އިމްރާންގެ ދިފާއީ ހެކިން ބަލައިނުގަތުމަށް ކޯޓުން ނިންމައިފި

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތަށް އިމްރާންގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ. މިދިޔަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ އިމްރާންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަށް އިމްރާންގެ ފަރާތުން މިދިޔަ ބުދަ ދުވަހު ހުށަހެޅި ދިފާއީ ހެކިތައް ބަލައިނުގަތުމަށް ކޯޓުން ނިންމީ ކުރިން އެކަމަށް އެދިފައި ނެތުމުން ކަމަށް ކޯޓުން ވަނީ އިމްރާނަށް އަންގައިފަ އެވެ. އެގޮތަށް ކޯޓުން ނިންމާފައިވާތީ އިމްރާންގެ ފަރާތުން ވަނީ އެކަން އެ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދުގެ ސަމާލު ކަމަށް ގެނެސްފަ އެވެ. އިމްރާންގެ ޝަރީއަތުގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ބެލުމާއި ހެކިބަސް ނެގުމުގެ މަރުހަލާ މިހާރު ނިމިފައިވާއިރު ދެން އޮންނާނީ އެ މައްސަލާގައި ކޯޓުގެ އިސް ނެގުމަކަށް ހާޒިރުކުރާ މީހެއްގެ ހެކިބަސް ހޯދުން އެކަންޏެވެ. އިމްރާންގެ ދިފާއީ ހެކި ބަލައިނުގަތުމަށް ކޯޓުން ނިންމާފައިވާއިރު އިމްރާންގެ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރަކަށް އެދި ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމައިފަ އެވެ. ޝަރީއަތް މަޑުޖައްސާލުމުގެ އަމުރަކަށް އިމްރާންގެ ފަރާތުން އެދުނީ އެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްދޭން އޭނާގެ ފަރާތުން އެދިފައިވާތީ އެކަމާ މެދު ގޮތެއް ނިމެންދެނެވެ. އެ މައްސަލަ ބައްލަވާ ގާޒީ އަބްދުލްބާރީ ޔޫސުފްގެ ބަދަލުގައި އެހެން ގާޒީއަކާ މައްސަލަ ބެލުން ހަވާލުކޮށްދޭން އެދިފައި ވިޔަސް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވެސް މައްސަލަ ބެއްލެވީ ގާޒީ ބާރީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ