ކޮމިޝަންތަކަށް ބާރު ދީފިނަމަ ސުޕްރީމް ކޯޓަށް ދާނަން: ޔާމީން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ދެ ކޮމިޝަނަށް ޤާނޫނީ ބާރުވެރިކަން ދީފިނަމަ ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. 
ޕްރިމަރީއަކާ ނުލާ މަޖިލީސް އިންތިހާބުގެ ޕީޕީއެމް ޓިކެޓް ހަވާލުކުރުމަށް ބުރާސްފަތި ދުވަހުގެރޭ ބޭއްވި ހަފްލާއަށްފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ރައސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދެވި ކޮމިޝަންތަކަށް ބާރުތައް ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ޤާނޫނު އަސާސީ އާއި ހިލާފު ކަމަށެވެ. އަދި އެ ބިލް ފާސްކުރުމަކީ ރައްޔިތުންގެ މަޖިލީހަށްވެސް ކުރެއްވޭނެކަމެއް ނޫން ކަމަށާއި، އެ ބިލް ފާސްކޮށްފިނަމަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. 
އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓުންވެސް އެ ޤާނޫނަށް ތާއީދުކޮށްފިނަމަ، ޤާނޫނަށް ތަބާވާނެ ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަނަށް އެޔަށްފަހު އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި އެއްވެސް ތަހުޤީޤީ އިދާރާއަކަށް ވަޑައިގެން ހަނު ނުހުންނަވާނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. 
"ގާނޫނު އަސާސީއާ ޚިލާފު ކަންތައްތަކެއް ހިމަނައިގެން މަޖިލީހުން ބިލެއް ފާސް ކުރާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެއީ މަޖިލީހަށް މެންޑޭޓް ވެސް އޮތް ކަމެއް ނޫން. މަޖިލީހަށް ވެސް އެކަމެއް ނުކުރެވޭނެ ގާނޫނު އަސާސީ އިސްލާހު ނުކޮށެއް. އެހެން ނަމަވެސް އެކަން އެގޮތަށް އޮއްވާ ވެސް މަޖިލީހުން އެކަން ކުރައްވައިފި ކަމަށް ވަންޏާ، ދެން އަޅުގަނޑުމެންނަށް ހިނގަން އޮންނާނެ މަގަކީ ދުސްތޫރީ ހުރިހާ މައްސަލަތަކެއް އަޅުގަނޑުމެން ހުށަހަޅަން ޖެހޭނީ ސުޕްރީމް ކޯޓަށް،" ރާއްޖެ.އެމްވީން ކުރި ސުވާލަށް ޖަވާބުދެއްވަމުން އަބްދުﷲ ޔާމީން ވިދާޅުވި އެވެ. 
ރައީސް ޔާމީން ވަނީ ބިލުގައި ނެތް ބައެއް ކަންކަން ބިލްގައި ހުރިކަމަށް ވިދާޅުވެ، ނޫސްވެރިންގެ އެ ބައްދަލުވުމުގައި ވާހަކަދައްކަވާފަ އެވެ. އެގޮތުން މީހުން ހައްޔަރު ކުރުމާއި ތަންތަން ފާސް ކުރުމާއި އެކައުންޓް ފްރީޒް ކުރުން ފަދަ ކަންކަން ކުރުމުގެ ބާރު އެ ދެ ކޮމިޝަނަށް ލިބޭ ގޮތަށް ބިލްގައި އެބައޮތް ކަމަށާއި އެއީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފް ކަންކަން ކަމަށް ޔާމީން ވިދާޅުވި އެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން ހުށަހެޅި އެ ބިލްގައި ބުނެފައިވާގޮތުން ކޮމިޝަންތަކުން ބަލަމުންގެންދާ މައްސަލައަކާއި ގުޅިގެން މީހަކު ހައްޔަރުކުރަންޖެހިއްޖެނަމަ އެކަން ކުރަންޖެހޭނީ ކޯޓު އަމުރެއް ހޯދަައިގެން، ފުލުހުންގެ މުއައްސަސާ މެދުވެރިކޮށެވެ. 
ސަރުކާރުގެ ފަރާތުން "ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލު"ގެ ނަމުގައި ހުށަހަޅާފައިވާ ބިލުގެ ދަށުން ގާނޫނީ ބާރު ލިބެނީ "މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ކޮމިޝަން" އާއި "ޕްރެސިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ"އަށެވެ.
އެ ދެ ތަނުން ބަލާ މައްސަލަތައް ދައުލަތުގެ އެހެން މުއައްސަސާތަކުން ބެލުން ހުއްޓުވުމުގެ ބާރު ވެސް ބިލުގައި ދީފައިވެއެވެ. ހިޔާނާތާއި މަރުތައް ބަލާ ދެ ކޮމިޝަނުން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން، އެހެން މުއައްސަސާއަކުން ހޯދާއިވާ މައުލުމާތާއި ހޯދުންތައް އެ ކޮމިޝަންތަކާ ހަވާލު ކުރަން ވަނީ ބާރު އަޅާފައެވެ.
ބިލު ފަރުމާކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ހިނގާފައިވާ ހިޔާނާތާއި މަރުގެ މައްސަލަތައް ބަލަންޖެހޭ ގޮތަށެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ