ތިމަރަފުށި ދާއިރާގެ ބައި އިލެކްޝަން އޭޕްރީލް 14 ގައި ބާއްވަން އިއުލާންކޮށްފި
ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ތިމަރަފުށި ދާއިރާގެ ގޮނޑިއަށް މެމްބަރަކު އަލުން އިންތިޚާބުކުރުމަށް އޭޕްރީލް 14 ވާ ހޮނިހިރުދުވަހު ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކޮށްފި އެވެ. އެ ދާއިރާގެ މެމްބަރަކަށް ހުންނެވި އެމްޑީޕީގެ މުހައްމަދު މުސްތަފާ މަޖިލީހުގެ މެމްބަރުކަމަށް ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ހޯމަދުވަހު ކަނޑައެޅުމާ ގުޅިގެން ކޮމިޝަނުން ކުރި އިއުލާންގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ތިމަރަފުށި ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު ފެބްރުއަރީ 27 ވާ ހޯމަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން މާޗް 11 ވާ އާދީއްތަދުވަހުގެ ހަވީރު 3:00 އާ ހަމައަށް ހުޅުވާލާފަ އެވެ. ގާނޫނުގައިވާ ގޮތުން ކުރިމަތިލާ މީހެއްގައި ހަމަވާން ޖެހޭ ޝަރުތުތަކަކީ ދިވެހި ރައްޔިތަކަށް ވުން، ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން، މުސްލިމަކު ކަމުގައި ވުމާއި ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައި ވުން، އުމުރުން 18 އަހަރު ވެފައިވާ މީހަކު ކަމުގައި ވުން އަދި ބުއްދި ހަމައަށް ހުރުމެވެ. ބޭރު ގައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް ކުރިމަތިލެވޭނީ އެ މީހަކު ދިވެހި ރައްޔިތަކަށް ވީތާ ފަސް އަހަރު ފުރުމަށް ފަހު އެވެ. އަދި އެ މީހަކީ ރާއްޖޭގައި ދިރިއުޅޭ މީހަކަށް ވާން ޖެހެ އެވެ. މަޖިލީހުގެ އިންތިޚާބަށް ކުރިމަތިނުލެވޭ ހާލަތްތަކެއް ވެސް ވެ އެވެ. އެއީ އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދިއުމާއި ޖިނާއީ ކުށެއް ކުރި ކަން ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކުރަމުން ދިއުމާއި ޖިނާއީ ކުށެއް ކުރި ކަން ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ މީހަކު ނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރިތާ ތިން އަހަރު ނުވާ މީހުންނާއި ފަނޑިޔާރަކު ކަމުގައި ވުމެވެ. އިންތިޚާބަށް ކުރިމަތިލާން އެދޭ އިރު ހުށަހަޅަން ޖެހޭ ލިޔެކިޔުމާއި ތަކެތި ވެސް އިލެކްޝަންސް ކޮމިޝަންގެ އިއުލާންގައި ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޑިޕޮޒިޓް ފައިސާގެ ގޮތުގައި ދައްކަން ޖެހޭ 5،000ރ. ވެސް ހިމެނެ އެވެ. މަޖިލީހުގެ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަ ގޮތުން ކުރިމަތިލާނަމަ އެ މީހަކު ކުރިމަތިލުމަށް އެދި ހުށަހަޅާ އިންތިޚާބީ ދާއިރާއެއްގެ، އުމުުރުން 18 އަހަރު ފުރިފައިވާ މީހުންގެ ތެރެއިން، މަދުވެގެން 50 މީހަކު އެ ކަމަށް ތާއީދުކުރާ ކަން އަންގައިދޭ ސޮއި ހުށަހަޅަން ޖެހެ އެވެ. އަދި ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ އެ މީހަކު ތަމްސީލްކުރާ ޕާޓީން އެކަން ކަށަވަރުކޮށްދޭ އެ ޕާޓީ އިގުރާރު ހުށަހަޅަން ޖެހެ އެވެ. ތިމަރަފުށި ދާއިރާގެ މެމްބަރު ކަމުން ވަކިކޮށްފައިވާ މުސްތަފާ ވަނީ އަލުން އިންތިޚާބުގައި ވާދަކުރައްވައިގެން ގޮނޑި އަނބުރާ ހޯއްދަވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެ އިތުރުން އެ ގޮނޑިއަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ޕީޕީއެމް އިންނެވެ. މެންބަރުކަމުން މުސްތަފާ ވަކިވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ ޕީޕީއެމްގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު ދައުވާކުރެއްވި މައްސަލައެއްގަ އެވެ. އެ ދައުވާގައި ބުނެފައި ވަނީ ކުރިން ރާއްޖޭގައި ހިންގި ބޭންކް އޮފް ކްރެޑިޓް އެންޑް ކޮމާސް އިންޓަނޭޝަނަލް (ބީސީސީއައި) އިން މުސްތަފާ ނަންގަވާފައިވާ 31،231.66 ޑޮލަރު (481،592ރ.) ކޯޓުގެ ހުކުމާ އެއްގޮތަށް ފައިސާ ދައްކަވާފައިނުވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ފުރިހަމަވާންޖެހޭ ޝަރުތުތައް މުސްތަފާގެ ފުރިހަމަވެފައިނުވާތީ އޭނާ މެމްބަރުން ކަމުން ވަކިކޮށްދިނުމަށް އުމަރުގެ ދައުވާގައި އެދިވަޑައިގަތުމުން ސުޕްރީމް ކޯޓުން އެ ގޮތަށް ނެރުނީ އަޣުލަބިއްޔަތު ރައުޔެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ