މީދޫ ދާއިރާގެ މައްސަލަ ވެސް ހައި ކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރަން ވެސް ހައި ކޯޓަށް މިއަދު ހުށަހަޅައިފި އެވެ. އެ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވީ މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދެވެ. އެ މައްސަލަ ހުށަހެޅީ ސިޔާމާ ވާދަކޮށް ނާކާމިޔާބުވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޖިހާދެވެ. މިހާތަނަށް ޖުމްލަ 10 ދާއިރާއެއްގެ މައްސަލަ ހައި ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އެއީ ހިތަދޫ މެދު ދާއިރާ، ތިމަރަފުށީ ދާއިރާ، ފުނަދޫ ދާއިރާ، ކުރެންދޫ ދާއިރާ، ނައިފަރު ދާއިރާ، ނޮޅިވަރަމު ދާއިރާ، ވިލިނގިލީ ދާއިރާ، އަދި މަހިބަދޫ ދާއިރާ އާއި ފެލިދޫ ދާއިރާގެ މައްސަލަ އެވެ. އޭގެ ތެރެއިން މަހިބަދޫ ދާއިރާގެ މައްސަލައިގެ ދައުވާ ފޯމް އިސްލާހު ކުރުމަށް އަނބުރާ ފޮނުވާލާފައިވާ އިރު ވިލިނގިލީ ދާއިރާ އާއި ނޮޅިވަރަމު ދާއިރާގެ މައްސަލަ މާދަމާ ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. އިންތިޚާބީ ޝަކުވާގެ މައްސަލަތައް ބެލުމުގެ ބާރު ހަމައެކަނި ލިބެގެންވަނީ ހައި ކޯޓަށެވެ. މަޖިލިސް އިންތިޚާބާ ގުޅިގެން ހައި ކޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ހުކުރު ދުވަހުގެ ރޭ ހަމަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ