ދައުލަތުން ގާނޫނާ ޚިލާފަށް މީހުން ހައްޔަރު ކުރުން ނިމުމަކަށް ނާދޭ: އަބްދުﷲ ގާޒީ

އާ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށިފަހުން ހަ އަހަރު ފާއިތުވެގެން ގޮސްފައިވާއިރު ވެސް ދައުލަތުގެ ފަރާތުން ގާނޫނާ ހިލާފަށް މީހުން ހައްޔަރުކުރުން އަދިވެސް ނިމުމަކަށް އައިސްފައިނުވާ ކަމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ. ކްރިމިނަލް ކޯޓުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ނަސަންދުރަ ޕެލަސް ހޮޓަލުގައި މިރޭ ބޭއްވި ޖަލްސާ އަބްދުﷲ ގާޒީ ވިދާޅުވީ ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ މީހުންގެ ހަތް މައްސަލައެއް މިދިޔަ އަހަރު ވެސް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ފާހަގަކޮށްލެވޭ ބައެއް މައްސަލަތަކުގެ ތެރޭގައި، ރައީސް މުހަންމަދު ނަޝީދުގެ ވެރިކަމުގައި، 2012ގައި އޭނާ ހިފައި ހައްޔަރު ކުރި މައްސަލަ އާއި ރައްޔިތުން މަޖިލީހުގެ ދެ މެމްބަރަކު ހައްޔަރުކުރި މައްސަލަ ހިމެނެ އެވެ. އެއީ ވެސް 2012 ވަނަ އަހަރުގެ މައްސަލައެކެވެ. މިރޭ ބޭއްވި ކްރިމިނަލް ކޯޓުގެ އަހަރީ ޖަލްސާގައި އަބްދުﷲ ގާޒީ ބައިވެރިވެވަޑައިގަންނަވަނީ--ހަވީރު ފޮޓޯ: މުހައްމަދު ޝަރުހާނު "މި ކަންތައް ދިވެހި ތާރީހުގައި އިބްރަތަކަށް ވެގެންދާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫން،" އަބްދުﷲ ގާޒީ ވިދާޅުވި އެވެ. ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހަތަރު ބިދޭސީއަކު އިމިގްރޭޝަނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަކާއި އެހެން ބިދޭސީއަކު ފުލުހުންނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައެކެވެ. އަދި ކަރެކްޝަނަލް ސާވިސްއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަކާއި ފުލުހުންނާ ދެކޮޅަށް ދެ ދިވެއްސަކު ހުށަހަޅާފަައިވާ މައްސަލައެއް ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ. އަބްދުﷲ ގާޒީ ގާނޫނާ ހިލާފަށް ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ޖަލަށް ލުމަށް ދާދިފަހުން އެ ކޯޓުން ވަނީ ހުކުމް އިއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ