ކުއްލި ހާލަތުގައި ކަރަންޓް ދެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުން
ގދ. ތިނަދޫ އިންޖީނުގޭގައި ރޯވެ، މުޅި ރަށުން ކަރަންޓް ކެނޑިފައި އޮންނަތާ މިއަދަށް ފަސް ދުވަސް ވީ އެވެ. ރާއްޖޭގެ އާބާދީ އެންމެ ބޮޑު އެއް ރަށުގެ ރައްޔިތުން މިހާރު ތަހައްމަލްކުރަމުން ދަނީ އުނދަގޫ ވަގުތުތަކެވެ. އާންމު ދިރިއުޅުމާއި ވިޔަފާރިތަކަށް ވެސް ވަރަށް ބޮޑެތި ބުރޫތަކެއް އަރާނެ އެވެ. އަލިފާނުގެ ހާދިސާ ހިނގީ ކީއްވެގެންކަމެއް ނޭނގެ އެވެ. އޭގެ ތަހުގީގު މިހާރު ދަނީ ކުރިއަށެވެ. އެއްވެސް ފަރާތެއްގެ އިހުމާލަކުން ނޫން ކަމަށް ވިޔަސް މި ހާދިސާ އިން ލިބިގަންނަން ޖެހޭ އިބުރަތްތަކެއް އެބަ ހުއްޓެވެ. ތިނަދޫ ރައްޔިތުން ކެތްތެރިކަމާ އެކު ދުވަސްތައް ދަނީ ހޭދަކުރަމުންނެވެ. ކަރަންޓް ކެނޑުނު ފުރަތަމަ މިނިޓުން ފެށިގެން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ވަރަށް ބުރަކޮށް މަސައްކަތްކުރަމުން ދަނީ ވީހާވެސް އަވަހަކަށް ކަރަންޓްގެ ހިދުމަތް ކުރީގެ ފެންވަރަށް ގެނެވޭތޯ އެވެ. ރާއްޖެ ކަހަލަ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ބަލާއިރު ދިމާވާނެ ހުރަސްތައް ހުންނާނެ އެވެ. އެކަމަކު ފެނަކަ ކޯޕަރޭޝަނާއި އެސްޓީއޯ އާއި ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީ އަދި އެމްޓީސީސީ ފަދަ އިދާރާތަކުގެ ބުރަ މަސައްކަތާ އެކު މިހާރު އެރަށުގައި ކުރިއަށް އެދަނީ އިންޖީނުގެއަށް ބޮޑު ދެ ޖަނަރޭޓަރު ގެންގޮސް ކަރަންޓް ވިއުގައާ ގުޅާލުމުގެ ހަރަކާތްތަކެވެ. މި ކަމުން ލިބިގަންނަން ޖެހޭ އިބުރަތަކީ މިދިއަ ޑިސެމްބަރު 2014 ގައި މާލޭގެ ފެނުގެ ހިދުމަތް ކެނޑުމުގެ ހާދިސާ އިން ކަމާ ބެހޭ ފަރާތްތަކަށް ވެސް ލިބުނު އިބުރަތެވެ؛ ކުއްލި ހާލަތުގައި ހިދުމަތް ދެމިގެންދާނެ ނިޒާމްތަކެއް ހަމަޖެއްސުމެވެ. އެހެން ނޫނީ އާންމު ރައްޔިތުން އުފުލަން ޖެހޭ ބުރަ އާއި ވޭން ބޮޑެވެ. އެ ނަޒަރުން ބަލާއިރު ރާއްޖޭގެ ރަށަކަށް ކުއްލިއަކަށް ކުރިމަތިވެދާނެ ހާދިސާއަކުން ކަަރަންޓް ކެނޑި، އެކަން ހަމަޔަކަށް އަޅުވަން ދުވަސް ނަގާ ނަމަ، މިހާރަށް ވުރެ ފަސޭހައިން ވަގުތީ ކަރަންޓް ފޯރުކޮށްދެވޭނެ ނިޒާމެއް އުފެއްދުން މުހިންމެވެ. އެއީ ކަނޑު މަގުން ފަސޭހައިން ގެންދެވޭނެ ފަދަ މޮބައިލް ޖަނަރޭޓަރުތަކެއް ހޯދައިގެން ކަމަށް ވިޔަސް އެންމެ ރަނގަޅެވެ. މާލެ އަށް ކުރިމަތިވި ފެނުގެ މައްސަލާގައި އެނގުނީ ވެރިރަށުގެ އާބާދީ އަށް ކުއްލި ހާލަތެއްގައި ބޭނުންކުރަން އެކަށީގެންވާ މިންވަރަށް ފެން ރައްކާކުރެވޭނެ ގާބިލްކަން ފެން ކުންފުނީގައި ނެތް ކަމެވެ. އެހެންކަމުން ސަރުކާރުން ފަހުން ބުނީ ކުރިއަށް އޮތް ތަނުގައި އެ ނިޒާމް ވަރުގަދަކުރާނެ ކަމަށެވެ. އެގޮތުން މިހާރު ވެސް ބައެއް ކަންކަން ކުރަމުން އަންނަ ކަމަށްވެ އެވެ. ރާއްޖޭގައި މީހުން އުޅޭ ބައެއް ރަށްރަށުގެ ކަރަންޓްގެ ހިދުމަތަށް ދޭތެރެ ދޭތެރެއިން ބުރޫއަރަ އެވެ. އެކަމަކު ކުރިއާ އަޅާބަލާއިރު ފެނަކަ ކޯޕަރޭޝަނުން މިހާރު އަންނަނީ ރަނގަޅު ފެންވަރަކަށް އެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ. ސަރުކާރުން އާ އިންޖީނުތައް ގެނެސް އެކި ރަށްރަށުގައި ދަނީ ހަރުކުރަމުންނެވެ. އަދި ކަރަންޓްގެ ތަރައްގީ އަށް ބޭނުންވާ އެހެން ކަންކަން ވެސް ދަނީ ކުރަމުންނެވެ. ތިނަދޫގެ އިތުރުން ދާދި ފަހުން ޅ. ނައިފަރުން ކަރަންޓް ކެނޑުނު މައްސަލަ ކަހަލަ ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ މޮބައިލްކޮށް ގެންދެވޭނެ ޖަނަރޭޓަރު ސިސްޓަމްތަކެއް ހުރެއްޖެ ނަމަ ސަރުކާރަށް ވެސް ވަރަށް ބޮޑަށް ފަސޭހަވާނެ އެވެ. އަދި މައްސަލަ ހައްލުވަންދެން ރައްޔިތުންނަށް އާދައިގެ ގޮތަކަށް ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ އެވެ. އޭރުން ކަރަންޓް ކެނޑި ގިނަ ދުވަސް ވެދާނެ ކަމަށް ފެންނަ ކޮންމެ ހިސާބަކަށް އެ ޖަނަރޭޓަރުތައް ފޮނުވައިގެން ބޮޑު ޕްރެޝަރަކުން ސަރުކާރާއި އާންމުން ވެސް ސަލާމަތްވާނެ އެވެ. ރާއްޖޭގައި އަސާސީ ބައެއް ހިދުމަތްތައް ގާއިމްކުރަން ޖެހިފައި މި އޮންނަނީ އެހެން ގައުމުތަކާ ތަފާތުކޮށެވެ. އެެހެންކަމުން އަސާސީ ހިދުމަތަކަށް ބުރޫއަރައިގެން އޭގެ އުނދަގޫ އެތައް ދުވަހަށް އުފުލަން ޖެހޭ ގޮތް މެދުވެރިވާ ހާލަތްތަކުގައި އެކަމުގެ ހައްލު ވެސް ހޯދަން މި ޖެހެނީ ރާއްޖެ އަށް އެންމެ ރަނގަޅު އަދި ފަސޭހަ ގޮތަކަށެވެ. މިފަހަރު ތިނަދު އަށް ބޮޑު ދެ އިންޖީނު ގެންދެވޭ ގޮތް ވީ، ކަން ދިމާކުރި ގޮތުން އެ ދެ އިންޖީނުގެ ބޭނުން އެހެން ކަމަކަށް އެހާ ބޮޑަށް ކުރަމުން ނުދާ ދުވަސްވަރަކަށް ވާތީ ކަމަށް ވެދާނެ އެވެ. އެއީ ނަސީބެކެވެ. އެކަމަކު ކުރިއަށް އޮތް ތަނުގައި ހަމައެކަނި އިމަޖެންސީގައި ކަރަންޓް ދޭން ޖެހިއްޖެ ހާލަތެއްގައި ފަސޭހައިން ގެންދެވޭނެ ޖަނަރޭޓަރުތަކެއް ހޯދުމަކީ ސަރުކާރަށް ވެސް ވަރަށް މުހިންމު ކަމެއްކަން ޔަގީނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ