މަގުމައްޗަށް ނުކުންނަން ޖެހުނީ ހައްގުތައް ނުލިބިގެން: ގާސިމް

ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށްޓަކައި މަގުމައްޗަށް ނުކުންނެވީ "ކާން ބޯނެ އެއްޗެއް ނުލިބިގެން ނޫން" ކަމަށާއި އަސާސީ ހައްގުތައް ނުލިބޭތީ، އެ ހައްގުތައް ރައްޔިތުންނަށް ހޯދައިދޭން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ. އެމްޑީޕީ އާއި ޖޭޕީ ގުޅިގެން ބޭއްވި ހިނގާލުމުގައި ގާސިމް ވިދާޅުވީ، ގާނޫނު އަސާސީގެ ދިފާއުގައި މަގު މައްޗަށް ނުކުންނަވަން ޖެހިވަޑައިގަތީ، އަދުލު އިންސާފު ގާއިމު ކުރުމަށާއި ނުފޫޒެއް ނެތި މުއައްސަސާތައް ހިންގުމަށް އަދި އަސާސީ ހައްގުތައް ފުރިހަމައަށް ބޭނުން ވެގެން ކަމަށެވެ. "އަނިޔާވެރިކަން ބޭނުންނުވާ ކަމަށް، އިންސާފު ބޭނުންވާކަން މިރޭ ފެނިގެން މިދަނީ،" ހިނގާލުމުގެ ބައިވެރިންނަށް އިޝާރަތް ކުރައްވައި، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވި އެވެ. އުސްފަސްގަނޑު ސަރަހައްދުން އެމްޑީޕީ/ޖޭޕީން ފެށި އެއްވުމުގެ ބައިވެރިން މިހާރު ތިބީ މަސްމާރުކޭޓާ ހިސާބުގަ އެވެ. އެ ސަރަހައްދުގައި ބެރިކޭޑް ޖަހައި ބަންދުކޮށްފައިވާއިރު، އެމްޑީޕީ/ޖޭޕީގެ މެމްބަރުން ދަނީ ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވަމުންނެވެ. "ރައްޔިތުންގެ ވެރިކަމެއް ރައްޔިތުންނަށް ލިބެން ޖެހޭނެ ކަމަށް ގަބޫލުކޮށްގެން މަސައްކަތް މި ކުރަނީ،" ގާސިމް ވިދާޅުވި އެވެ. މިރޭގެ އެއްވުމަށް އިޝާރަތް ކުރައްވައި ގާސިމް ވިދާޅުވީ ސަރުކާރަށް ދެއްކުމަށް ބޭނުންވާ މަންޒަރު "މިއޮތީ ފެންނަން" ކަމަށެވެ. ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ، މަގުމައްޗަށް ނުކުންނެވީ ގާނޫނު އަސާސީއާ ހިލާފަށް ސަރުކާރުން ކޮށްފައިވާ ކަންކަމުގެ އަޑު ސަރުކާރަށް ނީވުމުން ކަމަށެވެ. އެ ކަންކަމުގެ އަޑު އެހުމުގެ ބަދަލުގައި ފެންނަމުން ދަނީ، ސަރުކާރުން ތަކުރާރުކޮށް ގާނޫނާ ހިލާފަށް ކަންކަން ކުރާނެ ކަމުގެ ވާހަކަ ކަމަށް އަމީން ވިދާޅުވި އެވެ. "މިއަދު ހަވީރު ވެސް އެކަން ކުރެއްވީ އެހެން. މާދަމާ ވެސް އެކަން ކުރައްވާނީ އެހެން،" މިއަދު ހަވީރު ޕީޕީއެމުން ބޭއްވި އެއްވުމަށް އިޝާރާތް ކުރައްވައި އަމީން ވިދާޅުވި އެވެ. އެމްޑީޕީ އާއި ޖޭޕީން މި މަހުގެ 27 ގައި ބޮޑު އެއްވުމެއް ބާއްވަން ވަނީ ނިންމައިފަ އެވެ. ފެބްރުއަރީ 7، 2012 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވެފައި ވާއިރު، އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވިދާޅުވަނީ ފެބްރުއަރީ 27 އަކީ، ދެވަނަ "ފެބްރުއަރީ ހަތެެއް" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ