ހަވީރު ޔޫރޯ ގައިޑް ރަސްމީކޮށް ލޯންޗްކޮށްފި
މި މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް "ހަވީރު"ން ތައްޔާރުކުރި ޔޫރޯގައިޑް މިއަދު ރަސްމީކޮށް ލޯންޗްކޮށްފި އެވެ. މިއަދު ހަވީރު ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ފޮތް ނެރެދެއްވީ އެފްއޭއެމްގެ ރައީސް އަލީ އާޒިމެވެ. މި މަހު 8 އިން ޖުލައި 1 ވަނަ ދުވަހުގެ ނިޔަލަށް ޔޫކްރޭނާއި ޕޯލެންޑްގައި އޮންނަ ޔޫރޯ އަށް "ހަވީރު"ން ތައްޔާރުކުރި ފޮތް ރަސްމީކޮށް މިއަދު ލޯންޗުކުރި ނަމަވެސް ބުދަ ދުވަހުގެ ރެއިން ފެށިގެން ފޮތް ވަނީ ވިއްކަން ފަށައިފަ އެވެ. ފުރަތަމަ ނެރުނު ޝިޕްމަންޓް ވަނީ އެރޭ ހުސްވެފަ އެވެ. މިއަދުގެ ރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ ހަވީރުގެ ޓީމަކީ ކުޅިވަރަށް، ހާއްސަކޮށް ފުޓްބޯޅަ އަށް ވަރަށް ބޮޑު ޝައުގުވެރިކަމަކާއި އަހައްމިއްޔަތެއް ދޭ ޓީމެއް ކަމަށެވެ. އެހެންކަމުން މިއަދު ނެރުނު ފޮތަކީ ވެސް އެކަށީގެންވާ މައުލޫމާތުތަކެއް ހިމަނައިގެން ނެރުނު ފޮތެއް ކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވި އެވެ. "އަބަދުވެސް އަޅުގަނޑަށް ފާހަގަކުރެވޭ ހަވީރަކީ ކުޅިވަރަށް ހާއްސަކޮށް ފުޓްބޯޅަ އަށް ވަރަށް ބޮޑު އަހަމިއްޔަތުކަމެއްދޭ ޓީމެއްކަން. އެހެންކަމުން އަޅުގަނޑު ޔަގީންކުރަނީ މިއަދު މި ނެރުނު ފޮތަކީ ވެސް އެކަށީގެންވާ މައުލޫމާތުތަކެއް ހިމެނިގެން ނެރެވޭ ފޮތެއް ކަމަށް،" އާޒިމް ވިދާޅުވި އެވެ. ހަވީރު ޔޫރޯގައިޑާ އެކު އޭވަން ސައިޒުގެ ބޮޑު ސްކޯ ޗާޓެއް ހިލޭ ލިބޭނެ އެވެ. ހަވީރު ޔޫރޯގައިޑެއްގެ އަގަކީ 50ރ. އެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އަންދްރޭސް އިނިއެސްޓާ އާއި މެސުތު އޮޒިލް އަދި އާޔަން ރޮބެންގެ ރީތި ޕޯސްޓަރުތައް ވެސް "ހަވީރު" ން ވަނީ ތައްޔާރުކޮށްފަ އެވެ. ޕޯސްޓަރެއްގެ އަގަކީ 5ރ. އެވެ. ރާޅުގަނޑު ސަރަހައްދުން މިރޭ އަދި މާލޭގެ މަޝްހޫރު ބުކްޝޮޕްތަކުން ހަވީރު ޔޫރޯގައިޑް ލިބެން ހުންނާނެ އެވެ. "ހަވީރު"ގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މީގެ ކުރިން "ހަވީރު" ން ނެރުނު ކުޅިވަރުގެ ފޮތްތަކަށް ވުރެ މިފަހަރުގެ ޔޫރޯ ގައިޑްގެ ފެންވަރު ރަނގަޅުވާނެ އެވެ. "މިއީ މުބާރާތުގެ ކުރިން ފުޓްބޯޅަ ސަޕޯޓަރުންނަށް މުހިންމު ފޮތެއް ކަމަށް ދެކެން. ވަރަށް ރީތި ވާނެ ފޮޓޯތަކާއި ފޮތުގެ މުޅި ލޭއައުޓް. ވަރަށް ގިނަ މައުލޫމާތުތަކެއް ލިބޭނެ،" ހަވީރުގެ އޮފިޝަލް ވިދާޅުވި އެވެ. "ހަވީރުގެ ކުޅިވަރު ޑިޕާޓްމަންޓާއި މާކެޓިންނާއި ގްރެފިކްސްގެ ވަރަށް ބޮޑު މަސައްކަތެއް ހަގީގަތުގައި މިއީ. ކިއުންތެރިން ހިތްހަމަޖެހޭނެ ކަމަށް އުއްމީދުކުރަން." ޔޫރަޕްގެ 16 ގައުމަކުން ވާދަކުރާ ޔޫރޯ ފޮތުގައި ޓީމުތަކާ ބަހޭ މައުލޫމާތާއި މަޝްހޫރު ކުޅުންތެރިންނާއި އަރަމުން އަންނަ ޒުވާން ތަރިންންގެ ޕްރޮފައިލާއި ކުލަ ފޮޓޯތަކުގެ އިތުރުން ސްޓޭޑިއަމާއި ޔޫރޯ ބޯޅަ އާއި މުބާރާތުގެ ތާރީހާއި ކުރީގެ ކުޅުންތެރިންގެ މައުލޫމާތު ވެސް ހިމެނޭނެ އެވެ. އަދި ފަންނާނުންނާއި ފުޓްބޯޅައިގެ އެކި ފަރާތްތަކުގެ ހިޔާލު ހިމެނޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ