ދިވެހި ސިފައިންނަށް ސިފްކޯ މެދުވެރިކޮށް ފުލެޓް އަޅަން ފަށާފައި ވަނީ އެއްވެސް ޕްލޭނެއް ނެތިކަމަށާއި، މިހާތަނަށްވެސް ފުލެޓުގެ މަސައްކަތް ނިންމާލެވިފައި ނުވަނީ ފައިސާ ލިބުން ދަތިވުމުން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ދައުރުގައި ފެއްޓި މި ޕްރޮޖެކްޓް ފުރަތަމަ ހަވާލުކުރެވިފައި ވަނީ ނޫމަޑި ރިސޯޓް އެންޑް ރެސިޑެންސްއަށެވެ. އެހެން ނަމަވެސް ފަހުން މިނިސްޓްރީން ވަނީ ސަރުކާރާއި ގުޅިގެން އެކަން ކުރުމަށް ނިންމާފައެވެ.
ސިފްކޯއިން ހަދަން ފަށާފައިވާ 300 ފުލެޓް މަޝްރޫއަށް ހިލޭ އެހީދިނުމަށް ސައުދީއިންވެސް ނިންމިއެވެ. އެހެން ނަމަވެސް މިނިސްޓަރު ޝަރީފު ވިދާޅުވީ ފަހުން އެ އެހީވެސް ލިބިފައިނުވާ ކަމަށެވެ.
މިނިސްޓަރު ޝަރީފު ވިދާޅުވީ އެމަނިކުފާނު މަގާމާއި ހަވާލުވެލެއްވި އިރު ފްލެޓްތަކާއި ގުޅިގެން އެއްވެސް ލިއެކިއުންތަކެއް ތައްޔާރުކުރެވި ފައިސާ ހޯދާނެ ގޮތެއްވެސް ކަނޑައަޅާފައި ނުވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސިފްކޯއަށް ރާއްޖޭގެ ބޭންކުތަކުންވެސް މިހާތަނަށް ފައިސާ ދޫނުކުރަން އުޅުނީ އެއީ ކޯޕަރޭޓިވް އަކަށް ވާތީ ކަމަށެވެ. އެހެން ނަމަވެސް ފަހުން އެތަން ކުންފުނިއަކަސް ބަދަލުވުމާއެކު މިހާރު ލޯނު ލިބޭނެ ގޮތްވެސް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސިފްކޯއިން އަޅަނީ 3 ކޮޓަރީގެ ފުލެޓްތަކެވެ. އެއިން ކޮންމެ ފުލެޓެއްގައި 900 އަކަފޫޓް ހުރެއެވެ.
ފުލެޓް އަޅަންފެށީ ޕްލޭނެއް ނެތި، ނިންމާނުލެވުނީ ފައިސާ ނުލިބިގެން: ޑިފެންސް މިނިސްޓަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ