ޝަރުއީ ދާއިރާ ހަރުދަނާ ކުރަން ލޯ ރިފޯމް ކޮމިޓީއެއް ސުޕްރީމް ކޯޓުން އުފައްދައިފި

ޝަރުއީ ދާއިރާ މިހާރަށް ވުރެ ހަރުދަނާ ކުރުމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި ލޯ ރިފޯމް ކޮމިޓީއެއް ސުޕްރީމް ކޯޓުން މިއަދު އުފައްދައިފި އެވެ. ސުޕްރީމް ކޯޓުން ނެރުނު ބަޔާނުގައި ބުނީ "މަލްޓި ސްޓޭކް ހޯލްޑާ ޖުޑީޝަލް ސެކްޓާ ލޯ ރިފޯމް" ކޮމެޓީ އުފެއްދީ، ގާނޫނު އަސާސީގެ ދަށުން ރާއްޖެ އަށް ގެންނަން ޖެހޭ އިޖުތިމާއީ، ސިޔާސީ އަދި އިގްތިސާދީ ހެޔޮ ބަދަލުތަކާ ފައި ހަމަކޮށް، އެ ކަންކަމަށް މަގު ދެއްކުމާ އެކު، ރާއްޖޭގެ ޑިމޮކްރެސީގެ ވެށި ހިޔާމަތްކުރެވޭނެ ފަދަ ދާއިރާ އަކަށް ޝަރުއީ ދާއިރާ ހެދުމަށް ކަމަށެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމާއި މަދަނީ އަދުލުގެ ނިޒާމްގެ އިތުރުން ކުޑަކުދިންގެ އަދުލުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަކީ ވެސް އެ ކޮމެޓީ އުފެއްދި ސަބަބެއް ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ، ސުޕްރީމް ކޯޓުން ބުނިގޮތުގައި، އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ މެމްބަރުންނާއި ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ހޯމް މިނިސްޓަރު އުމަރު ނަސީރާއި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދުގެ އިތުރުން ޕްރޮސިކިއުޓަ ޖެނެރަލެވެ. މިވަގުތު ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމު އޮތީ ހުސްކޮށެވެ. "މި ކޮމެޓީގެ މެންޑޭޓުގެ ތެރޭގައި ކަމާ ބެހޭ ގާނޫނުތަކަށާއި ގަވައިދުތަކަށާއި ޕްރޮސީޖަތަކަށާއި ޕްރެކްޓިސް ރޫލްތަކަށް ގެންނަން ޖެހޭ އިސްލާހުތައް ދެނެގަނެ، ކަމާބެހޭ ގޮތުން ނިންމަން ޖެހޭ މުހިއްމު ނިންމުންތައް ނިންމުން ހިމެނެ އެވެ،" ސުޕްރީމް ކޯޓުގެ ބަޔާނުގައިވެ އެވެ. އެ ކޯޓުން ބުނީ ޝަރުއީ ދާއިރާ އަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް، ޕޮލިސީތައް ކަނޑައަޅައި ނިންމުންތައް ނިންމުމަށް އެ ކޮމެޓީގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެ ކޮމެޓީގެ މަސައްކަތް އަވަސްކުރުމަށްޓަކައި، ކަމާއި ބެހޭ ދާއިރާތަކުގެ މައްޗަށް އެކުލަވާލެވޭ ޓެކްނިކަލް ކޮމެޓީތައް އުފެއްދުމާއި އެކަމާ ބެހޭ އެންމެހާ މަސައްކަތްތަކުގެ ސެކްރެޓޭރިއަޓް ބަލަހައްޓާނީ ސުޕްރީމް ކޯޓުން ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ