ބޭފުޅަކު މި ކޮމިޝަނުގައި އިންނަވާ ކަމަށް ވަންޏާ އަޅުގަނޑުގެ ފަރާތުން ވެސް ބޭފުޅަކު މި ކޮމިޝަނުގައި އިންނަވަން ޖެހޭނެއޭ. ސަބަބަކީ މި ވޭތުވެދިޔަ ތަނުގައި މުހައްމަދު ނަޝީދު ވަނީ ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ތަކުރާރުކޮށް އަޅުގަނޑުގެ ބޮލުގައި ދޮގު އިލްޒާމްތަކެއް އަޅުއްވާފައޭ، ހަތެއް ފެބުރުއަރީގައި މިއައި ބަދަލަކީ އަޅުގަނޑު ރާވައިގެން ހިންގި އިންގިލާބެއް ކަމަށާއި އޭގެ އަޑީގައި ހުރީ އަޅުގަނޑު ކަމަށާއި މި ހުރިހާ ވާހަކައެއް ވަނީ ތަކުރާރުކޮށް ރާއްޖޭގަ އާއި ބޭރުގައި ވިދާޅުވެފައި. އެހެންވީމާ އޭނަ އެ ވިދާޅުވާ ވާހަކަފުޅަށް ތާއީދުކުރައްވާނެ ބޭފުޅަކު މިކޮމިޝަނުގައި އިންނަވަންޏާ ކޮބައިތޯއޭ އިންސާފަކީ،" މައުމޫން ވިދާޅުވި އެވެ. އެކަމުގައި އިންސާފުވެރި ގޮތަކީ ނަޝީދު ތަމްސީލްކުރައްވާ މަންދޫބަކު ކޮމިޝަނުގައި އިންނަވާ ނަމަ، އެމަނިކުފާނުގެ މަންދޫބަކު ވެސް ކޮމިޝަނުގައި އިންނެވުން ކަމަށް މިރޭ ވިދާޅުވި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ ކޮމިޝަނާ މެދު ހިތްޕުޅުހަމަ ޖެހިވަޑައިނުގަންނަވާ ދެ ވަނަ ކަމަކީ ޖެނުއަރީ 14 އިން ފެބުރުއަރީ 8 އާ ދޭތެރޭގައި ހިނގައިދިޔަ ކަންކަން އެ ކޮމިޝަނުން ބެލުން ކަމަށެވެ. ފެބުރުއަރީ 7 ގައި ރާއްޖެ އަށް އައި ބަދަލަކީ 14 ޖެނުއަރީގެ ކުރިން ނަޝީދު ކުރެއްވި ގާނޫނާ ހިލާފު އަދި އިސްލާމް ދީނާ ހިލާފު އަމަލުތައް ކަމަށާއި އެ މައްސަލާގައި ރައްޔިތުން ހިތްހަމަނުޖެހި ރުޅިގަދަވެފައި ތިބި ކަމަށް މައުމޫން ވިދާޅުވި އެވެ. އަދި ކަންކަން ސާފުވެގެން ދާނީ ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތީއްސުރެ ކުރަމުން އައި ކަންކަން ވެސް ބެއްލެވުމުން ކަމަށް ކޮމިޝަނުގައި ވިދާޅުވެފައިވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. ވެރިކަން ބަދަލުކުރުމަށް ފައިސާ ހަރަދުކުރެއްވިންތޯ ކޮމިޝަނުން ސުވާލުކުރުމުން، "އެންމެ ސެންޓެއް ވެސް ހަރަދުކޮށްފައި ނޯންނާނެ ކަމަށް" ވިދާޅުވި ކަމަށް މައުމޫން ވިދާޅުވި އެވެ. "އަނެއް ސުވާލަކަށް ވިދާޅުވީ ހަތެއް ފެބުރުއަރީ ވަނަ ދުވަހު ހެނދުނު މުހައްމަދު ނަޝީދު އެމްއެންޑީއެފްގެ ހެޑްކުއާޓާޒް އަށް ވަދެވަޑައިގަތުމުން އަޅުގަނޑު ކޮންމެވެސް މީހެއްގެ ކައިރީ ބުނިކަމަށް މުހައްމަދު ނަޝީދު އެބަ ވިދާޅުވޭ މިހާރު އެ މަސް ގޮސް ދަލުގަ ޖެހުނީއޭ، ދެން ހިފަހައްޓާށޭ އެހެން ބުނިންހޭ. އަޅުގަނޑު ބުނިން ރޯމަރު ދޮގެކޭ،" މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ވެރިކަން ބަދަލުވުމުގެ ކުރިން ސޮނޭވާފުށި ރިސޯޓުގައި ރައީސް ވަހީދާ ބައްދަލުކުރެއްވިތޯ ކޮމިޝަނުން ސުވާލުކުރެއްވި އެވެ. ނަމަވެސް އެއީ ހިނގާފައި ނުވާ ކަމަކަށްވާތީ، ބައްދަލުކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވި ކަމަށެވެ. މައުމޫން ވިދާޅުވި ގޮތުގައި ވެރިކަން ބަދަލުވުމުގައި އެމަނިކުފާނުގެ އެއްވެސް ދައުރެއް ނެތްކަން ނަޝީދު މިހާރު ގަބޫލުކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ. އެއީ އެމަނިކުފާނު ކޮމިޝަނަށް ވަޑައިގެން "ބަޣާވާތުގައި" ބައިވެރިވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމުން އެކަން ގަބޫލުފުޅުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވާތީ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. ސިޔާސީ ހާލަތު ހަމައަކަށް އެޅުވޭނީ ކޮން ގޮތަކަށްތޯ ކޮމިޝަނުން ސުވާލުކުރުމުން، އެއީ އެމްޑީޕީގެ ހަރުކަށި އަމަލުތައް ހުއްޓާލުމުން ކަމަށް ވެސް ވިދާޅުވެފައިވާނެ ކަމަށް މައޫމޫން ވިދާޅުވި އެވެ. މަޝްވަރާކޮށް ގޮތެއް ނިންމޭނީ ވެސް އެ ޕާޓީން ހިންގާ ހަމަނުޖެހުންތައް ހުއްޓާލުމުން ކަމަށް ކޮމިޝަނުގައި ވިދާޅުވި ކަމަށް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ