އެމްޑީޕީން ރިސޯޓްތައް ބޮއިކޮޓްކުރުމަށް ގޮވާލުމުން 16 މިލިއަން ޑޮލަރު ގެއްލުންވި: ގާސިމް
ފެބްރުއަރީ ހަތެއްގައި ވެރިކަން ބަދަލުވުމާ ގުޅިގެން އެމްޑީޕީން ރާއްޖޭގެ ބައެއް ރިސޯޓްތައް ބޮއިކޮޓްކުރުމަށް ގޮވާލުމުން، ވިލާ ހޮޓެލްސްގެ ރިސޯޓްތަކަށް 16 މިލިއަން ޑޮލަރު ގެއްލުންވި ކަމަށް އެ ކުންފުނީގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ވިލާ އެއާ އިން އަލަށް ގެނައި މަތިންދާބޯޓުގެ ފުރަތަމަ ދަތުރުގައި ސ. ގަމަށް ބުރާސްފަތި ދުވަހު ހަވީރު ވަޑައިގެންނެވި މަގުމަތީގައި މަތިންދާ ބޯޓުގައި "ހަވީރަށް" ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ވެރިކަން ބަދަލުވުމާ ގުޅިގެން ކުންފުންޏަށް ދިމާވި ގެއްލުމާ ގުޅިގެން ވިލާ އެއާގެ ކަންތައް ކުރިޔަށް ގެންދަން ބޭނުންވި ބާރުމިނުގައި ކުރިޔަށް ނުގެންދެވުނު ކަމަށެވެ. ވިލާ އެއާގެ ޗެއާމަން ގާސިމް ވިދާޅުވީ ރާއްޖޭގެ ޑޮމެސްޓިކް ސެކްޓަރަށް ވާދަވެރިކަން އައުމުން ހިދުމަތް ހޯދާ މީހުންނަށް ޓިކެޓް ލިބޭ އަގު ހެޔޮވެފައިވާ ކަމަށެވެ. "އަޅުގަނޑުމެން ވެސް މިކަން މިކުރަނީ މާ ބޮޑު ފައިދާތަކެއް އޮންނާތީއެއް ނޫން. ކޮމްޕެޓިޝަން އައިމަ ހަރަދުކުޑަކުރަން އެންމެން ވެސް ވިސްނަންޖެހޭނީ. އަޅުގަނޑުމެން ވެސް އަދި އައިލެންޑް އޭވިއޭޝަން ވެސް. މޮނޮޕޮލީއެއް އޮތިއްޔާ އެބަޔަކު ބޭނުން ގޮތަކަށް ކުރާނީ. އަޅުގަނޑުމެން ކޮމްޕެޓިޝަނަށް އައިމަ ރައްޔިތުންނަށް ވަރަށް ފައިދާވޭ. އައްޑޫ ސެކްޓަރަށް ވެސް އޭގެ ފައިދާ ފެންނަމުންދަނީ. ރާއްޖޭގެ ޓޫރިޒަމް ސެކްޓަރުގައި މީހުން އުފުލުމަށް އަރި އަތޮޅަށް 300 ޑޮލަރަށް ގެންދިޔައީ. އަޅުގަނޑުމެން 190 ޑޮލަރަށް ހަދައިފިން. ރޭގަނޑާއި ދުވާލަކު ދަތުރުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިއާސީ އިންތިހާބަށް ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ގާސިމް ވިދާޅުވީ އޭނާގެ ޕާޓީގެ ވެރިކަމެއްގައި ކޮންމެ އަތޮޅެއްގައި އެއާޕޯޓެއް އަޅާނަމޭ ވިދާޅުވީ އެއާޕޯޓްގެ ޑިމާންޑް ތަސައްވަރުކުރެއްވޭތީ ކަމަށެވެ. "ބައެއް އަތޮޅުތަކުގައި ދެ އެއާޕޯޓު ވެސް ހަދަންޖެހޭ. އޭގެ ފައިދާ ފެންނާނީ އެ ދުވަސް އައިމާ. ޑޮމެސްޓިކް އެއާޕޯޓް ވެސް މިއަށްވުރެ ހަރަދު ކުޑަކޮށްގެން ހިންގޭނެ. ބައްލަވާ ސީ ޕްލޭން ވެސް ކޮންމެ ރިސޯޓަކަށް ދަތުރުކުރަނީ ނޫންތޯ. ރަނގަޅު ސެކިއުރިޓީއާ އެކު އެއް ޖެއްސުމުން ކޮބާތޯ މައްސަލައަކީ،" ގާސިމް ވިދާޅުވި އެވެ. ވިލާ އެއާ އިން ތަރައްގީކުރަން ހުށަހަޅާފައިވާ ގދ. ކާޑެއްދޫ އެއާޕޯޓާ ބެހޭ ގޮތުން އޭނާ ވިދާޅުވީ ކާޑެއްދޫ އެއާޕޯޓު ވެސް އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރަން ސަރުކާރަށް ހުށަހަޅާފައިވާނެ ކަމަށެވެ. "އައިޑިއާއަކީ ކާޑެއްދޫ އެއާޕޯޓުން ސީދާ ބޭރަށް ދަތުރުތައް ކުރަން. ހުރިހާ ތަނަކުން ރާއްޖޭން ބޭރަށް ދަތުރުކުރުމަކީ ވައިބަލް ކަމަކަށް ނުވާނެ. ނަމަވެސް އަޅުގަނޑުމެން ބަލާނީ ތަންކޮޅެއް ކައިރި ލަންކާ ކަހަލަ ތަންތަނަށް ދަތުރުކުރަން ފުރުސަތު ހޯދަން. އެހެން ނުވެއްޖެ ނަމަ ދެން ބަލާނީ އެ ތަނަކީ ބޭރުން އަންނަ ޖެޓްފަހަރު ޖެއްސޭ ތަނަކަށް ހަދަން. ސީދާ އެތަނަށް އާދެވޭ ގޮތްވުން. އޭރުން އެ ސަރަހައްދުގެ ރިސޯޓްތަކަށް އަންނަ ޓޫރިސްޓުންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައަކަށްވާނެ،" ގާސިމް ވިދާޅުވި އެވެ. "އެކަން އެގޮތަށް ކުރަން އަޅުގަނޑުމެންގެ ވިސްނުން އެބައޮތް. އަޅުގަނޑުމެން އޮންނާނީ އެ ތަނުގެ ރަންވޭ ދިގުކޮށް ހިދުމަތް ދޭން. މިހާރު ބެލިއިރު އެ ތަނުގައި ތަރައްގީކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި. ފުރަތަމަ ވެސް ބޭނުންވަނީ ޖެޓީން ފެށިގެން ޓާމިނަލަށް ފަސޭހަ އިން އާދެވޭނެ ގޮތްތައް ހަމަޖައްސަން." އޭނާ ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް ތަރައްގީކުރުމުގެ ގޮތުން ކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް ކުރަން އެބަހުރި ކަމަށެވެ. "ކައިރި ރަށްތަކުގެ މީހުންނަށް ކުޑަ އަގެއްގައި ދަތުރުކުރެވޭނެ ޝެޑިއުލް ފެރީތަކެއް ވެސް ބާއްވަންޖެހޭ. ސަރުކާރުން ދެން އެކަން ނިންމެވިހާ އަވަހަކަށް ]ކާޑެއްދޫ އެއާޕޯޓް ވިލާއާ ހަވާލުކުރުމުން[ އެ މަސައްކަތް ފަށާނަން. އެކި ގޮތްގޮތުން އެތަން ތަރައްގީކުރާނަން،" ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކާޑެއްދޫ އެއާޕޯޓަށް ސަރުކާރުން އަހަރަކު 18 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށާއި އޭގެ ބަދަލުގައި ސަރުކާރަށް ފައިދާ ދައްކައިދޭނެ ކަމަށް ވިދާޅުވި އެވެ. "މިހާރު އެ ތަނުގައި ވެސް ރިސޯޓްތައް އިތުރުވަމުން ދަނީ. ރަށްރަށުގެ އާބާދީ ވެސް ދަނީ އިތުރުވަމުން. އެހެންވީމަ އެތަނުން ފައިދާ ނެރެވޭނެ،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ