އެއާޕޯޓް ލިބުމަކީ ރާއްޖޭގެ މިނިވަންކަމާއި އިގުތިސޯދަށް ލިބުނު ބޮޑު ކާމިޔާބެއް: ގާސިމް

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަނބުރާ ދިވެހިންނަށް ލިބުމަކީ ރާއްޖޭގެ މިނިވަންކަމާއި އިގުތިސޯދަށް ލިބިގެންދިޔަ ބޮޑު ކާމިޔާބެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖީއެމްއާރުގެ އެއްބަސްވުމާއި ދެކޮޅަށް އެންމެ ފުރަތަމަ އަޑު އުފުއްލެވި ގާސިމް އިބްރާހިމް ވިދާޅުވީ އަލުން ދިވެހިންގެ އަތްމައްޗަށް އެއާޕޯޓް ލިބުމުން މިދިޔަ ދުވަސްތަކުގައި މާލީ ގޮތުން ލިބިގެންދިޔަ ގެއްލުންތައް ހަމައަކަށް އަޅުވައި އެއާޕޯޓް ދިވެހިން ބޭނުންވާ ގޮތަށް ތަރައްޤީކޮށްގެން ހިންގަން ފުރުސަތު ލިބުނީ ކަމަށެވެ. އިލްމާއި ތަޖުރިބާހުރި ފަރާތްތަކުގެ އެހީގައި އެއާޕޯޓް ހިންގަން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހޭނެ ކަމަށާއި އެގޮތަށް މަސައްކަތްކޮށްފި ނަމަ ދިވެހި އިގުތިސޯދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ވެސް ގާސިމް ވިދާޅިވި އެވެ.
"މި އެއާޕޯޓް އަޅުގަޑުމެންގެ އަތްމައްޗަށް ލިބިގެން ދިއުމަކީ އަޅުގަޑުމެންގެ މިނިވަންކަމާއި އިޤްތިޞާދީ މިނިވަންކަމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. ޖުމްލަކޮށް ދަންނަވާނަމަ ލިބިގެން މިދިޔައީ އަޅުގަޑުމެންގެ މިނިވަންކަމާއި އިޤްތިޞާދުގެ މިނިވަންކަން. އަދި ސިޔާސީ ގޮތުން ބެލިޔަސް އިޖުތިމާއީ ގޮތުން ބެލިޔަސް އަދި އަޅުގަޑުމެން ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށް ބެލިޔަސް ދިވެހިންގެ ލޭ އޮހޮރުވުމާއި ދާ އޮހޮރުވައިގެން އެތައް އަހަރަކުން ބިނާ ކުރަމުން އައި އެއާޕޯޓް އަޅުގަނޑުމެންގެ އަތްމައްޗަށް ލިބިގެންދިޔަ ކަމަކީ އަޅުގަނޑުމެންނަށް ވަރަށް އުފާވެރި ކަމެއް އިހްސާސްވި ވަގުތެއް." ޤާސިމް ވިދާޅުވި އެވެ.
އައިއެންއައިއޭ ހިންގަން ޖީއެމްއާރާ ހަވާލުކުރުމުގައި ހިޔާނާތުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާތީ ޤާސިމް އިބްރާހިމް ވިދާޅުވީ އެ މުއާމަލާތުގައި ހިޔާނާތުގެ އެއްވެސް އަމަލެއް ހިންގާފައިވާނަމަ އެ މައްސަލަ ބަލަންޖެހޭނެ ކަމަށެވެ. އަދި އެއްބަސްވުން ބާތިލްކުރުމުން ބަދަލުގެ ގޮތުގައި ޖީއެމްއާރަށް އެއްޗެއް ދޭންޖެހޭނަމަ އެކަންވެސް އިންސާފުވެރިކަމާއިއެކު ކުރަންޖެހޭނެ ކަމަށެވެ.
"އަޅުގަނޑު ހިތަށް އަރަނީ މީގައި އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި ހިޔާނަތްތެރިވި މީހުންނާއި މެދުގައި އަޅުގަނޑުމެން ވަރަށް އިންސާފުވެރިކަމާއިއެކު ބަލަންޖެހޭނޭ. މުސްތަޤުބަލަށް އިބުރަތެއް ކަމުގައިވެސް އެކަން ދެއްކެންޖެހޭނެ. އެގޮތަށް ދެކެވޭނީ މިދެންނެވި ގޮތަށް މީގެ ތެރޭގައި އަޅުގަނޑުމެންގެ ޤައުމަށް ހިޔާނަތްތެރިވި މީހުންނަކީ ކޮބައިތޯ ބަލާ އެމީހުންނާއި މެދުގައި އިންސާފުވެރި ނަޒަރަކުން ބެލެވިގެން،" ޤާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ސިޔާސީ ފިކުރު ތަކުން އެއްފަރާތްކޮށް ރާއްޖެއަށް ފައިދާވާ ގޮތަށް އެއާޕޯޓް ހިންގުމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް ގޮވާލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ