ސިވިލްސާރވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ފަހުމީ ހަސަން އެ ކޮމިޝަނުގެ އަންހެން މުވައްޒަފަކާއި ޖިންސީ ގޯނާކުރިކަމަށްބުނެ ހުށައަޅާފައިވާ މައްސަލަޔަކީ އެއްވެސް އަސާސެއްނެތް މައްސަލައެއްކަމަށާއި މައްސަލާގައި ދިވެހިރާއްޖޭގެ ކޯޓަކުން ޝަރުޢީ ހުކުމެއް ކުރުމުގެ ކުރިން އިސްތިއުފާ ދެއްވުމަކީ ހަމަޖެހޭކަމެއް ނޫންކަމަށް ފަހުމީ ވިދާޅުވެއްޖެއެވެ.
މިމައްސަލަ ބަލަމުންގެންދާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ފަހުމީ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ސީއެސްސީގެ އަންހެން މުވައްޒަފަކާއި ޖިންސީ ގޯނާކުރިކަމަށްބުނެ އެކޮމެޓީއަށް ހުށައެޅިފައިވާ މައްސަލަޔަކީ ފަހުމީގެ އަބުރާއި ޝަރަފު ގެއްލޭގޮތަށް އަޅުވާފައިވާ ދޮގު ތުހުމަތުތަކެއްކަމަށެވެ.
"އަޅުގަނޑުގެ ހައްޤުތައް ނިގުޅައިގަނެ އަޅުގަނޑާއިމެދު އެއްވެސް ހައްގަކާއިނުލައި އަނިޔާވެރިވުމުގެ މަގުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުހައްސަސާތަކާއި ބެހޭ ކޮމެޓީއަށް މީހަކު ހުށައަޅާފައިވާ އެއްވެސް އަސާސެއްނެތް ދޮގު ދައުވާއެއްކަން އަޅުގަނޑު ފާހަގަ ކުރަމެވެ. އަދި އަޅުގަނޑުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސަތަކާއި ބެހޭ ކޮމެޓީން ފިޔަވަޅުއެޅުން ވެގެންދާނީ އަލަށް ގާއިމްކުރެވޭ ޕްރެސީޑެންޓެކެވެ" ފަހުމީ ކޮމެޓީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.
އަދި ރާއްޖޭގެ ސިޔާސީ މަޝްރަހު މިއަދު އޮތްގޮތުން މިބާވަތުގެ ތުހުމަތުތަށް މިނިވަން މުއައްސަސާތަކުގެ ކުށެއްނެތް އެހެންވެރިންނަށާއި މަދަނީ އަދި ސިޔާސީ ފަރާތްތަކުގެ މައްޗަށް ކުރެވިގެން ދާނެކަމުގެ ޔަޤީންކަން ލިބިވަޑައިގެންފައި ވާކަމަށްވެސް ފަހުމީ ވިދާޅުވެފައިވެއެވެ.
އަދި އެއްވެސް ހެތްކެއްނެތި އެއީ ފަހުމީ ހިންގެވިކަމެއްކަމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ނިންމި ނިންމުމާއިމެދު ހިތާމަކުރައްވާކަމަށާއި އަބުރާއި ޝަރަފު ވެއްޔާއި މޮޑެލުމަށް މިފަދަ މައްސަލައެއް ހުށައެޅިނަމަވެސް ގޮތެއް ނިންމަންވާނީ އިސްލާމީ ޝަރީއަތުންނާއި ޤާނޫނު އަސާސީން ލިބިދީފައިވާ އަސާސީ ހައްޤުތަކާއި މިނިވަންކަމުން މަހުރޫމް ނުވާނެ ގޮތެއްގެ މަތިންކަމަށްވެސް ފަހުމީގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
ފަހުމީގެ މައްޗަށް ކުށްސާބިތުވާކަމަށް ކަނޑައަޅައި ފަހިމީ އިސްތިއުފާ ދިނުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ދިން މުއްދަތު މިހާރުވަނީ ހަމަޖެހިފައެވެ. ސިޓީގައި ފަހުމީ ވިދާޅުވެފައިވަނީ އެފަދަ އަމަލެއް ހިންގާފައި ނުވާނެކަމަށާއި ދިވެހިރާއްޖޭގެ ކޯޓަކުން މައްސަލައިގެ ފައިސަލާ ކުރަނިވި ހުކުމެއް ކުރުމުގެ ކުރިން އިސްތިއުފާ ދިނުމަކީ ހަމަޖެހޭކަމެއް ނޫންކަމުގައެވެ.
ސީއެސްސީގެ އަންހެން މުވައްޒަފަކާއި ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލައިގެ ތަހުގީގް ނިންމައި ފުލުހުން މިއަދުވަނީ ޕީޖީއަށް މައްސަލަ ފޮނުވާފައެވެ.
ޝަރުއީ ހުކުމެއް ކުރުމުގެ ކުރިން އިސްތިއުފާ ދިނުމަކީ ހަމަޖެހޭކަމެއްނޫން: ފަހުމީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ