ޕީޕީއެމްއަކީ އިސްލާމް ދީނަށްޓަކައި އުފެދިފައިވާ ޕާޓީއެއް: ރައީސް މައުމޫން

ޕީޕީއެމްއަކީ އިސްލާމް ދީނަށްޓަކައި އުފެދިފައިވާ ޕާޓީއެއް ކަމަށް އެޕާޓީގެ އިންތިގާލީ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރޭ އާޓިޕިޝަލް ބީޗުގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމްއިން މަސައްކަތް ކުރަމުން އަންނަނީ އިސްލާމް ދީނުގެ ބަސް މަތިވެރިކޮށް މާތް ﷲ ގެ ކަލިމަފުޅު މަތިވެރި ކުރުމަށް ކަމަށެވެ.
އިސްލާމް ދީނަކީ ހަމައެކަނި ދުނިއޭގެ ބާއްޖަވެރިކަމަށް ގޮވާލާ ދީނެއް ނޫން ކަމަށާއި، އިސްލާމް ދީނަކީ ހަމައެކަނި އަޅުކަން ކޮށްގެން ތިބެން އަންގަވާފައިވާ ދީނެއް ނޫންކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
"އިސްލާމް ދީނުގައި އަޅުކަންކުރުމުގެ އިތުރަށް އާހިރަތް ދުވަހަށް ޓަކައި އަދި ދުނިއޭގެ ކުރިއެރުމަށްޓަކައިވެސް މަސައްކަތް ކުރަން އަންގަވާފައިވޭ،" ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ދުނިޔޭގައި މިހާރު އެންމެ އަވަހަށް ފެތުރެމުން އަންނަނީ އިސްލާމް ދީން ކަމަށާއި، އެއީ އިސްލާމް ދީނުގައި މާތް ﷲ އާއި އިންސާނުންނާއި ދެމެދު އެއްވެސް ހަކަލަ ހުރަހެއް ނެތުމުން ކަމަށެވެ. އަދި އިސްލާމް ދީނަކީ ވަކި ކުލައެއްގެ ވަކި ފަރުދަކަށް އެކަނިވާ ދީނެއް ނޫން ކަމަށާއި އެމެރިކާ އަދި ޔޫރަޕް ގައުމުތަކުގައި މިހާރުވެސް ނަސްލީ ތަފާތު ކުރުން ތަކުގެ މައްސަލަ ބޮޑު ކަމަށް މައުމޫން ވިދާޅުވިއެވެ.
"ބުއްދި ގަބޫލް ނުކުރާ އެއްވެސް ކަމެއް ނެތް އިސްލާމް ދިނަކު ނެތް. އެއްވެސް އަގީދާއެއް އަދި އުސޫލެއްވެސް ނެތް. މިހެން މިކަން އޮތްއިރު ބައެއް އެހެން ދީންތަކުގައި މިކަން އޮތީ އެހެނެއް ނޫން،" ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ