ރިޔާސީ އިންތިހާބާއި ގުޅޭ މައްސަލާގައި ގޮތެއް ނިންމުމުގެ ހައްގު ސްޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ދިވެހިންގެ ވެރިއަކަށް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބުކޮށްފައިވާ ކަމަށެވެ.
"އިންތިހާބު ބާތިލްކުރަން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކީ އެކޯޓުން ބަލައިގަނެ ހިންގުމުގެ ހައްގުނެތް މައްސަލައެއް. އެ މައްސަލާގައި ގޮތެއް ނިންމުމުގެ ހައްގުވެސް ސްޕްރީމް ކޯޓަށް ލިބިފައެއް ނުވޭ. ރައްޔިތުންގެ އެ ނިންމުމަށް ބަދަލު ގެނައުމަށް އުސޫލުތަކާއި ހިލާފަށް ސްޕްރީމް ކޯޓުން މައްސަލަ ވަނީ ބަލައިގެންގައި" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މި ގޮތަށް ޓްވީޓް ކުރައްވާފައި ވަނީ މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކޮށް އަލުން ރިޔާސީ އިންތިޚާބު ބޭއްވުމަށް އަމުރު ކޮށްދިނުން އެދި ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީޢަތް ސުޕްރީމް ކޯޓުގައި މިއަދު ފަށާފައިވާ ދަނޑިވަޅެއްގައެވެ.
އިންތިޚާބު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ އިންތިހާބުގައި ހަރަކާތްތެރިވި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި އެހެނިހެން ފަރާތްތަކުން އެ ޕާޓީއަށް ހުށަހެޅި ޝަކުވާތައް، ޕީޕީއެމްގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުން އެ އިދާރާ އިން ދީފައިވާ ޖަވާބަށް ރިއާޔަތް ކުރުމަށްފަހު ކަމަށް ޕީޕީއެމް އިން ވަނީ ބުނެފައެވެ.
ޕީޕީއެމް އިން ބުނިގޮތުގައި ހުށަހެޅިފައިވާ ޝަކުވާތަކުގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕުކުރުމުން ފެށިގެން، ވޯޓުލުމުގެ މަރުހަލާގައި އޮޅުވާލުންތަކަކާއި މަކަރާއި ހީލަތް ހިމެނުމާއި، ގާނޫނާއި ހިލާފު ތަފާތު އާލާތްތައް ބޭނުންކޮށްގެން ލެވޭ ވޯޓާއި އަދި ޖުމްލަ ނަތީޖައަށް އުނި އިތުރު ގެންނަން މަސައްކަތް ކުރުމާއި ރީ ރެޖިސްޓްރޭޝަނާއި ލިސްޓުތައް ތަރުތީބު ކުރުމާއި ވޯޓުލީ މަރުކަޒުތަކުގައި އިންތިހާބާ ގުޅޭ އެކި އޮފިޝަލުންގެ އަމަލުތައް ގަވާއިދާ ހިލާފަށް ހުރުން ފަދަ ކަންތައްތައް ހިމެނޭ ކަމަށެވެ.
އިންތިހާބު މައްސަލަ އެހެން ގޮތަކަށް ނިންމުމުގެ ހައްގު ސުޕްރީމް ކޯޓަކަށް ނެތް - ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ