ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ނެޝަނަލް ޖެނެރަލް ސެކްރެޓަރީ ރާމް މާދަވްއާ މިއަދު ސިންގަޕޫރުގައި ބައްދަލުކުރައްވައިފި އެވެ.
މައުމޫން ޓުވިޓާ މެދުވެރިކޮށް ވިދާޅުވީ، މި ބައްދަލުވުމުގައި ޕީޕީއެމާއި ބީޖޭޕީގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އެއީ ކާމިޔާބު ބައްދަލުވުމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
މައުމޫން އިއްޔެ ވަނީ ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ ވެސް ސިންގަޕޫރުގައި ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ރަނިލް ވަނީ، އިސްލާމްދީނާއި ޑިމޮކްރަސީއާ ބެހޭ ގޮތުން އަންނަ ނޮވެމްބަރު މަހު ލަންކާގައި އޮންނަ ޖަލްސާއަކަށް މައުމޫނަށް ދައުވަތު އަރުވައިފަ އެވެ. އެ ދައުވަތު މައުމޫން ވަނީ ގަބޫލުފުޅު ކުރައްވައިފަ އެވެ.
އަމިއްލަ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެން ހުންނެވި މައުމޫން ގައުމުތަކުގެ އިސްވެރިންނާ މި ބައްދަލުކުރައްވަނީ ސިންގަޕޫރުގައި ކުރިއަށްދިޔަ "އިންޑިއަން އޯޝަން ކޮންފަރެންސް 2016" ގެ ހަވާސާގެ ތެރެއިންނެވެ.
ލަންކާގެ ބޮޑުވަޒީރު ރަނިލްއާ އެކު މައުމޫން ފޮޓޯފުޅަކަށް ހުއްޓިވަޑައިގެން.
އިންޑިއާ އާއި ލަންކާގެ އިސްބޭފުޅުންނާ މައުމޫން މި ބައްދަލުކުރެއްވީ ރައީސް އަބްދުުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުންދާ ކަމަށް ބުނެ ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ. ލަންކާގެ ބޮޑުވަޒީރާ މައުމޫން ބައްދަލުކުރެއްވިއިރު ސަރުކާރު ބަދަލުކުރަން ރާވަނީ ލަންކާގެ އެހީތެރިކަމާ އެކު ކަމަށް ވެސް ވަނީ އަޑުފެތުރިފަ އެވެ. އިނގިރޭސި ވިލާތުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާ އަށް ވަޑައިގަތީ އެ މަސައްކަތުގައި ކަމަށް ދިވެހި ސަރުކާރުން ތުހުމަތު ކުރެ އެވެ.
ރާއްޖޭގައި އިންތިގާލީ ސަރުކާރެއް ގާއިމްކުރަން ނަޝީދު މަސައްކަތްޕުޅު ކުރައްވަމުން އަންނައިރު މައުމޫނާއި ރައީސް ޔާމީނާ ދެމެދު ވެސް ވަނީ ހިޔާލުތަފާތުވުން އުފެދިފަ އެވެ. ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ބައެއް ބިލްތައް ފާސްކުރައްވާފައި ވަނީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ކަމަށާއި އެއީ ރައްޔިތުންނާއި ގައުމަށް ގެއްލުންވާނެ ކަމެއް ކަމަށް މައުމޫން ފާޅުގައި ވަނީ ވިދާޅުވެފަ އެވެ.
މައުމޫން ބީޖޭޕީގެ ޖެނެރަލް ސެކްރެޓަރީއާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ