ދެން އެންމެ ބޮޑު މުޒާހަރާ ކުރާނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް: އުމަރު

ދެން ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު މުޒާހަރާ ކުރާނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ އިންޑިއާ އިން "ހަދިޔާކޮށްގެން" ރާއްޖޭގައި އޮޕަރޭޓްކުރާ ދެ ހެލިކޮޕްޓަރު އުދުހެނީ ދިވެހި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮވެގެން ކަމަށް މިސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި އުމަރުގެ އަމިއްލަފުޅު ފޭސްބުކް ޕޭޖްގައި ކުރައްވާފައިވާ ޕޯސްޓެއްގަ އެވެ.
އަބްދުﷲ ޝާހިދަށް ރައްދު ދެއްވަމުން އުމަރު ވިދާޅުވީ ޝާހިދު ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. އަދި އެ ހެލިކޮޕްޓަރު ރާއްޖެ ގެނެވުނު ފަހުން ރާއްޖޭގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ތިން ބޭފުޅަކާ ބައްދަލުކުރެއްވި ކަމަށާއި އެ ބޭފުޅުން ވިދާޅުވީ އެ އުޅަނދުތައް އުދުހެނީ އިންޑިއާގެ ދިއްލީން ދޭ އޯޑަރަށް ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
މިއުޅަނޑުތައް އުދުހެނީ އެމްއެންޑީއެފްގެ އޯޑަރަށް ނޫން ކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ އިންޑިއާގެ ނިއަތް ސާފް ނަމަ އެ ގައުމުން އެއްބަސްވެ ސޮއިކޮށްފައިވާ ގޮތަށް ދިވެހި ސިފައިން ތަމްރީން ނުކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން ޖެހޭ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ސިޔާސީ ލީޑަރުންނަށް "ސުޕާރީ" ދެއްވައިގެން ގައުމުގެ މިނިވަންކަމާ ގުޅުންހުރި ކަންކަން ހިންދާލެވިދާނެ ކަމަށް ހީކުރެވޭ ނަމަ އެއީ ކުށްހީއެއް ކަމަށެވެ.
ރާއްޖޭގައި މި ދެ ހެލިކޮޕްޓަރު މިހާރުވެސް އޮޕަރޭޓް ކުރަނީ އިންޑިއާ ސިފައިން ކަމަށްވާއިރު، މި ހެލިކޮޕްޓަރު ތަކުގެ އެއްބަސްވުން އާނުކޮށް، ހެލިކޮޕްޓަރުތައް ފޮނުވާލަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަސައްކަތް ކުރައްވާފައިވެ އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއާއި ޗައިނާގެ ގުޅުން ބަދަހިވެ ޗައިނާއާއެކު ވިޔަފާރީގެ ގިނަ އެއްބަސްވުންތައް ދިވެހި ސަރުކާރުން ގާއިމުކުރާތީ އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އޭރު ވަރަށް ބޮޑު ހީނަރުކަމެއް ވެސް އައިސްފައިވެ އެވެ. އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރުތައް އަނބުރާ އެގައުމަށް ފޮނުވާލަން ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައިވީ ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިހާރު ނިންމާފައިވަނީ ހެލިކޮޕްޓަރުތައް ރާއްޖޭގައި ބޭއްވުމަށެވެ.
ބަލިމީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިއު މިޝަންތަކުގައި ބޭނުންކުރުމަށް އިންޑިއާގެ ހެލިކޮޕްޓަރެއް ފުރަތަމަ ގެނެސްފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 2010 ވަނަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ