ގާނޫނުތަކަށް ފަނޑިޔާރުން އަހުލުވެރި ކުރެވޭނެ ނިޒާމެއްނެތް: މެމްބަރު ނަޝީދު

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތައް ކޯޓުތަކުގެ ފަނޑިޔާރުން އަހުލުވެރި ކުރެވޭނެ ރަނގަޅު ނިޒާމެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުއްދުފުށި ދެކުނު ދާއިރާގެ މެމްބަރު އަދި މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގެ މުގައްރިރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން މިދިއަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުހައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކަށް ކޯޓުތަކުގެ ފަނޑިޔާރުން އަހުލުވެރިކުރުވަންޖެހޭކަމަށާއި އެމަސައްކަތް ކުރަންޖެހެނީ ރާއްޖޭގެ ގާނޫނީ ވަކީލުން ކަމަށާއި ނަމަވެސް ވަކީލުންގެ ފަރާތުން އެފަދަ އެހީތެރިކަމެއް ހޯދަން ފަނޑިޔާރުން ބޭނުންނުވާ ކަމަށާއި، އަދި އެފަދަ ނިޒާމެއްވެސް ރާއްޖޭގައި ނެތްކަމަށެވެ.
"ނުކުންނަ މައްސަލައަކީ ރާއްޖޭގެ ފަނޑިޔާރުން ބޭނުމެއްނުވޭ ރާއްޖޭގެ ވަކީލުން އެމީހުންނަށް ޓްރެއިނިންގ ދޭކަށް. އެމީހުންގެ އާގިއުމަންޓަކީ (މިބަނީ) ތިމަންނަމެންގެ ކުރިމައްޗަކަށް ނޫންހޭ މާދަމާވެސް އެމީހުން މައްސަލައެއްގަ އަންނާނީ. ނަމަވެސް އެހެންގައުމުތަކުގަ ވެސް ގާނޫނީ ވަކީލުން އެކަންކަން ކޮށްދެނީ. ފަނޑިޔާރުންގެ ކުރިމައްޗަށް ހާޒިރުމުވުން ކޮންމެހެން ލާޒިމެއްނޫން ކިޔަވާދިން މީހަކަށް، ނުވަތަ ކޯހެއް ނަގާދިން މީހަކަށްވާތީވެ އޭނާއާ ދޭތެރޭ ވަކިގޮތަކަށް ދެކުން. މިސާލަކަށް އަޅުގަނޑުމެން ކިޔަވާދިން ކުދިން މިހާރު ފަނޑިޔާރުންނަށް އެބަތިބި. މާދަމާ އަޅުގަނޑުމެން އެފަނޑިޔާރުންގެ ކުރިމައްޗަށް ހާޒިރުވާން ޖެހިދާނެ ހަމަ ވަކީލެއްގެ ގޮތުގަ ވެސް. އަޅުގަނޑުމެން އުންމީދެއް ވެސް ނުކުރާނަން އަޅުގަނޑުމެން ކިޔަވާދިން ކުއްޖަކަށް ވާތީއޭކިޔާފަ އަޅުގަނޑުމެންނާ ދޭތެރޭ އެއްފަޅިއަށް ޖެހިގެން އިންނާކަށް. އެހެންވީމަ މިދެންނެވި ރިޒަވޭޝަންތައް އެމީހުންގެ ސިކުނޑީގަ ހުންނަތީ މީ ނުހިނގާކަމެއް،"ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުން ފާސްކުރާ ގާނޫނުތައް ކޯޓުތަކުގެ ފަނޑިޔާރުންނަށް ވަރަށް ރަނގަޅަށް އެނގެން ޖެހޭ ކަމަށާއި އެގާނޫނުތައް ބަލާ ދިރާސާ ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. މަޖިލީހުން ފާސްކުރާ ގާނޫނުތަކުގެ މަފްހޫމް ވަރަށް ރަނގަޅަށް އަހުލުވެރިވެފައިވާ ބަޔަކަށް ފަނޑިޔާރުންވާ ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ފާޑުފާޑުގެ ގާނޫނުތައް މިތަނުން ނެރެމުންދާ އިރު ރާއްޖޭގައިނެތް އެގާނޫނުތައް ފަނޑިޔާރުންނަށް ކިޔާދޭނެ ނިޒާމެއް. މިސާލަކަށް ޑްރަގް ގާނޫނު ނިކުތީމަ އެބޭފުޅުންގެ އަމިއްލަ ހައިސިއްޔަތުން އަޅުގަނޑުގެ ގާތުން އެދުމުން އަޅުގަނޑު ދިޔައިން ޑްރަގް ކޯޓުގެ ފަސް ފަނޑިޔާރުންނަށް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގަދޭން. އެކަމަކު ގެވެށި އަނިޔާގެ ބިލް ކަހަލަ މުޅިން އާ ކޮންސެޕްޓްތަކުގެ ބިލްތައް އާ މަފްހޫމަކަށް ހަދާފައިވާ ބިލްތައް (ޓެކްސް ބިލްތައް ކަހަލަ ބިލްތައް) އަންނައިރު އަޅުގަނޑުމެންގެ ފަނޑިޔާރުންނަށް އެދަސްކުރާކަށް ފަސޭހައެއްނޫން. ޓްރެއިނިންގ ދޭނެ ނިޒާމެއް ރާއްޖޭގަ ނެތް،" މަޝްހޫރު ގާނޫނީ ވަކީލު ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކުގެ މައުޟޫއަށް ހުނަރު އިތުރުކުރުމަށް ރާއްޖޭގައި ޕްރޮގްރާމްތަކެއް ނުހިންގޭ ކަމަށާއި ނަމަވެސް އެއީ ވަރަށް ބޭނުންތެރި ކަމެއްކަމަށެވެ.
"އިހަކަށް ދުވަހު އާއްމު ކުރައްވައިފި އެޓާނީ ޖެނެރަލްގެ އޮފީހުން ބާ އެސޯސިއޭޝަންގެ ބިލް ތައްޔާރުކޮށްފަ، ލީގަލް ޕްރޮފެޝަން އެކްޓާ އޭގެ ގާނޫނު ޑްރާފްޓްގެ ބިލެއް އާއްމު ކުރައްވައިފި ކޮންސަލްޓޭޝަން ހޯދުމަށް. އޭގެ ދަށުން ސެޗިއުޓަރަލީ އުފެދޭނެ ބާ އެސޯސިއޭޝަނެއް. ބައެއްތަންތަކުގައި ލޯ ސޮސައިޓީ، ބާ އެސޯސިއޭޝަނޭ ކީމަ އެނަން ބޭނުންކޮށްގެން ރާއްޖޭގައި ލޯ ސޮސައިޓީ ކިޔާތަނެއް އުފެއްދި. އެހެންނަމަވެސް އެތަން އެހާއެދޭވޭ ގޮތަށް ކުރިއަކަށްނުދިޔަ. ނަން ލޯ ސޮސައިޓީ ކިޔަސް އެހެން ގައުމުތަކުގައި ލޯ ސޮސައިޓީއަށް ސެޗިއުޓަރަލީ ބާރު ލިބޭ އެއްޗަކަށްވެފަ، ހާއްސަ ކަންތަކެއް ކުރޭ. ރާއްޖޭގެ ލޯ ސޮސައިޓީއަށް އެފުރުސަތެއް ނުލިބޭ. އެހެންވީމަ ބާ އެސޯސިއޭޝަނެއްގެ ދަރަޖައާއި ހައިސިއްޔަތާ ސިފަ މިއަންނަނީ ގާނޫނު ތެރެއިން އުފެދިގެން. އޭރުން އޮފިސަލް ބާ އާއި ޕްރައިވެޓް ބާ ވެސް އުފެދޭނެ. ދައުލަތުގެ ރަސްމީ މަގާމުތަކުގައި ގާނޫނީ ވަކީލުކަން ކުރާ ފަރާތްތައް އޮފިސަލް ބާއަށް ގޮސް އަދި ޕަރައިވެޓް ސެކްޓާގައި ގާނޫނީ ވަކީލުކަން ކުރާމީހުންނަށް ޕްރައިވެޓް ބާ އުފެދޭނެ. އޭރުން އެކޮމްޕޯނަންޓް ފުރިހަމަ ވެގެން އަންނާނީ. އެ ލީގަލް ޕްރޮފެޝަން އެކްޓް ރާއްޖޭގަ އައީމަ،" ރާއްޖޭގައި އޮފިސަލް ގާނޫނީ މުއައްސަސާއަކާއި ޕްރައިވެޓް ގާނޫނީ މުއައްސަސާއެއް ކުރިއަށް އޮތްތާގައި އުފެދޭނެކަމަށް އުއްމީދުކޮށް ފުއްނާބުއުސް ގާނޫނީ ވަކީލު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ