ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބުގެ މައްސަލަ ވެސް ހައި ކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބު ބާތިލްކުރަން ވެސް ހައި ކޯޓަށް މިއަދު ހުށަހަޅައިފި އެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލަ ހުށަހެޅީ އެ ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރި އަލީ އިބްރާހިމެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަދި އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު މުހައްމަދު އަސްލަމާ ވާދަކޮށް އަލީ ބަލިވީ 100 އަށް ވުރެ ގިނަ ވޯޓުގެ ތަފާތުންނެވެ. މިހާތަނަށް 11 ދާއިރާއެއްގެ މައްސަލަ ހައި ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އެއީ ހިތަދޫ އުތުރު ދާއިރާ، ހިތަދޫ މެދު ދާއިރާ، ތިމަރަފުށީ ދާއިރާ، ފުނަދޫ ދާއިރާ، ކުރެންދޫ ދާއިރާ، ނައިފަރު ދާއިރާ، ނޮޅިވަރަމު ދާއިރާ، ވިލިނގިލީ ދާއިރާ، އަދި މަހިބަދޫ ދާއިރާ އާއި ފެލިދޫ ދާއިރާގެ އިތުރުން މީދޫ ދާއިރާގެ މައްސަލަ އެވެ. އޭގެ ތެރެއިން މަހިބަދޫ ދާއިރާގެ މައްސަލައިގެ ދައުވާ ފޯމް އިސްލާހު ކުރުމަށް އަނބުރާ ފޮނުވާލާފައިވާ އިރު ވިލިނގިލީ ދާއިރާ އާއި ނޮޅިވަރަމު ދާއިރާގެ މައްސަލަ މާދަމާ ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. އިންތިޚާބީ ޝަކުވާގެ މައްސަލަތައް ބެލުމުގެ ބާރު ލިބިގެންވަނީ ހައި ކޯޓަށެވެ. މަޖިލިސް އިންތިޚާބާ ގުޅިގެން ހައި ކޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ހުކުރު ދުވަހުގެ ރޭ ހަމަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ