ޓަގާއި ބާޖު ފުން ނުކުރެވެނީ މޫސުން ގޯސްވުމުގެ ސަބަބުން: އީޕީއޭ

މިދިޔަ ޑިސެމްބަރު 27 ގައި ކ. ފުށިދިއްގަރުފަރަށް އެރި "މެއިންލޭންޑް ޝިޕިން"ގެ ޓަގާއި ބާޖު އަދިވެސް ފުން ނުކުރެވެނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ. މި ޓަގާއި ބޯޓު ފަރަށް އެރީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތައް ހަދަން އިންޑިއާ އިން ހިލަ ހިފައިގެން އައި މަގުމަތީގަ އެވެ. އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ފުށިދިއްގަރު ފަރަށް ޓަގާއި ބާޖު އެރި މައްސަލަ ކޯސްޓްގާޑާއި އެހެން މިނިސްޓްރީތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ. "ބާޖާއި ޓަގް ފަރަށް އެރި ދުވަހުން ފެށިގެން ބާޖާއި ޓަގް ފުންކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުންނާއި އެހެނިހެން ދަތިތަކާ ހެދި މިހާތަނަށް މި ބޯޓާއި ބާޖު ވަނީ ފުންކުރެވޭ ގޮތް ނުވެފަ އެވެ،" ބަޔާނުގައިވެ އެވެ. ފުށިދިއްގަރު ފަރަށް ޓަގާއި ބޯޓެއް އަރާފައިވާއިރު، "އެޓޯލް އެކްސްޕްލޯރާ" ނަމަކަށް ކިޔާ ސަފާރީއެއް ޅ. ކުރެންދޫ ބަނދަރުގެ އިރުމަތީ ފަރާތު ފަރަށް މިދިޔަ ބުދަދުވަހު އަރާފައިވާ ކަމަށް ވެސް އީޕީއޭ އިން ބުނެ އެވެ. އެ އިދާރާ އިން ބުނިގޮތުގައި އެ މައްސަލަ ވެސް ކަމާއި ގުޅޭ ފަަރާތްތަކާ އެކު އަންނަނީ ބަލަމުންނެވެ. ކުރެންދޫ ބަނދަރުގެ އިރުމަތީ ފަރަށް އެރީ މިންޓް ނަމަކަށް ކިޔާ ކުންފުންޏެއްގެ ސަފާރީއެއް ކަމަށް އީޕީއޭ އިން ބުންޏެވެ. އީޕީއޭގެ އޮފިޝަލަކު ވިދާޅުވީ ބާޖާއި ޓަގު ފުން ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނާތީ ފަރަށް ލިބިފައިވާ ގެއްލުމެއް އަދި ނޭނގޭ ކަމަށެވެ. އެއްވެސް އުޅަނދެއް ފަރަކަށް އަރައި، އެ ފަރަކަށް ގެއްލުން ވެއްޖެ ނަމަ، އެ އުޅަނދެއްގެ ވެރި ފަރާތް ވަރަށް ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ