މިނިވަންކަން ބޭނުން ނުވާ ކަމަށް ސްކޮޓްލެންޑު ރައްޔިތުން ވޯޓު ދީފި

ސްކޮޓްލެންޑު އިނގިރޭސި ވިލާތުން ވަކިވެ މިނިވަންކަން އިއުލާނު ކުރުމާ މެދު ފެންނަ ގޮތެއް ބެލުމެއް އިއްޔެ ނެގި ފެންނަ ނުފެންނަ ވޯޓުގައި، މިނިވަންކަމާ ދެކޮޅަށް ރައްޔިތުން ވޯޓު ދީފި އެވެ. މިހާތަނަށް 32 ކައުންސިލް ސަރަހައްދުގެ ތެރެއިން 31 ސަރަހައްދެއްގެ ނަތީޖާ ސާފުކޮށްފައި ވާއިރު 1914187 މީހަކު ވަނީ މިނިވަންކަން ބޭނުން ނުވާ ކަމަށް ވޯޓު ދީފަ އެވެ. މިނިވަންކަން ބޭނުންވާ ކަމަށް ވޯޓު ދީފައި ވަނީ 1539920 މީހެކެވެ. މިނިވަންކަމަށް ތާއީދުކުރައްވައި ކެމްޕޭނުކުރެއްވި ސްކޮޓްލެންޑުގެ ފަސްޓް މިނިސްޓަރު އެލެކްސް ސޭމަންޑް ވިދާޅުވީ މި ނަތީޖާ ގަބޫލުކުރައްވާ ކަމަށެވެ. އަދި އޭނާ ވަނީ ޕާޓީތައް އެއްބައިިވަންތަކަމާ އެކު މަސައްކަތް ކުރުމަށާއި ސްކޮޓްލެންޑަށް އިތުރު ބާރުތައް ހޯދައިދިނުމުގެ ވައުދު ފުއްދުމަށް ގޮވާލައްވައިފަ އެވެ. ސްކޮޓްލެންޑުގެ މިނިވަންކަމަށް ތާއީދުކުރާ މީހުން ކެމްޕޭނުގެ އެންމެ ފަހު ހަރަކާތްތަކުގައި. -- ފޮޓޯ: އޭއެފްޕީ ސޭމަންޑް ވަނީ ސްކޮޓްލެންޑާއި އިނގިރޭސި ވިލާތުގެ ފައިދާ އަށް ހުރިހާ ފަރާތްތަކުން ވެސް މަސައްކަތްކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ސްކޮޓްލެންޑަށް އިތުރު ބާރުތައް ދިނުމަށް ވެފައިވާ ވައުދު ފުއްދަން ޖެހޭނެ ކަމަށް ގަބޫލުކުރާނީ މިނިވަންކަން ބޭނުންވާ ކަމަށް ވޯޓު ދިން 1.6 މިލިއަން މީހުން އެކަނި ނޫން ކަމަށް ވެސް ވިދާޅުވި އެވެ. "€œވޯޓުުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ކަމުގައި ވިޔަަސް ކަށަވަރުވާ ކަމަކީ މި ވޯޓާ ގުޅިގެން ސްކޮޓްލެންޑުގައި އެއްވެސް ވަރަކަށް ސަމާލުކަމެއް ލިބިފައި ނެތް މުޖުތަމައުތަކަށް ވެސް ސަމާލުކަން ލިބުނުކަން. އެހެންވެ މި ވޯޓަށް ފަހު، ކުރިން އޮތް ގޮތަށް އެކަންކަމެއް ނޯންނާނެ. ސިޔާސީ މައިދާން ވަރަށް ބޮޑަށް ބަދަލުވެގެން ދާނެ،" ސޭމަންޑް ވިދާޅުވި އެވެ. މިިނިވަންކަން އިއުލާނު ނުކުރުމަށް އެދި އިނގިރޭސި ވިލާތުގެ ވެރިން ވަނީ ވަރަށް ބޮޑަށް ކެމްޕޭނުކުރައްވައިފަ އެވެ. ވޯޓުގެ ނަތީޖާ އަށް ފަހު ބޮޑުވަޒީރު ޑޭވިޑް ކެމަރަން ސްކޮޓްލެންޑުގެ ވެރިންނާ ވަނީ ވާހަކަ ދައްކަވައިފަ އެވެ. އަދި މިއަދު ގައުމާ މުހާތަބުކުރައްވާނެ އެވެ. މިނިވަންކަމާ މެދު ފެންނަ ގޮތެއް ބެލުމަށް ނަގާ ވޯޓުގައި، މިނިވަންކަމާ ދެކޮޅަށް ނަތީޖާ އަންނާނެ ކަމަށް ކުރިން ލަފާކުރެވުނު ކަމުުގައި ވިޔަސް ނަތީޖާ ނިކުމެފައި ވަނީ ހީކުރި ވަރަށް ވުރެ ތަފާތު ބޮޑުކޮށެވެ. ސިޔާސީ ތަޖުރިބާކާރުން ލަފާކުރައްވާ ގޮތުގައި ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް މި ވޯޓުގެ ސަބަބުން، ސްކޮޓްލެންޑާއި އިނގިރޭސި ވިލާތުގެ މެދުގައި ކުރިއަށް އޮތްތަނުގައި މަސްރަހު ދާނީ ގޯސްވަމުންނެވެ. އިނގިރޭސި ވިލާތް ނުވަތަ ޔުނައިޓެޑް ކިންގްޑަމް އެކުލެވިގެން ވަނީ ހަތަރު ގައުމެއްގެ މައްޗަށެވެ. އެއީ އިންގްލެންޑާއި ނޮދަން އަޔަލެންޑާއި ވޭލްސް އަދި ސްކޮޓްލެންޑެވެ. ސްކޮޓްލެންޑް ޔުނައިޓެޑް ކިންގްޑަމްގެ ބައެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައީ އިންގްލެންޑުގެ ގާނޫނު ހަދާ މަޖިލީހާއި ސްކޮޓްލެންޑުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ދެ ގާނޫނެއްގެ ދަށުން 1707 ވަނަ އަހަރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ