މަރުގެ ހުކުމާއި ހައްދުގެ ހުކުމްތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް 30 ދުވަސް!

މަރުގެ މައްސަލަތަކާއި ހައްދުގެ މައްސަލަތަކުގައި ހައި ކޯޓުން ކުރާ ހުކުމްތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ލިބޭނީ 30 ދުވަހުގެ މުއްދަތެއް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ސާކިއުލަރ އެއްގައި އިސްތިއުނާފު ކުރުމަށް 30 ދުވަހުގެ މުއްދަތެއް ދީފައި ވަނީ ކޯޓުތަކުން ނިންމާ ޖިނާއީ މައްސަލަތަކުގެ ތެރެއިން އެ މައްސަލައެއްގެ ޙުކުމް ތަންފީޛްކުރުމަށްޓަކައި ހައިކޯޓުގެ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަށަވަރުކުރަންޖެހޭ މައްސަލަތަކުގައެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ސާކިއުލާއެއްގައި ސީދާ އެ ދެ ކުށުގެ ނަން ބުނެފައި ނުވިނަމަވެސް، މިހާރު ގާނޫނުތައް ހުރި ގޮތުން ސުޕްރީމް ކޯޓުން ކަށަވަރު ކުރުމަށް ފަހު ނޫނީ ތަންފީޒު ނުކުރެވޭނީ މަރުގެ ހުކުމާއި ހައްދުގެ ހުކުމްތަކެވެ.
ހައިކޯޓުން އެ މައްސަލައެއްގައި ޙުކުމްކުރާތާ، ބަންދުދުވަސް ހިމެނޭ ގޮތަށް، 30 ދުވަހުގެ ތެރޭގައި މައްސަލަ އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަނާޅައިފިނަމަ ހައި ކޯޓުގެ ޙުކުމަކީ ނިހާއީ ޙުކުމެއްކަން ކަށަވަރުކުރުމަށްޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލް، އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާންވާނެ ކަމަށް ސުޕްރީމް ކޯޓުގެ ސާކިއުލާގައި ވެއެވެ.
ހައިކޯޓުން ނިންމާ ހުރިހާ މައްސަލަތަކެއް ވެސް ސުޕްރީމު ކޯޓުގައި އިސްތިއުނާފުކުރުމަށް މީގެ ކުރިން ދީފައި އޮއްނަނީ 60 ދުވަހުގެ މުއްދަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ