ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދު ކުރެއްވި ދަތުރުފުޅެއްގެ މައްސަލަ އޭސީސީ އަށް
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަދި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިދިޔަ ފިތުރު އީދު ބަންދުގައި އައްޑު އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ މައްސަލަ އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އަށް ހުށަހަޅައިފި އެވެ. އަބްދުﷲ ސައީދުގެ ދަތުރުފުޅުގެ މައްސަލަ ބަލައިދިނުމަށް އެދި، ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކްރެޓަރީ ކަމުގައި މަގާމުގައި ހުންނެވި ޅ. ހިންނަވަރު، ލަކީ، އަބްދުލްހަމީދު އަބްދުލްކަރީމް މިދިޔަ ބުރާސްފަތި ދުވަހު އޭސީސީ އަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އަބްދުﷲ ސައީދު އޯގަސްޓް 30 އިން ސެޕްޓެމްބަރު 2 އަށް އައްޑޫ މެޖިސްޓްރޭޓް ކޯޓުތަކުގެ އިދާރީ ދަތިތައް ދެނެގަތުމަށާއި ޝަރުއީ ދާއިރާގެ މަސައްކަތް ހަލުއިކުރުމުގެ މަސައްކަތަށް ބޭނުންވާ މައުލޫމާތު ދެނެގަތުމަށް އައްޑު އަތޮޅަށް ވަޑައިގެންނެވި ނަމަވެސް، އެ މަނިކުފާނު ގިނަ ވަގުތު ހޭދަކުރެއްވީ އީދު ޗުއްޓީގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ހަމީދު އޭސީސީ އަށް ހުށަހަޅުއްވާފައިވަނީ، އަބްދުﷲ ސައީދު ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ކުރެއްވީ ދައުލަތުގެ ބަޖެޓުންތޯ އާއި ދަތުރުގެ މަގުސަދު ހާސިލްކުރެއްވުމަށް އެ މަނިކުފާނު ކޯޓުތަކަށް ވަޑައިގެން ކިހާ ވަގުތެއް ހޭދަކުރެއްވިތޯ އާއި އީދު ޗުއްޓީ ހޭދަކުރެއްވީ ކިހާ ވަގުތެއްގައިތޯ އަދި އަމިއްލަފުޅު ބޭނުމަކަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރައްވާފައިވާ ނަމަ އެ މައްސަލަ ބަލައިދިނުމަށެވެ. އީދު ބަންދުގައި އަބުދުﷲ ސައީދު އަމިއްލަ އަތޮޅަށް ވަޑައިގެން، ދަތުރުގެ މަގުސަދު ހާސިލްވީ ކިހާ މިންވަރަކަށް ކަމާއި އީދު ބަންދުގައި ކޯޓުތަކުގެ މުވައްޒަފުން ނެރެގެން މަސައްކަތް ކުރެވިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ކުރިން ނެރުނު ހަފުތާ މަޖައްލާ "މަނަސް"ގެ އެޑިޓަރު އަދި ރިއާސީ ކޮމިޝަންގެ މެމްބަރު އަބްދުﷲ ހަސީންގެ ކޮއްކޮ އަބްދުލްހަމީދުގެ ސިޓީގައިވެ އެވެ. އޭސީސީގެ މެމްބަރަކު ވިދާޅުވީ ހަމީދުގެ ސިޓީ ލިބިފައިވާކަން ކަށަވަރުކުރެވޭނީ މާދަމާ ކަމަށާއި އެކަމާ ގުޅޭ ގޮތުން އެއްޗެއް ބުނެވޭނީ އެ އަށް ފަހު ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ބަހެއް ލިބޭ ގޮތެއްނުވި އެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދު އިބްރާހީމްއާ ބެހޭ ގޮތުން މަނަސް މަޖައްލާގައި ލިޔުނު އާޓިކަލަކާ ގުޅިގެން ހަމީދުގެ މައްޗަށް 2009 ވަނަ އަހަރު، ޕްރޮސެކިއުޓާ ޖެނެރަލް )ޕީޖީ(ގެ އޮފީހުން ޖިނާއީ އަބުރުގެ ދުއުވާ އުފުލާފައިވެ އެވެ. އެ ދައުވާގައި ބުނަނީ 2006 ވަނަ އަހަރު މަނަސް މަޖައްލާގެ 121 ވަނަ އަދަދުގައި، މުހައްމަދު ރަޝީދު އިބްރާހީމްގެ ފޮޓޯފުޅެއް ޖަހައި "މައުމޫނަކީ ކަލެއް ކަމަށް ދައުވާކުރާ ފަނޑިޔާރު" ޖަހައިގެން ލިޔެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދު އިބްރާހީމްގެ ކަރާމާތް ނަގާލައިފައިވާ ކަމަށެވެ. ނަމަވެސް އެ ދައުވާ އަނބުރާ ގެނައީ، އަބުރާ ބެހުމަކީ ޖިނާއީ ކުށެއް ކަމުގައި ގާނޫނުލް އުގޫބާތުގައި ބަޔާންކޮށްފައިވާ މާއްދާތައް ރައްޔިތުންގެ މަޖިލީހުން އުވާލުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ