ޓްރަމްޕް ވިދާޅުވީ އޮންނާނީ ދެ ޖިންސް ކަމަށް، އަންހެން/ފިރިހެން

އެމެރިކާގައި ސިޔާސީ ގޮތުން ވެސް ވަރަށް ބޮޑު ބަދަލެއް ފެންނަމުން މިދަނީ ދީނީ ބައެއް ބައިބައިވުންތައް ވެސް އޭގައި ހިމެނޭތީ އެވެ. މިނިވަންކަން ބޮޑުވެގެން ގޮސް (ލިބަރަލް ވިސްނުން މާ ފުޅާވުން) އާންމުންގެ ގިނަ ބަޔަކު ރުޅިއަންނަ ވަރަށް ބައެއް ކަންކަން ދިރިއުޅުމާ ގުޅިގެން ދަނީ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ޖިންސް ބަދަލުކުރުމެވެ.
އެކަމަކު އާ ރައީސް ޑޮނަލްޑް ޓްރަމްޕް ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު އެންމެ ފުރަތަމަ އިއުލާންކުރެއްވި ފިޔަަވަޅުތަކުގެ ތެރޭގައި ޖިންސުގެ މާނަ ފުޅާވެފައި އޮތް އޮތުން ނިމުމަކަށް ގެންނެވުން ހިމެނެ އެވެ.
ޓްރަމްޕް ވިދާޅުވީ މިއަދުން ފެށިގެން އެމެރިކާގައި އޮންނާނީ ދެ ޖިންސް ކަމަށެވެ. އެއީ އަންހެން ފިރިހެނެވެ. އިންސާނުން އުފެއްދެވީއްސުރެ ލެއްވެވި ދެ ޖިންސެވެ.
"މިއީ ބަދަލުނުކުރެވޭނެ ދެ ޖިންސް، އެ ހަގީގަތާ ދެކޮޅެއް ވެސް ނުހެދޭނެ،" ޓްރަމްޕް ވިދާޅުވި އެވެ.
މިހާރު ހަމަޖެއްސި ގޮތުން އެމެރިކާގެ ރަސްމީ ލިއުންތަކުގައި ހިމަނަން އަންހެން/ފިރިހެން ނޫން އިހުތިޔާރެއް ނުލިބޭނެ އެވެ. ކުރިން ނަމަ އެ ދެ ޖިންސްގެ އިތުރުން 'X' ޖެހުމުގެ އިހުތިޔާރު އޮވެ އެވެ. އެއީ ޖިންސް ބަދަލުކޮށްގެން އުޅޭ މީހުންގެ މިނިވަންކަން ހިމާޔަތްކުރަން ދީފައި އޮންނަ އިހުތިޔާރެކެވެ.
އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި މިހާރު ވެސް ކޮން ޖިންސެއްކަން ކަނޑައަޅަނީ ވިހާ އިރު އެ ކުއްޖަކު ނިސްބަތްވާ ޖިންސަކަށެވެ. އެގޮތުން ކެންސަސް އާއި މޮންޓާނާގައި އެ އުސޫލުން އަމަލުކުރެ އެވެ.
ޓްރަމްޕްގެ މި ނިންމެވުމާ އެކު އެ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ވެސް ދާނެ ކަމަށް ބެލެވެ އެވެ. އެކަމަކު އެމެރިކާގެ ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންނަކީ ކޮންޒަވޭޓިވް (ދީނީ އުސޫލުތައް އިސްކުރުން ކައިރި) ބޭފުޅުންނެވެ. ލިބަރަލް ވިސްނެވުމުގައި ތިއްބެވީ ތިން ފަނޑިޔާރުންނެވެ. އެހެންކަމުން ޓްރަމްޕްގެ ނިންމެވުން މިހާރުގެ ސުޕްރީމް ކޯޓުން އެހެން ގޮތަކަށް ބަދަލުކޮށްފާނެ ކަމަކަށެއް ނުބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ