ތައިލެންޑް ސަރުކާރުން އެޤައުމުގެ ޤާނޫނު އަސާސީ އިސްލާހު ކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށްޓަކައި އެޤައުމުގެ އިދިކޮޅު ފަރާތްތަކުން ތައިލެންޑްގެ ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފިއެވެ.
އިދިކޮޅު ފަރާތްތަކުން މިމައްސަލަ ކޯޓަށް ހުށަހެޅީ ވެރިކަން ކުރަމުން ގެންދާ ޕުއަރ ތައި ޕާޓީން އެޤައުމުގެ ޤާނޫނު އަސާސީ އިސްލާހު ކުރުމަށް މަސައްކަތް ކުރަމުން ގެންދަނީ ތައިލެންޑްގައި އޮތް ވިރާސީ ރަސްކަން ނިމުމަށް ގެނައުމަށާއި، ވެރިކަމުން ދުރުކޮށްފައިވާ ކުރީގެ ބޮޑުވަޒީރު ތަކްސިންގ ސިނަވަޓްރާ އަލުން ވެރިކަމަށް ގެނައުމަށް ތަކްސިންގެ ކޮއްކޮ އަދި މިހާރުގެ ބޮޑުވަޒީރު ޔިންގްލަކް ސިނަވަޓްރާ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރުމަށްފަހުއެވެ.
މިމައްސަލައިގައި ކޯޓުން ގޮތެއް ނިންމުމަށް މަސައްކަތް ކުރަމުން ދިޔަ ވަގުތު ތައިލެންޑްގެ އިދިކޮޅު ޑިމޮކްރެޓް ޕާޓީގެ ސަޕޯޓަރުން ވަނީ ކޯޓުގެ ކުރިމަތީގައި ވަރުގަދަ މުޒާހަރާ ތަކެއް ކޮށްފައެވެ. އެހެންކަމުން މިމައްސަލަ ކޯޓުގައި ކުރިއަށް ދިޔަ ވަގުތު ސަލާމަތީ ފަރާތްތަކަށް ނިސްބަތްވާ 500 އެއްހާ މީހުން ޑިއުޓީއަށް ނެރެ އެސަރަހައްދުގައި ވަނީ ވަރުގަދަ ސަލާމަތީ ފިޔަވަޅު ތަކެއް އަޅާފައެވެ. އަދި ހަމަ އެވަގުތު ވެރިކަން ކުރާ ޕުއަރ ތައި ޕާޓީއަށް ތާއީދު ކުރާ ފަރާތްތަކުން ގެންދިޔައީ ތައިލެންޑް ސަރުކާރުން އެޤައުމުގެ ޤާނޫނު އަސާސީ އިސްލާހު ކުރުމަށް ކުރަމުންދާ މަސައްކަތް އަވަސް ކުރުމަށް ގޮވާލާ ޤާނޫނު ހަދާ މަޖިލީހުގެ ކުރިމަތީގައި އަޑު އުފުލަމުންނެވެ.
ވެރިކަން ކުރާ ޕުއަރ ތައި ޕާޓީއަށް ނިސްބަތްވާ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވިދާޅުވީ އެޤައުމުގެ ޤާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހެނީ މިހާރުގެ ޤާނޫނު އަސާސީއަކީ ތައިލެންޑްގެ އަސްކަރިއްޔާއިން އެކުލަވާލާފައިވާ ޤާނޫނު އަސާސީއަކަށްވެފައި އެޤާނޫނު އަސާސީއަކީ މިހާރުގެ ދިމިގްރާތީ އުސޫލުތަކާއި އެއްގޮތަށް އެކުލަވާލާފައިވާ ޤާނޫނު އަސާސީއަކަށް ނުވާތީއެވެ.
ތައިލެންޑްގައި 2007 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން ގެންދާ މިހާރުގެ ޤާނޫނު އަސާސީއަކީ 2006 ވަނަ އަހަރު އެޤައުމުގެ ބޮޑުވަޒީރަކަށް ހުންނެވި ތަކްސިންގ ސިނަވަޓްރާގެ ވެރިކަން އަސްކަރީ އިންޤިލާބަކުން ވައްޓާލުމަށްފަހު އަސްކަރިއްޔާގެ ފުރިހަމަ ބާރާއި ނުފޫޒާއިއެކު އެކުލަވާލި ޤާނޫނު އަސާސީއެކެވެ.
ތައިލެންޑް ސަރުކާރުން އެޤައުމުގެ ޤާނޫނު އަސާސީ އިސްލާހު ކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށްޓަކައި އެޤައުމުގެ އިދިކޮޅު ފަރާތްތަކުން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެފަރާތްތަކަށް ކާމިޔާބުވިނަމަ ކޯޓުން ވެރިކަން ކުރާ ޕާޓީ އުވާލާނެ ކަމުގެ ބިރު އޮތީ ކުރިމަތިވެފައެވެ.
ފާއިތުވެދިޔަ 5 އަހަރުގެ ތެރޭގައި ތައިލެންޑްގެ ސްޕްރީމް ކޯޓުން ވަނީ މިހާރު ވެރިކަން ކުރަމުންގެންދާ ޕުއަރ ތައި ޕާޓީއަށް ނިސްބަތްވާ ބޭފުޅުންގެ މައްޗަށް އެކުލެވޭ ސިޔާސީ ދެ ޕާޓީއެއް އުވާލާފައެވެ.
ސްޕްރީމް ކޯޓަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލަ ތަކެއް ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ