ރައީސް ޔާމީން ވަނީ އެމްއެމްޕީއާރްސީގެ ފައިސާ އަމިއްލަ މަންފާއަށް ބޭނުންކުރައްވާފައި: ފުލުހުން

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ތެރެއިން ހިޔާނާތްތެރިވި ފައިސާ އަމިއްލަ މަންފާއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ބޭނުންކުރައްވާފައިވާ ކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްއެމްޕީއާރުސީއަށް ހިޔާނާތްތެރިވި ފަރާތްތަކުން އެ ފައިސާ ޖަމާކުރި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައުލޫމާތު ލިބުމާ ގުޅިގެން އެ މައްސަލަ ތަހުގީގުކުރުމަށް ފަހު، އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށާއި އެ ފައިސާ ދައުލަތާ އަނބުރާ ހަވާލުކުރުމަށް ދެންނެވުމުން އެ ފައިސާ ދައުލަތާ ހަވާލުނުކޮށް އެމަނިކުފާނުގެ ނަމުގައި އެ ބޭންކުގައި ހުޅުވާފައިވާ އެކައުންޓްތަކުގައި އެ ފައިސާ ދައުރުކޮށް މުއާމަލާތުކޮށްގެން މާލީ މަންފާ ލިބޭގޮތަށް ބޭނުންކޮށްފައިވާ ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ރައީސް ޔާމީން ވެރިކަމުގައި ހުންނެވި މުއްދަތުގައި ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވި ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވި ފަރާތްތަކުން އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކުރުމުން، އެ ފައިސާ ލޯންޑާރކޮށް، އެ ފައިސާއާ ގުޅިގެން ހިންގި ތަހުގީގުތަކުގައި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ތުހުމަތުގައި ދައުވާ ކުރުމަށް ޕީޖީއަށް ހުށަހަޅާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން މި މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް އާޒިމާގެ މައްޗަށް ވެސް ފުލުހުން ވަނީ ދައުވާ ކޮށްދިނުމަށް އެދިފައެވެ. އާޒިމާގެ މައްޗަށް ދައުވާ ކުރަން ފުލުހުން ޕީޖީއަށް ހުށަހަޅާފައިވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި މަނީ ލޯންޑަރ ކުރުމުގައި ބައިވެރިވެ ރައީސް ޔާމީނަށް އެހީތެރިވެ ދިނުމުގެ އިތުރުން ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތުދީ އޮޅުވާލުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ