ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި މާލެއާއި ހުޅުލެ އާއި ވިލިމާލެ އާއި ގުޅިފަޅާއި ތިލަފުށި ބުރިޖަކުން ގުޅައިލާނެ ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންފި އެވެ.
މިރޭ ހުޅުމާލޭގައި ޖުމްހޫރީ ގުޅުމުން ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ހުޅުލެ އާއި މާލެ އާއި ދެމެދު ބުރިޖުން ގުޅައިލާނެ ކަމަށާއި އެގޮތަށް ވިލިމާލެ އާއި މާލެއާއި ދެމެދު ވެސް ބުރިޖުން ގުޅައިލާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ މިހާރު ތަރައްގީ ކުރަމުން ގެންދާ ގުޅިފަޅައި ވިލިމާލެ އާއި ދެމެދުގައި ވެސް ބުރިޖް އަޅުއްވާނެ ކަމަށާއި އެދެ ރަށުގެ ދެމެދުގައި ދަތުރު ކުރެވޭނެ އިންތިޒާމް އެމަނިކުފާނުގެ ވެރިކަމެއްގައި ގާއިމްކޮށްދެއްވާނެ ކަމަށެވެ. މީގެ އިތުރުން ގުޅިފަޅާއި ތިލަފުށި ވެސް ބުރިޖުން ގުޅައިލައްވާނެ ކަމަށް ވިދާޅުވި އެވެ.
"ދިވެހިން އެދޭ ތަރައްގީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ގެނެސްދޭނެ. އެކަމާއި ރައްޔިތުން ޝައްކު ކުރާކަށް ނުޖެހޭނެ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ހުޅުމާލެއަކީ މާލެއަށްވުރެ ތަނަވަސް ގިނަ ރައްޔިތުންތަކެއް ދިރިއުޅޭ ރަށަކަށް ހައްދަވާނެ ކަމަށާއި ހުޅުމާލޭގައި ފުލެޓްތައް އަޅައި ހެޔޮ އަގެއްގައި ގެދޮރު މިލްކު ކުރެވޭނެ ގޮތް ހައްދަވާނެ ކަމަށެވެ. އަދި ހުޅުމާލޭގައި އާބާދީ ބޮޑުވެގެންދާއިރު އެރަށުން ލިބެންޖެހޭ ހިދުމަތްތައް ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ގާއިމް ކުރައްވާނެ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގައި އަދި ނެތް ފެންވަރުގެ ހޮސްޕިޓަލެއް ގާއިމުކޮށް ރާއްޖެއިން ލިބެން ނެތް ހިދުމަތްތައް ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ކ. ކާށިދޫގެ ކައުންސިލްގެ ތިން ކައުންސިލަރަކު ޖުމްހޫރީ ޕާޓީއާ ގުޅި ވަޑައިގަތެވެ. އެއީ ކައުންސިލްގެ ރައީސް އަލީ ސުލްތާނާއި ނައިބު ރައީސް މުހައްމަދު ނަސީމާއި މެންބަރު މާޖިދު ސުލައިމާނެވެ.
މާލެއާ ހުޅުލެ، ވިލިމާލެ އާއި ގުޅިފަޅާއި ތިލަފަޅު ބްރިޖުން ގުޅާއިލާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ