ކުރީގެ ރައީސް މައުމޫން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލައިގެ ރިޕޯޓް އެމަނިކުފާނުގެ ވަކީލުންނަށް ދޫކޮށްފި އެވެ.
ރައީސް މައުމޫން ހައްޔަރުކޮށް ފުލުހުންގެ ތަހުގީގަށް އެމަނިކުފާނުގެ ފޯން ނުދިން ކަމަށް ބުނެ ދައުލަތުން ރައީސް މައުމޫންގެ މައްޗަށް ދައުވާކުރި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނު އެއް އަހަރާއި ހަތް މަހަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.
ރައީސް މައުމޫންގެ ގާނޫނީ ޓީމުން ބުނީ މިމައްސަލައިގައި މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ކްރިމިނަލް ކޯޓުން ދޫކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
ރައީސް މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާތީ މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިސްތިއުނާފް އަޑުއެހުމެއް ބާއްވަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ރައީސް މައުމޫންގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ލިބިފައި ނުވާ ކަމަށް އެމަނިކުފާނުގެ ވަކީލުން އެ ދުވަހުގެ ޝަރީއަތުގައި ވިދާޅުވުމުން އެ ރިޕޯޓް ލިބުމުން މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި އެ ދުވަހުގެ އަޑުއެހުން ފަސްކޮށްފަ އެވެ.
ރައީސް މައުމޫންގެ އިސްތިއުނާފްގެ މައްސަލާގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ތަންފީޒުކުރުން ފަސްކޮށް ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަންކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ހައިކޯޓުން ވަނީ އަމުުރުކޮށްފަ އެވެ.
ގާނޫނީ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުކޮށް ދައުލަތުން ވަނީ ރައީސް މައުމޫންގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ ވެސް އުފުލާފަ އެވެ.
ރައީސް މައުމޫން ޖަލަށްލުމަށް ހުކުމްކުރި މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ދޫކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ