ސިޔާސީ ވެރިން ގާސިމް ފަހަތުން، ނިމޭނީ ކިހިނެއް؟

"މި ހިސާބުން މިހާރު މީހުން ހުސްވާ އިރެއް ނުދޭ،" ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ގެ، މ. މާފަންނުވިލާ ކައިރީގައި ހުރި މީހަކު އިއްޔެ ބުންޏެވެ. އެއިރު ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެންދެވީ ގާސިމާ ބައްދަލުކުރައްވަމުންނެވެ. ދެ ބޭފުޅުން މަޝްވަރާކުރައްވަމުން ގެންދެވީ އަންނަ ހޮނިހިރުދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ގާސިމް ތާއީދުކުރެއްވުމާ ގުޅޭ ގޮތުންނެވެ. ގާސިމްގެ އަވަށްޓެރިޔާ ބުނީ ތެދެކެވެ؛ މިދިޔަ ހޮނިހިރުދުވަހު ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރަށް ފަހު އެ ހިސާބުން މީހުން ހުސްވާ އިރެއް ނުދެ އެވެ. ޕާޓީތަކުގެ އެންމެ މަތީ ލެވެލް އިން ފެށިގެން އެކި ފަންތީގެ ބޭފުޅުން ގާސިމްގެ ގެއަށް ވަޑައިގެން އޭނާއާ ބައްދަލުކުރައްވަމުން ގެންދަވަ އެވެ. ހޮނިހިރުދުވަހުގެ އިންތިޚާބުގެ ނަތީޖާ އެނގުމާ އެކު ހެން ޔާމީން ހަމަ އެ ރޭ ގާސިމާ ބައްދަލުކުރައްވާފައިވާ އިރު އެމްޑީޕީގެ މަންދޫބުންނާއި ޕީޕީއެމްގެ އިސް ފަރާތްތަކުން ވެސް ކެނޑިނޭޅި މާފަންނުވިލާ އަށް ވަޑައިގަންނަވަމުންދެ އެވެ. އެހެންކަމުން ގާސިމްގެ ގެ ވަނީ، މައުމޫނާއި ގާސިމްގެ ބައްދަލުވުން އިއްޔެ ކުރިއަށްދިޔައިރު އެތަނުގެ ބޭރުގައި ހުރި ސީނިއާ ނޫސްވެރިއަކު ސިފަކުރި ގޮތުގައި، "ވަގުތީ ގޮތުން ރިޔާސީ ގަނޑުވަރަކަށް" ވެފަ އެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނާއި އެ ބޭފުޅުންނާ ގުޅިފައިވާ ފަރާތްތަކުން މިދަނީ ގާސިމަށް ސަނާ ކިޔަމުންނެވެ. ފުރަތަމަ ބުރުގައި 96،747 ވޯޓް ލިބިވަޑައިގެން އެއް ވަނަ ކެންޑިޑޭޓެއްގެ ގޮތުގައި ދެވަނަ ބުރަށް ވަޑައިގެންނެވި އެމްޑީޕީގެ މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ގާސިމްގެ ތާއީދު ލިބުމަކީ މުހިއްމު ކަމެކެވެ. އެމަނިކުފާނު ސަރުކާރުގެ އެންމެ ފުރަތަމަ ހޯމް މިނިސްޓަރު ގާސިމްއާ ގުޅޭ ގޮތުން ހޯމަދުވަހުގެ ރޭ ޓީވީއެމުން ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވިދާޅުވެފައިވަނީ ތަރައްގީގެ މަސައްކަތްތައް ހިންގޭނީ ގާސިމާ އެކުގައި ކަމަށެވެ. އަދި ނަޝީދު ސަރުކާރުގައި ގާސިމް ހައްޔަރުކޮށްފައިވާތީ އެކަމަށް މައާފަށް އެދިވަޑައިގަތުމުން، އެމްޑީޕީ އަށް ވެސް މިހާރު ގާސިމް މުހިންމުވާ ވަރު އެނގެ އެވެ. "އަޅުގަނޑު ވަރަށް ބޮޑަށް އެދިގެން މި ހުންނަނީ އަޅުގަނޑުމެންނަށް... ގާސިމްގެ ތާއީދު ވެސް ލިބޭނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ. ހޮނިހިރުދުވަހުގެ އިންތިޚާބުގައި 61،295 ވޯޓު ހޯއްދަވައިގެން ގާސިމް ބަލިކުރައްވައި ދެވަނަ ބުރަށް ވަޑައިގެންނެވި ޔާމީން ވެސް ވަނީ ނަޝީދު ފަދައިން ގާސިމަށް އެކި ފަހަރު މަތިން ތައުރީފުކުރައްވައިފަ އެވެ. އެގޮތުން، ރޭ ކާނިވާ ސަރަހައްދުގައި ޕީޕީއެމުން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ސިފަކުރެއްވި ގޮތުގައި އިންތިޚާބުގެ ފުރަތަމަ ބުރުން ތިން ވަނަ ލިބިވަޑައިގެންނެވި ގާސިމަކީ ރާއްޖޭގައި ހުރި "އެންމެ ފުންނާބު އުސް ސިޔާސީ ޝަހުސިއްޔަތު" އެވެ. އޭނާ ވިދާޅުވީ ގާސިމް ޕީޕީއެމަށް ތާއީދުކުރެއްވުމަށް އަދިވެސް އެދިވަޑައިގަންނަވާ ކަމަށާއި ދިވެހި ރައްޔިތުންނަށް އެއަށްވުރެ ބޮޑު އުފަލެއް މި ވަގުތަކު ނެތް ކަމަށެވެ. ދެ ކެންޑިޑޭޓުން ވެސް ގަބޫލުކުރައްވަނީ ގާސިމްގެ ވިސްނުން އެ ބޭފުޅުންގެ ވިސްނުމާ އެއްގޮތް ކަމަށެވެ. އެމްޑީޕީން ބުނަނީ ރާއްޖެ އަށް އިސްލާހީ ބަދަލު ގެނައުމަށް އެ ޕާޓީން ގެންގުޅޭ ވިސްނުމާއި ގާސިމްގެ ވިސްނުމާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އާއި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް )އިބޫ( ހޯމަދުވަހުގެ ރޭ ގާސިމާ ބައްދަލުކުރެއްވުމަށް ފަހު ވެސް މީޑިއާ އަށް ވިދާޅުވީ އެމްޑީޕީގެ ފިކުރާއި ގާސިމް ތަސައްވުރާ އެއްވެސް ތަފާތެއް ނެތް ކަމަށެވެ. "އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރާއި ގާސިމްގެ ވިސްނުމާއި ފިކުރާ، ރާއްޖެ ތަރައްގީ ކުރުމުގައި ތަފާތެއް ނެތް. އެހެންވީމާ މުސްތަގުބަލުގައި އަޅުގަނޑުމެން މަސައްކަތް ނުކުރެވޭ ގޮތަކަށް ނޫން މި ދިޔައީ. އެކަން އަޅުގަނޑަށް ކަށަވަރު،" އިބޫ ވިދާޅުވި އެވެ. ޕީޕީއެމުން ވެސް ގަބޫލުކުރަނީ ގާސިމްގެ ވިސްނުން ހުރީ އެ ޕާޓީއާ އެއްގޮތަށް ކަމަށެވެ. އެގޮތުން ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ޕީޕީއެމްގެ މެނިފެސްޓޯގެ މައިގަނޑު އަސާސްތަކަކީ ގާސިމްގެ ވިސްނުން ކަމަށާއި ގާސިމަކީ ރާއްޖެއިން އިސްލާމްދީން ފޮހެވި ގޮސް، މިނިވަންކަން ގެއްލިގެން ދާން އެދިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އެހެންކަމުން ގާސިމްގެ ތާއީދު ޕީޕީއެމަށް އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ގާސިމްގެ ތާއީދު މުހިއްމު ކަމަށް ދެ ކެންޑިޑޭޓުން ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ. ސިޔާސީ ގޮތުން ބަލާއިރު ގާސިމަކީ ތިން ވަނަ އަށް އެންމެ ބޮޑު ޕާޓީގެ ލީޑަރެވެ. ހޮނިހިރުދުވަހުގެ އިންތިޚާބުގައި 48،131 ވޯޓު ގާސިމް ހޯއްދެވި އިރު ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާ ސެޕްޓެމްބަރު މަހު ބޭއްވި އިންތިޚާބުގައި ޔާމީނާއި ގާސިމަށް ލިބުނު ވޯޓުގެ ފަރަގަކީ ގާތްގަނޑަކަށް 3،000 އެވެ. އެހެންކަމުން، ގާސިމަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ތާއީދު ބޮޑު އެއް ބޭފުޅާ އެވެ. އެފަދަ ބޭފުޅެއްގެ ތާއީދު އިންތިޚާބު ކާމިޔާބުކުރުމަށް ކޮންމެ ކެންޑިޑޭޓަކަށް ވެސް މުހިއްމު ވާނެ އެވެ. ސިޔާސީ ދާއިރާ އަށް ވަދެވަޑައިގަތުމުގެ ކުރިން ވެސް ގާސިމަކީ އިޖުތިމާއީ ކަންކަމުގައި އުޅުއްވި ބޭފުޅެކެވެ. ހާއްސަކޮށް، ތައުލީމީ ދާއިރާއިންނާއި ސިއްހީ ދާއިރާ އިން ގިނަ ހިދުމަތްތަކެއް ކުރައްވައި، ގިނަ ބަޔަކަށް އެހީވެދެއްވާފައިވެ އެވެ. އެކަމުގެ ސަބަބުން ގިނަ ބައެއްގެ އިހުތިރާމާއި ގަދަރު ގާސިމަށް ކުރިއްސުރެން ފެށިގެން ލިބިފައިވެ އެވެ. އެއީ ސިޔާސީ ދާއިރާގައި ވެސް އޭނާގެ މަގުބޫލުކަން އިތުރުވުމަށް މެދުވެރިވި ސަބަބެކެވެ. އެކަން އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ އިތުރުން އެ ބޭފުޅުން ނިސްބަތްވާ ޕާޓީތަކުން ވެސް ފާހަގަކުރެ އެވެ. އެގޮތުން، ގާސިމާ ބައްދަލުކުރެއްވުމަށް ފަހު ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި މައުމޫން އިއްޔެ ވިދާޅުވީ ގާސިމަކީ ސަރުކާރުގެ ތެރެއިންނާއި އަމިއްލަ ހައިސިއްޔަތުން ވެސް ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ. އެގޮތުން ދަރިވަރުންނަށް ސްކޮލަޝިޕް ދެއްވުމާއި ވިލާ ކޮލެޖް އުފެއްދުވުމާއި ސިއްހީ ފަރުވާ ފޯރުކޮށްދިނުމުގެ އިތުރުން މައުމޫންގެ ދައުރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިރު ވެސް ގިނަ ހިދުމަތްތަކެއް ކުރެއްވި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. "އަޅުގަނޑު ދެކޭ ގޮތުގައި އެކަން އިތުރަށް ފުރިހަމަވެގެންދާނީ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކުރެއްވިއްޔާއޭ. އެއިރުން ރާއްޖެ އަށް ކުރިއަށް އޮތް ތާނގައި ތަރައްގީ އަައިސް، ގާސިމް ކޮށްދެއްވާފައިވާ ހިދުމަތްތައް ކުރިއަށްވުރެ ވެސް ފުރިހަމަވެގެންދާނީ،" ދޮޅު ގަޑިއެއްހާއިރުގެ ބައްދަލުވުމަށް ފަހު މައުމޫން ވިދާޅުވި އެވެ. މިފަހަރުގެ އިންތިޚާބާ ދިމާކޮށް ވެސް މިފެންނަނީ 2008ގެ އިންތިޚާބެކޭ އެއް ފަދަ މަންޒަރުތަކެކެވެ. އެ އިންތިޚާބުގައި ވެސް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތުމާ އެކު ގާސިމް ނިންމެވީ ދެވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް ނަޝީދަށް ތާއީދުކުރެއްވުމަށެވެ. އެގޮތަށް ގާސިމް ނިންމެވީ އެ ފަހަރުގެ އިންތިޚާބުގެ ދެވަނަ ބުރުގައި ނަޝީދާ ވާދަކުރެއްވި މައުމޫންގެ ޑީއާރުޕީއާ އެކު ކޯލިޝަން ހެދުމަށް ގާސިމް އިސްވެ ތަކުރާރުކޮށް ހުށަހެޅުއްވުމުން ވެސް އެކަމަށް އެ ޕާޓީން ޖަވާބެއް ނުދެއްވުމުންނެވެ. އެ ފަހަރު ގާސިމާ އެކު ކޯލިޝަން ހަދަން ޑީއާރުޕީގެ އިސް ސަފުގައި ހަރަކާތްތެރިވި ބޭފުޅުން ބޭނުމެއް ނުވި އެވެ. އެހެން ނަމަވެސް، 2008 ގެ އިންތިޚާބު ނަޝީދަށް ކާމިޔާބުކޮށްދޭން މަސައްކަތްކުރެވުނީތީ ގާސިމް ވަނީ އެކަމަށް މާފަށް އެދިވަޑައިގެންފަ އެވެ. ހޮނިހިރުދުވަހު ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގައި ވެސް ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރަން ނިންމެވީ އެ ތަޖުރިބާއަށް ބަލާފައި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އާދިއްތަދުވަހުގެ ރޭ ދެއްވި އޯޑިއޯ މެސެޖެއްގައި ގާސިމް ވިދާޅުވީ ކުރީގެ ތަޖުރިބާ އަށް ބަލާއިރު ރައީސްއަކަށް ވަޑައިގަންނަވާ ބޭފުޅަކު ވަކި ކަހަލަ ކަންތައްތަކެއް ކުރެއްވުމުން އެމީހަކު ވެރިކަމަށް ގެންނަން އިސްކޮށް އުޅުނު ފަރާތްތައް "ބަދުނާމުވެ، ލަދުގަންނަން ޖެހޭ" ކަމަށެވެ. "އަޅުގަނޑު މީގެ ކުރިން ވެސް ދަންނަވާފައި ވާނީ އެއްވެސް ބޭފުޅަކު ވެރިކަމަށް ގެންނަން ދެން މަސައްކަތެއް ނުކުރާނަމޭ. މިއަދު ވެސް އެގޮތުގައި އަޅުގަނޑު މިހުރީ... ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދިވެހި ރައްޔިތުންގެ ކުރިމަތީގައި މި ވަގުތު ދެ ކެންޑިޑޭޓަކު އެބަ ތިއްބެވި. އެ ދެ ކެންޑިޑޭޓުންގެ ތެރެއިން ގައުމުގެ ރައީސް ކަމަށް ބޭފުޅަކު އިހުތިޔާރު ކުރުން މިއަދު މިވަނީ ތިޔަ ލޮބުވެތި ރައްޔިތުންގެ އަތްމަތީގައި،" ގާސިމް ވިދާޅުވި އެވެ. ގާސިމްގެ ތާއީދު ހޯދުމަށް ދެ ކެންޑިޑޭޓުން ވެސް ކެނޑިނޭޅި މަސައްކަތްކުރަމުންދާ އިރު ގާސިމާ އެކު އިންތިޚާބުގެ ފުރަތަމަ ބުރުގައި މަސައްކަތްކުރި ފަރާތްތައް ވަނީ ބައިބައިވެފަ އެވެ. ގާސިމްގެ ބައެއް އަރިސް ބޭފުޅުން ނަޝީދަށް ތާއީދުކުރައްވާނެ ކަން ވަނީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އާއްމުކުރުމާ އެކު ހެން އިއުލާންކޮށްފަ އެވެ. އަނެއްކޮޅުން ގާސިމްގެ ޖުމްހޫރީ ޕާޓީ ފިޔަވައި ޖުމްހޫރީ ކޯލިޝަންގައި ހިމެނުނު ހުރިހާ ޕާޓީއެއް ވަނީ ޔާމީންގެ ފަހަތަށް އަރައިފަ އެވެ. މުޅި ގައުމު އިންތިޒާރުކުރަމުންދަނީ ގާސިމް ނިންމަވާނެ ގޮތަކަށެވެ. ވަކި ކެންޑިޑޭޓަކަށް ތާއީދުކުރުމާ މެދު އަލުން ގޮތެއް ނިންމުމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް ބާއްވާނެ ވަގުތަކަށް ހުރިހާ ފަރާތްތަކުން ވެސް ތިބީ ބަލަބަލަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ