ސަރުކާރުން އުޅެނީ ނަޝީދާއި ނާޒިމް ގޮތަށް ގާސިމް ވެސް ދުއްވާލަން: އަމީން
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުޅެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ދުއްވާލި ގޮތަށް ގާސިމް އިބްރާހިމް ވެސް ދުއްވާލަން ކަމަށް، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު، އަމީން އިބްރާހިމް ރޭ، ހިތަދޫގައި ވިދާޅުވެއްޖެ އެވެ. "އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން" ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި، ގާސިމްގެ ވިލާ މީޑިއާ ގްރޫޕްގެ ވެސް އިސް ވެރިއެއް ކަމަށްވާ އަމީން ވިދާޅުވީ ސަރުކާރުން ކުރަން އުޅޭ އެފަދަ ކަންކަމާ ދެކޮޅަށް ރައްޔިތުން ނުކުންނަން ޖެހޭ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ރޭ ހިތަދޫގައި ބޭއްވި ޖަލްސާ: ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވޭ ފޮޓޯ/ ކިއުންތެރިއެއް "މި ސަރުކާރުގެ އަނިޔާވެރިކަމުގެ ސިޔާސަތުގެ ދަށުން ދެން އޮތީ ގާސިމް އިބްރާހިމާއި އެ މަނިކުފާނުގެ ކުންފުނި އިނދަޖައްސާލުން. މާދަމާ ނޫން ކަމެއް ނޭނގޭ [ވިލާގެ] އެ އެކައުންޓްތައް ފްރީޒްކުރާނީ،" އަމީން ވިދާޅުވި އެވެ. "އަޅުގަނޑުމެން ހިތާމަކުރާ ކަމެއް މިއީ. އަޅުގަނޑުމެން އިންތިހާއަށް ދެރަވާ ކަމެއް މިއީ. ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒް ކުރީމާ އެ ފްރީޒް ކުރެވެނީ ހަމައެކަނި ގާސިމްގެ އެކައުންޓެއް ނޫން." އޭނާ ވިދާޅުވީ ވިލާގެ އެކައުންޓްތައް ފްރީޒްކޮށްފި ނަމަ ފްރީޒް އެ ކުރެވެނީ ރާއްޖޭގެ ވިޔަފާރިވެރިންގެ އެކައުންޓްތައް ކަމަށެވެ. "އެ ފްރީޒް ކުރެވެނީ ދިވެހި ރައްޔިތުންގެ އެކައުންޓްތައް. އެ ފްރީޒް ކުރެވެނީ ރާއްޖެއިން ބޭރުގައި ތިބި ވިލާ ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށްދޭ ސްކޮލަރުންގެ އެކައުންޓްތައް. އެ ފްރީޒް ކުރެވެނީ ރާއްޖޭން ބޭރުގައި ތިބި ވިލާއިން އެހީ ދީގެން އެމީހުންގެ ހިތް ލައްވަން، އެމީހުންގެ ކިޑްނީ ބަދަލުކުރަން އެމީހުންނަށް އެހެނިހެން އެހީ ހޯދައިގެން ބޭސް ފަރުވާ ކުރަން ގޮސްފައި ތިބި މީހުންގެ އެކައުންޓްތައް،" އަމީން ވިދާޅުވި އެވެ. "އެ ފްރީޒް ކުރެވެނީ ރާއްޖޭގައި ތިބި، ރާއްޖޭގެ ރަށްރަށުގައި ތިބި ކުދިކުދި ވިޔަފާރިވެރިންގެ އެކައުންޓްތައް. މިހެން އައިސް އެ ފްރީޒް ކުރެވެނީ ރާއްޖޭގެ އާންމުންގެ އެކައުންޓްތައް." އޭނާ ވިދާޅުވީ ނުހައްގުން އެތައް ބަޔަކަށް އަނިޔާދީ، ނުހައްގުން ސިޔާސީ ލީޑަރުން ހައްޔަރުކޮށް، ނުހައްގުން އެއްބަސްވުންތައް ބާތިލްކުރުމަކީ ރައީސް ޔާމީން ރައްޔިތުންނަށް ހެޔޮކޮށް ހިތުމަށް ކުރައްވާފައިވާ ހުވާގެ ހެޔޮ ނިޔަތް ގެއްލިގެން ދިއުން ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ރޭ ހިތަދޫގައި ބޭއްވި ޖަލްސާ: މި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި. --ފޮޓޯ/ ކިއުންތެރިއެއް " ގާސިމް އިބްރާހިމްގެ ކުންފުނި ވިލާ ކުންފުނީގެ އެކައުންޓްތައް ބަންދުކޮށްފައި އެ މަނިކުފާނުގެ ހުރިހާ ކޮންޓްރެކްޓްތަކެއް ބާތިލް ކުރަނީ ނިޔަތް ހެޔޮ ނުވެގެން ކަމަށް ވަނީވިއްޔާ ނިޔަތް ހެޔޮ ނޫން ރައީސެއް ރައްޔިތުންނާ އެކު ހަދާފައިވާ ކޮންޓްރެކްޓެއް ބާތިލްކުރުން އަޅުގަނޑު ދެކޭ ގޮތުގައި މިއަދު މާ ހައްގުކަން ބޮޑު،" އަމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ހުވާގައި ރައްޔިތުންނަށް އިހްލާސްތެރިވުމުގެ ވާހަކަ އޮވެ އެވެ. އަދި ރައީސް ޔާމީންގެ ނިޔަތް ހެޔޮ ނުވީމާ މިއަދު ދިވެހި ރައްޔިތުން ނުކުމެފައި "މަނިކުފާނާއި ދިވެހި ރައްޔިތުންނާ ދޭތެރޭގައި ހަދާފައިވާ ކޮންޓްރެކްޓް މި ހިސާބުން ބާތިލްވީއޭ، މި ހިސާބުން ނިމުނީއޭ،" ރައްޔިތުން ބުނަން ޖެހޭ ކަމަށް އަމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ލިބެމުން ދާ އަނިޔާތަކަށް ކެތްކޮށްގެން ރައްޔިތުންނަށް ދެން މާ ގިނަ ދުވަހަކު ނުތިބެވޭނެ ކަމަށެވެ. އެހެންވެ މޭ 1 ގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ސަރުކާރާ ދެކޮޅަށް ނުކުންނާނެ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ