ބޯޑާ ކޮންޓްރޯލް މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުން ވެސް ނިންމާލައިފި

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ބޯޑާ ކޮންޓްރޯލް މަޝްރޫއުގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ބުދަދުވަހު ނިންމާލައިފި އެވެ. ބޯޑާ ކޮންޓްރޯލް މަޝްރޫއުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ބަލަނީ އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިނުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން އެންގި އެންގުމުގެ މައްސަލަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާ މެލޭޝިއާގެ ނެކްސްބިޒް ކުންފުނިންނެވެ. އެ ކުންފުނިން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އޭސީސީގެ އެ އެންގުމަށް އަމަލުކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން ހުކުމްކުރުމާ ގުޅިގެންނެވެ. އެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ފެށީ ވެސް ބުދަދުވަހު އެވެ. އަދި ދައުވާކުރާ ނެކްސްބިޒާއި ދައުވާ ލިބޭ އޭސީސީގެ ވާހަކަތަކަށް ފަހު އިއްޔެ ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފަ އެވެ. އެ މައްސަލަ ބަލަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. އެ މައްސަލައިގެ އަޑުއެހުންތައް ރާއްޖޭގެ އެންމެ މަތީ ކޯޓުން ނިންމާލިއިރު އެ މަޝްރޫއުގެ އެއްބަސްވުން ބާތިލްކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެގޮތަށް ފާސްކުރީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އޮއްވަ އެވެ. ނަމަވެސް ޝަރުއީ މަރުހަލާގައިވާ އެއްވެސް މައްސަލައަކަށް ނުފޫޒު ފޯރާ ފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކަށް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ އަމުރުކޮށްފަ އެވެ. ބޯޑާ ކޮންޓްރޯލް މަޝްރޫއުގެ މައްސަލަ ހައި ކޯޓުގައި ހިނގިއިރު އެ މަޝްރޫއުގެ މަސައްކަތް މަޑުޖައްސާލަން ހައި ކޯޓުން ނެރުނު ދެ އަމުރު ވެސް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. ފުރަތަމަ ފަހަރު އަމުރު ނެރެފައި ވަނިކޮށް އެ މައްސަލަ އޭރު ބެއްލެވީ ޣައިރު ގާނޫނީ ބެންޗަކުން ކަމަށް ބުނެ އެ ބެންޗުގެ އެންމެހައި ނިންމުންތަކާއި އަމުރުތައް ސުޕްރީމް ކޯޓުގެ އަމުރަކުން ބާތިލްކުރި އެވެ. އެ އަމުރާ އެކު ދެވަނަ ފަހަރަށް އެ މައްސަލައިގެ އަޑުއެހުންތައް ފަށާ އެ މަޝްރޫއުގެ މަސައްކަތް މަޑުޖައްސާލަން ދެވަނަ ފަހަރަށް އަމުރު ނެރުމުން އެ އަމުރު ވެސް ސުޕްރީމް ކޯޓުން ބާތިލްކުރި އެވެ. އެ އަމުރު ބާތިލްކުރީ އެ އަމުރުގެ މައްސަލަ ނެކްސްބިޒުން ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ