ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށް ބުނެ އިންތިހާބު ބާތިލްކޮށްދިނުމަށް ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ތިން މީހެއްގެ ހެކިބަސް މިއަދު ޝަރީއަތަށް ހުށަހަޅައިފި އެވެ.
މިމައްސަލައިގެ ހަތަރުވަނަ އަޑުއެހުން ފެށުމުގެ ގޮތުން ރިޔާސަތު ބެލެހެއްޓެވި އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސެއިން މިއަދު ވިދާޅުވީ މިއަދުގެ އަޑުއެހުމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ޗިޓް ހަވާލުކުރެވުނު ތިން ފަރާތުގެ ހެކިބަސް ނެގުން ކަމަށެވެ.
ހެކިންގެ ހެކިބަސް ނަގާ ނިމުމުން މައްސަލައިގައި ދައުވާ ކުރާ ފަރާތާއި ދައުވާ ލިބޭ ފަރާތުގެ އިތުރުން މައްސަލައިގައި ތަދައްހުލުވެފައިވާ ފަރާތްތަކަށް މައްސަލައިގައި ވާހަކަ ދެއްކުމަށް އިތުރު ފުރުސަތު ދެއްވާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ޖުމްލަ ތިން ފަރާތެއްގެ ހެކި ބަސް ނަގާފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 2 ފިރިހެނުންނާއި އަންހެނެކެވެ. ހެކި ބަސް ނަގާފައިވަނީ ޖުމްހޫރީ ޕާޓީން ޝަރީއަތުގެ މަޖިލީހުގައި އެދިފައިވާ ގޮތަށް ކާކުކަން ނޭނގޭ ގޮތަށް ސިއްރުންނެވެ.
އެންމެ ފުރަތަމަ ހެކި ބަސް ދިން ފަރާތުން ބުނެފައިވަނީ، މިމަހުގެ 7 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމަށް ދިޔަ ކަމަށާއި، އޭނާ ދިޔައިރު އޭނާގެ ނަމުގައި ވޯޓުލާފައިވާ ކަމަށެވެ. އެ ޝަކުވާ ހުށަހެޅުމުން އެ ފޮށި ބެލެހެއްޓުމުގައި ތިބި އޮފިޝަލުން މަޝްވަރާކުރެއްވުމަށްފަހު ވޯޓުލުމަށް ފުރުސަތު ދީފައިވާ ކަމަށް އޭނާ ބުންޏެވެ.
މިއަދު ހެކި ބަސް ދިން އަންހެން މީހާ ބުނެފައިވަނީ އޭނާ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައި ނުވާ ކަމަށާއި ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައި ނުވަނީ ދާއިމީ އެޑްރެސް އޮތް ސަރަހައްދުގައި ވޯޓުލުމަށް ކަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ ވޯޓުލުމަށް އައިޑީކާޑު ހިފައިގެން ދިޔައިރު އޭނާގެ ނަން ލިސްޓުގައި ނެތުމުގެ ސަބަބުން ވޯޓުލުމުގެ ހައްޤުން މަހުރޫމުވެފައިވާ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން އެއްވެސް ގޮތަކަށް މައުލޫމާތު ސާފުކުރައްވާފައި ނުވާ ކަމަށާއި، ވޯޓުލާ މީހުންގެ ލިސްޓުގައި ނަން ނެތުމުން އަނބުރާ ގެއަށް ދިޔައީ ކަމަށްވެސް އޭނާ ބުންޏެވެ.
މިއަދުގެ ޝަރީއަތުގައި އެންމެ ފަހުން ހެކި ބަސް ދިނީ ވޯޓު ފޮއްޓަކާއި ހަވާލުވެ ހުރި އިލެކްޝަންގެ އޮފިޝަލެކެވެ. އޭނާ ބުނެފައިވަނީ އިންތިހާބުގެ ވޯޓުލުން ފެށިއިރު ކިޔު ނަމްބަރު ދޫކުރުމަށް ބޭނުންކުރި ނެޓްބުކް ބޭނުންކުރެވިފައި ނުވާ ކަމަށާއި، އޭގެ ބޭނުން ނުކުރެވުނީ އެ ބޭނުންކުރުމާއި ހަވާލުވެ ހުރި އޮފިޝަލަށް އެ ބޭނުންކުރަން ނޭނގުމުގެ ސަބަބުން ކަމަށެވެ. އަދި ބުނެފައިވަނީ ނެޓްބުކްގެ ބޭނުން ނުކުރެވުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ ގޮތަށް ވޯޓު ފޮއްޓާއި އެކު ފޮނުވާފައިވާ ލިސްޓަށް ބަލައިގެން ވޯޓުލުން ކުރިއަށް ގެންދިޔަ ކަމަށާއި، އަދި ކިޔު ހަމައަކަށް އެޅުމުން ނެޓްބުކަށް ވޯޓުލީ މީހުންގެ ނަންތައް އެންޓާ ކުރުމުގެ މަސައްކަތް ކުރި ކަމަށެވެ.
އެގޮތުން ނަންތައް އެންޓާ ކުރުމުގެ ތެރޭގައި ފަސް މީހެއްގެ ނަން ނެޓްބުކަށް އެންޓާ ނުކުރެވުނު ކަމަށާއި، އެ ފަސް ނަން އެންޓާ ކުރުމުން ވޯޓުލާފައިވާ ކަމަށް ދައްކާ ކަމަށެވެ. ވޯޓުލާން ފެށުމާއި އެކު ވޯޓުލުމަށް ދިޔަ މީހުންގެ ތެރޭގައި ރަށުން ބޭރުން އައިސް ތިބި ފަސް މީހަކު ތިބި ކަމަށާއި، އެމީހުން ވަކިކުރަން ވެސް އެނގޭނެ ކަމަށް އެ ފަރާތުން ހެކިބަސް ދެމުން ބުނެފައިވެ އެވެ. އަދި ދިމާނުވެގެން މައްސަލަ ޖެހިފައިވާ ކަމަށް ބެލެވެނީ ރަށުން ބޭރުން ވޯޓުލުމަށް އައި މީހުން ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
ޖުމްހޫރީ ޕާޓީގެ ވަކީލު ޑރ. ހަސަން ސައީދު ކުރެއްވި ސުވާލަށް ޖަވާބު ދެމުން އެ ފަރާތުން ބުނެފައިވަނީ އެ މީހުންނަށް އެންމެ ކައިރިން ވޯޓު ފޮއްޓެއް ހުރި ރަށަކަށް ސްޕީޑް ލޯންޗެއްގައި 10 މިނެޓުން ދެވޭނެ ކަމަށެވެ. އަދި އޭނާ ބަލަހައްޓަމުން ދިޔަ ފޮއްޓަށް އެކަކު ދެފަހަރަށް ވޯޓު ދީފައިނުވާކަން ކަށަވަރުކޮށްދޭ ކަމަށާއި، އެހެން ފޮއްޓަކަށް ވޯޓުލުމުގެ ފުރުސަތު ނަން ލިސްޓުގައި އޮތްކަމަށްވާނަމަ ލިބޭނެ ކަމަށެވެ. ވޯޓުލީކަން އެނގޭނެ އޮތް ހަމައެކަނި ގޮތަކީ އަތުގައި ޖަހާ ފާހަގަ ކަމަށާއި، އެ ފާހަގަވެސް ފޮހެލެވޭނެ ގޮތްތައް ހުރެދާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
މިއަދުގެ އަޑުއެހުން އުއްތަމަ ފަނޑިޔާރު ނިންމަވާލެއްވީ މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެ ދުވަހެއް ވަރަށް އަވަހަށް އަންގަވާނެ ކަމަށް ވިދާޅުވަމުންނެވެ.
ސުޕްރީމް ކޯޓުގެ ޝަރީއަތަށް ތިން މީހަކު ހެކި ބަސް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ