އޮޑިޓް ކުރުމަށް ފަހު އިސްލާހުކުރުމަށާއި އެނޫންވެސް ގޮތްގޮތުން އަޅަން ޖެހޭކަމަށް އަންގާ އެންގުންތައް ތަންފީޒުނުކުރެވޭނަމަ އޮޑިޓް ކުރުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އޮޑިޓްއޮފީހުގެ އަންނަ އަހަރުގެ ބަޖެޓާބެހޭ ގޮތުން ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އޮޑިޓް ކުރަނީ ވަރަށް ބޮޑު ބޭނުމެއްގައި ކަމަށާއި އެ ބޭނުން ނުފުދޭނަމަ އެމަސައްކަތުގެ އަގެއް ނެތްކަމަށާއި މިހާރު ފެންނަ މަންޒަރުތަކުން އޮޑިޓް ކުރުމުގެ ބޭނުން ކެނޑެމުންދާކަމަށެވެ.
" އޮޑިޓް ކުރަނީ ބޭނުންތަކެއް ހުރެގެން. ރައްޔިތުންގެ ފައިސާއާއި މުދަލަށްވާގޮތް ބަލަން. އެކަން ބެލުމަށް ފަހު ގޯސްކޮށް ހުރިކަންތައްތައް ރަނގަޅުކޮށް އަދި ގޯސްކޮށް ކަންކުރި މީހާއާމެދު ފިޔަވަޅު އަޅަން އެންގުމުން އެކަން ނުކުރެވޭނަމަ ކޮބައިތޯ އޮޑިޓްކުރުމުގެ ބޭނުމެއް. ކޮރަޕްޝަނުން ގައުމު ސަލާމަތް ކުރާ ނަމަ އެކަންކަން ކުރަން ޖެހޭ،" އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި އޮޑިޓްކުރުމަށް ފަހު ހަމައެކަނި ރިޕޯޓެއް ނެރުމަކުން ނުފުދޭކަމަށާއި އެރިޕޯޓުގައިވާ ފިޔަވަޅުތައް ކަމާބެހޭ ފަރާތްތައް ގުޅިގެން ނަމަވެސް އަޅާ އެކަންކަން ތަންފީޒުކުރަންޖެހެއެވެ.
އޮޑިޓް އޮފީހުން ކުރާ މަސައްކަތުގެ އަގަކަށްވާނީ ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ހައްލުކޮށް އެކަންކަމާމެދު ފިޔަވަޅު އެޅުންކަމަށާއި ފިޔަވަޅު އަޅަމުންނުދާ ނަމަ އެކަމުން ލިބޭ ގެއްލުން ބޮޑުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
އޮޑިޓް އޮފީހުގެ ބަޖެޓާބެހޭ ގޮތުން ވާހަކަ ދައްކަމުން އޭދަފުށި ދާއިރާގެ މެމްބަރ އަހުމަދު ސަލީމް ވިދާޅުވީ ރައްޔިތުންގެ ފައިސާއަށް ހިޔާނަތްތެރިވެގެންނުވާނެކަމަށާއި ބަޖެޓް ފާސްކޮށް ހަވާލުކުރުމުން އެ ފައިސާއަކީ އެ އޮފީހެއްގެ ނުވަތަ އެތަނުގެ އިސް ވެރިޔާގެ ފައިސާކަމުގައިބަލައިގެންނުވާނެކަމަށެވެ.
ދައުލަތުގެ ފައިސާ ހޭދަކުރަންޖެހޭނީ އިންސާފުވެރިކަމާއެކު އަމާނަތްތެރިކަމާއެކުގައި ކަމަށާއި ދައުލަތުގެ ފައިސާއަކީ ރައްޔިތުންގެ ފައިސާކަމަށާއި އެފައިސާގައި ޖެހި ބޭނުންކުރާ މީހުންގެ މައްސަލަތައް ބެލެން ޖެހޭނެކަމަށާއި އެމީހުންނަށް ހައްގު އަދަބު ލިބެންޖެހޭނެކަމަށް ސަލީމް ވިދާޅުވިއެވެ.
ފިޔަވަޅު ނޭޅޭނަމަ އޮޑިޓްކުރުމުގެ ބޭނުމެއް ނެތް: އަލީ އާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ