ޕާޓީތަކާއި ބެހޭ ބިލުގެ މައްސަލައިގެ ތެރެއަށް ތަދައްހުލް ވާނަން: ގައުމީ އިއްތިހާދު

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ތަސްދީގު ނުކުރައްވާ މަޖިލީހަށް ފޮނުއްވާލެއްވުމުން، އަންގާރަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގެ ބޮޑު އަގުލަބިއްޔަތަކުން ތަސްދީގު ކުރުން މަޖުބޫރުވާ ގޮތަށް ފާސްކުރި ސިޔާސީ ޕާޓީތަކާއި ބެހޭ ބިލުގައި ގާނޫނު އަސާސީއާ ތައާރަޒުވާ މައްސަލަތަކެއް ހުރި ކަމަށް ބުނެ އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން ސްޕްރީމް ކޯޓަށް ވައްދާފައިވާ މައްސަލައިގެ ތެރެއަށް ތަދައްހުލް ވާނެކަމަށް ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީން ބުނެފިއެވެ.
ނަލަހިޔާ ހޮޓަލުގައި މިއަދު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ގައުމީ އިއްތިހާދު ޕާޓީގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ވިދާޅުވީ ސިޔާސީ ޕާޓީތަކާއި ބެހޭ ބިލުގައި ހުރި ގާނޫނު އަސާސީ އާއި ތައާރަޒުވާ މައްސަލަތަކާއި ގުޅިގެން ސްޕްރީމް ކޯޓަށް އޭޖީން މައްސަލަ ނުވެއްދި ނަމަ، އެ ޕާޓީން އިސްވެ އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އަދި އޭޖީން އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހެޅުމާއި އެކު އެ މައްސަލައިގެ ތެރެއަށް ތަދައްހުލް ވާނެ ކަމަށެވެ.
"ސިޔާސީ ޕާޓީތަކާއި ބެހޭ ބިލެއް އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑުމެން އެންމެންވެސް އެބަ ގަބޫލު ކުރަން. ނަމަވެސް ގާނޫނު އަސާސީއާ ތައާރަޒުވާ، އެތައް ބައެއްގެ ހައްގުތައް ގެއްލޭ ގޮތަކަށް އެއްވެސް ބަޔަކަށް އެކަމެއް ނުކުރެވޭނެ. މިފަދަ މައްސަލަތަކުގައި ގޮތް ނިންމާއިރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ،" އައްބާސް ވިދާޅުވިއެވެ.
އައްބާސްގެ އިތުރުން ސަންދާން އަހަންމައިދީ ވިދާޅުވީ އެ ޕާޓީގެ ސްޓޭންޑަކީ މުޅި ގާނޫނު އުވާލުން ނޫން ކަމަށާއި، އެ ޕާޓީން ބޭނުންވަނީ އެ ގާނޫނުގައި ހުރި ގާނޫނު އަސާސީ އާއި ފުށުއަރާ ބައިތައް އުވާލުން ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީއާއި ފުށު އަރާ މާއްދާތަކަކީ ކޮބައިކަމެއް ވިދާޅެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ