ބިލް ތަސްދީގު ކުރިޔަސް މެމްބަރުންގެ އަދަދު ހަމަނުވެގެން މި ޕާޓީއެއް ނުއުވޭނެ: ގައުމީ އިއްތިހާދު

ސިޔާސީ ޕާޓީތަކުގެ ބިލް ރައީސް މުހައްމަދު ވަހީދު މިއަދު ތަސްދީގުކުރެއްވި ނަމަވެސް މެމްބަރުންގެ އަދަދު ހަމަނުވެގެން، އެމަނިކުފާނުގެ ޕާޓީ ގައުމީ އިއްތިހާދު ނުއުވޭނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ. ގައުމީ އިއްތިހާދު ޕާޓީގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ވިދާޅުވީ 10،000 މީހުންނަށް ވުރެ އިތުރަށް، މީހުން ހަމަކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން މެމްބަރުންގެ އަދަދު ހަމަނުވެގެން އެ ޕާޓީ އުވިގެންނުދާނެ ކަމަށް އައްބާސް ވިދާޅުވި އެވެ. "އަޅުގަނޑުމެން ވާނީ 10،000 އަށް ވުރެ އިތުރަށް އިލެކްޝަނަށް ފޯމު ހުށަހަޅާފައި. ހަގީގަތުގައި އަޅުގަނޑުމެންނަށް މުޅި ރާއްޖެއިން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދޭ. ރައީސް ވަހީދު މިދިޔަ ބުދަ ދުވަހުގެ ރޭ ވަނީ އިއުލާންކުރައްވާފައި ގައުމީ އިއްތިހާދު އުވިގެން ނުދާނެ ކަމަށް،" އައްބާސް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓީން 10،000 ފޯމު ހުށަހެޅިކަން އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ނުދައްކަނީ ފޯމުތައް އެންޓާނުކޮށް ހުރުމުންނެވެ. އެ ފޯމުތައް ހުށަހެޅި އަދަދު ސައިޓުގައި އާއްމުކުރާނީ އަންނަ އާދީއްތަ ދުވަހު ކަމަށް އިލެކްޝަނުން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިލެކްޝަންސްގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި ގައުމީ އިއްތިހާދު ޕާޓީގައި މިހާރު ތިބީ 3،930 މެމްބަރުންނެވެ. އަދި އެންޓާނުކޮށް 1،101 ފޯމު ހުރި ކަމަށް ދައްކަ އެވެ. ސިޔާސީ ޕާޓީތަކުގެ ބިލް ތަސްދީގުކުރައްވަން ލާޒިމްވާގޮތަށް މަޖިލީހުން ދެ ވަނަ ފަހަރަށް ފާސްކުރެއްވުމުން، އެ ބިލް ތަސްދީގު ނުކުރައްވައި ލަސްކުރައްވަނީ ރައީސް ވަހީދު ޕާޓީ އަށް މެމްބަރުން ހަމަނުވާތީ ކަމަށް ބޮޑެތި ޕާޓީތަކުން ވަނީ ތުހުމަތުކޮށްފަ އެވެ. އެހެން ނަމަވެސް އެ ބިލާ ގުޅޭގޮތުން ރައީސްގެ އަމިއްލަ މަސްލަހަތެއް ނެތް ކަމަށް އައްބާސް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ