ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި މަސްވެރިން ބާނާ މަހަށް ލިބޭ އަގު ބޮޑު ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނުގެ ރިޔާސީ ކެމްޕޭންގެ ދަތުރުފުޅުގެ ތެރެއިން މިއަދު ލ. ގަމަށް ވަޑައިގެން އެރަށުގައި އަލަށް އަބާދުވާ ސަރަހައްދުގައި ހުންނަ ޖޭޕީ މާލަމުގައި އެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވިދާޅުވީ އެމަނިކުފާނުގެ ވެރި ކަމެއް ރާއްޖޭގައި ގާއިމުވެއްޖެ ނަމަ މަސްވެރިން ބާނާ މަހަށް ބާޒާރުގައި ލިބޭ އަގު ބޮޑު ކޮށްދިނުމުގެ އިތުރުން މަސްވެރި ކަމުގެ ސިނާއަތާއި މަސްވެރިންގެ ރާއްޖޭގައި އުފުލައި ދޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެގެ މަސްވެރި ކަމަށް މިހާތަނަށް ވެސް އައި ހެޔޮ ބަދަލެއް އައީ އެމަނިކުފާނު މަސައްކަތާއި އިސް ނެގުމުގެ ސަބަބުން ކަމަށާއި ރާއްޖޭގައި މަހުގެ އަގަށް ހެޔޮ ބަދަލެއް އައީ ވެސް އެ މަނިކުފާނު މަސްވެރި ކަމުގެ ސިނާއަތަށް ވަދެ ވަޑައިގެން އެ ވިޔަފާރި ފެއްޓުވުމުން ކަމަށެވެ. އަދި ވިދާޅުވީ މަސްވެރިކަން ޕްރައިވެޓް ސެކްޓަރަށް ހުޅުވައިލަން ވަރަށް ބޮޑު މަސައްކަތެއް ކުރައްވާފައި ވާނެ ކަމަށާއި އެ މަސައްކަތް ކާމިޔާބުކޮށް ސަރުކާރާ ނުބައްދަލު އިންވެސްޓްމަންޓްތައް މަސްވެރި ކަމުގައި ކޮށްފައި ހުނާނެ ކަމަށެވެ.
"މަހުގެ ވާދަވެރި ވިޔަފާރީގައި މަހަށް ލިބޭ އަގު ދަށެއް ނުކުރެވޭނެ. މަހުގެ ވިޔަފާރިއަށް ލިބޭ އަގު ގުޅިފައި ވަނީ ދުނިޔޭގެ ބާޒާރުގައި މަހަށް ލިބޭ އަގުގެ މައްޗަށް. އަޅުގަނޑުގެ ވެރި ކަމެއް، ޖުމްހޫރީ ގުޅުމުގެ ވެރި ކަމެއް ގާއިމުވެއްޖެ ނަމަ މަސްވެރިން ބާނާ މަހުގެ އަގު ބޮޑު ކުރާނަން. މަސްވެރިންގެ ދަރަޖަ ވެސް އުފުލައިދޭނަން،" އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން ވިދާޅުވީ ގަމާއި މާންދޫއަށް ގަންނަ މަސް ސީދާ ލ. އަތޮޅުން ބޭރަށް އެކްސްޕޯޓް ކުރުމުގެ އިންތިޒާމެއް ވެސް ރާއްވަވާނެ ކަމަށެވެ.
ގާސިމް މި މޭރުމުން ވާހަކަފުޅު ދެއްކެވިއިރު އެމަނިކުފާނުގެ މެނިފެސްޓޯގައި މަސްވެރި ކަމަށް އަހަރަކު 100 މަސްދޯނި ބަނދެ މަސްވެރި ކަމުގެ ސިނާއަތަކީ ރާއްޖޭގެ އެންމެ ވަރުގަދަ ސިނާއަތަށް ހައްދަވާނެ ކަމަށް އޮވެ އެވެ.
މުންޑޫ އާއި ކަޅައިދޫ މީހުން އާބާދުވެފައިވާ ސަރަހައްދަށް ގާސިމާއެކު ވަޑައިގެން ކުރީގެ ވަޒީރު އައްބާސް އިބުރާހިމް ވެސް މިއަދު ވާހަކަފުޅު ދެއްކެވި އެވެ. އައްބާސް ވިދާޅުވީ ރައްޔިތުންނާއެކީ އުޅޭ ރައްޔިތުންގެ އިހުސާސް ދަންނަ މީހަކާ ވެރިކަން ހަވާލު ކުރަންޖެހޭ ކަމަށާއި ބަލައިލާއިރު އެމީހަކީ ގާސިމް ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންނާ ގުޅުން ނުބާއްވާ މީހުންނާ ވެރިކަން ހަވާލު ކުރަން ނުޖެހޭ ކަމަށާއި ކަންތައް ކޮށްދޭނެ ކަމަށް ބުނެ ހުވަފެން ދައްކާ މީހުނާ ވެސް ވެރިކަން ހަވާލު ކުރާކަށް ނުޖެހޭ ކަމަށެވެ.
"ރައްޔިތުން މިއަދު މިކަމާ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ. ވެރިޔަކު ހޮވާއިރު ބަލަންވީ ހަމައެކަނި ދައްކާ ވާހަކައަށް ނޫން. ތަޖުރިބާއާއި މާޒީއަށް ވެސް ބަލަންޖެހޭ. ގާސިމް މިހާތަނަށް މީހަކަށ މަކަރު ހައްދަވައި މީހަކަށް ބޮނޑިއެއް ދީފައެއްނުވޭ އަޑި އެނގޭ އެތެރެ ފެންނަ ކެންޑިޑޭޓަކީ ގާސިމް ގައުމުގެ މުސްތަގުބަލަށް މިފަހަރު ކުރެބޭނެ އެންމެ ބުއްދިވެރި ކަމަކީ ގާސިމް ވެރިކަމަށް ހޮވުން،" އައްބާސް ވިދާޅުވި އެވެ.
މިއަދު ގާސިމް އަރިހުގައި ވަޑައިގެންނެވި ޑރ. މުހައްމަދު އަލީ ވިދާޅުވީ ވެރިޔަކު ހޮވާއިރު އިސްލާމް ދީން ރައްކާތެރި ކުރާނެ، އިގްތިސޯދު އިނދަ ނުޖައްސައި ނުލާނެ ބޭފުޅަކު ހޮވަން ޖެހޭ ކަމަށާއި ގާސިމަކީ ތަރގީގެ ވިސްނުމާއި ތަރައްގީ ގެނެވޭކަން ކަށަވަރުކޮށދީފައިވާ ބޭފުޅަކަށް ކަމަށެވެ.
ގާސިމް ވާހަކަފުޅު ދެއްކެވި އެއްވުމުގައި އަލަށް އާބާދުވާ ސަރަހައްދުގެ މާބުލް ގްރުއާން ކުލާހުގެ ވެރިޔާ އަލީ ޝަރީފުވެސް ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ މިފަހަރުގެ އިންތިހާބުގައި ވޯޓް ދެއްވާނީ ގާސިމަށް ކަމަށް އޭނާގެ އަރި ބޭފުޅުން ގާތުގައި ވިދާޅުވެފައިވާ ކަމަށެވެ.
ގާސިމްގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފު އެނބުރި މާލެ ވަޑައިގަންނަވާނީ މިރެ އެވެ. އޭގެ ކުރިން ގަމާ އެއްފަހުން ގުޅިފައިވާ ހުރިހާ ރަށަކަށް އެމަނިކުފާނު ވަޑައިގަންނަވާނެ އެވެ.
މަހަށް ލިބޭ އަގު ބޮޑުކޮށް ސިނާއަތާއި މަސްވެރިންގެ ދަރަޖަ އުފުލާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ