ގާޒީ ނިހާނުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރު ކުރުމުގެ އަމުރެއް އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުން ނެރުނު ކަމަށް ބުނެ، އެކޯޓުގެ އޭރުގެ ގާޒީ އަހްމަދު ނިހާނުގެ މައްޗަށް ކްރިމިނަލް ކޯޓުން ސާބިތުވާ ކަމަށް ހުކުމް ކޮށްފައިވާ ޓެރަރިޒަމް ދައުވާގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން ނިންމާލައިފިއެވެ.
ހައިކޯޓުގައި ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި އެމައްސަލާގައި ގާޒީ ނިހާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވަނީ ކޮން ގޮތަކަށް ބަލާފަތޯއާއި ރައީސް ޔާމީން ހައްޔަރު ކުރުމުގެ އަމުރު ނެރުނު ގޮތާއި މެދު ދައުލަތުގެ ވަކީލުންނަށް ގިނަ ސުވާލުތަކެއް ފަނޑިޔާރުންގެ ބެންޗުން ކުރިމަތި ކުރައްވާފައި ވެއެވެ. 
ނިހާނުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުން ވަނީ ނިހާނުގެ މައްޗަށް ވަނީ 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
ނިހާނުގެ އިސްތިއުނާފުގެ އަޑުއެހުންތައް ހައިކޯޓުގައި ނިންމާލާފައިވާއިރު، ހަމަ އެމައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިންގެ މައްޗަށް ކޮށްފައިވާ 17 އަހަރުގެ ޖަލު ހުކުމް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވެއެވެ. ނަމަވެސް މިއަދާ ހަމައަށް މުހުތާޒުގެ އިސްތިއުނާފުގެ އަޑުއެހުމެއް ހައިކޯޓުގައި ބާއްވާފައެއް ނުވެއެވެ. 
ރައީސް ޔާމީން ހައްޔަރު ކުރަން ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނާ މައްސަލާގައި މުހުތާޒު މުހުސިންގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވާއިރު، ގާޒީ ނިހާނުގެ ހަތަރު ދައުވާއެއް ކޮށްފައި ވެއެވެ.
މުހުތާޒު އާއި ގާޒީ ނިހާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނަމަވެސް، މުހުތާޒުގެ މައްޗަށް ކުރާ ދެ ދައުވާއަކާއި ގާޒީ ނިހާނުގެ މައްޗަށް ކުރާ ތިން ދައުވާއެއްގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ. އަދި ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ދައުވާތަކާއި ގުޅިގެން އެ ކޯޓުން ނެރެފައިވާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނެރެފައިވާ ކޯޓު އަމުރުތައް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ވަނީ ބާތިލް ކޮށްފަ އެވެ.
"ވަކި އަސްލެއްއޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތެއްގައި ދެއްކުމަށްޓަކައި ލިޔުމެއް އުފެއްދުން" ކުށުގެ ދައުވާއެއް މުހުތާޒުއާއި ނިހާނުގެ މައްޗަށް ކުރަމުންދާއިރު، "ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ކަމުގައި ސައްހަ ނޫން ގޮތުގައި ދެއްކުން" ކުށުގެ ދައުވާ މުހުތާޒުގެ މައްޗަށް ކޮށްފައިވާއިރު، ޓެރަރިޒަމްގެ ދައުވާ މުހުތާޒުއާއި ނިހާނުގެ މައްޗަށް ވެސް ކޮށްފައި ވެއެވެ. 
އިތުރަށް ނިހާނުގެ މައްޗަށް ކޮށްފައިވާ ދެ ދައުވާއަަކީ "ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުން" ކުށުގެ ދައުވާ އާއި "ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުން" ދައުވާ ކޮށްފައި ވެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ