މަޝްރޫއުތައް އަވަސްކުރަން ބަލްކުކޮށް ބޮޑުހިލަ ގެންނަނީ

ރާއްޖޭގެ ރަށްރަށުގައި ކުރިއަށްދާ މަޝްރޫއުތަކަށް ބޭނުންވާ ބޮޑުހިލަ ބަލްކްކޮށް ގެންނަން ނިންމައިފި އެވެ.ގދ. ރަތަފަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ބޮޑުހިލަ ނެތުމުން ރަށްރަށުގެ ބައެއް މަޝްރޫއުތައް ހުއްޓިފައިވާ ކަމަށެވެ.އެގޮތުން ބަނދަރުތައް ތަރައްގީކުރުމާއި ބިން ހިއްކައި ތޮށިލުމުގެ މަޝްރޫއުތަކާއި ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަޝްރޫއުތައް ބޮޑުހިލަ ބޭނުންވާކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ."އަޅުގަނޑުމެން މިބަލަނީ މިގޮތަށް ހުއްޓިފައި ހުރި ރަށްތަކަށް ބޭނުންވާ ތަކެތި ހަމަކުރަން. އެންމެ ގިނަ ރަށްތަކެއްގައި މަސައްކަތް ހުއްޓިފައި ހުރި ސަބަބަކީ ބޮޑުހިލަ ނުލިބުން. މިދިޔަ ހަފުތާތެރޭގައި އަޅުގަނޑު މިކަމާ ބެހޭ ހުރިހާ ކުންފުނިތަކުގެ ވެރިންނާއި ފިނޭންސް މިނިސްޓަރާއި ކޮންސްޓްރަކްޝަން މިނިސްޓަރާ ބައްދަލުކޮށް ރާާވައިފިން ގޮތްތަކެއް ހުރިހާ ރަށަކަށް ބޭނުންވާ ބޮޑުހިލަ ބަލްކުކޮށް ގެންނަން،" ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ބޮޑުހިލަ ނެތިގެން ރަށްރަށުގައި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ އިތުރަށް، ބަނދަރު ހެދުމާއި ބިން ހިއްކުން ފަދަ މަޝްރޫއުތަކަށް ހުރަސްއެޅި މަޑުޖެހިފައިވެ އެވެ. އެހެންކަމުން އެ މައްސަލަތައް ހައްލުކުރާނެ ގޮތްތަކެއް ސަރުކާރުން މިހާރު ތަރުތީބުކޮށްފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރަށްރަށުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރަން މީގެ ކުރިން ހަވާލުކުރިއަސް ގިނަ މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ރަތަފަންދޫގައި ފެނާއި ނަރުދަމާ އެޅުން ހިމެނެ އެވެ. އެ ކުންފުންޏާ ހަވާލުކުރި އިތުރު ރަށްރަށުގައި ވެސް މަސައްކަތް ކުރިއަށްނުދާކަން ފާހަގަކުރެއްވި އެވެ.ރައީސް ވިދާޅުވީ މަސައްކަތް އަވަސްކުރަން ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގައި ކުރިއެރުންތައް ލިބިފައިވާ ކަމަށެވެ.ރަތަފަންދޫގައި ފެނާއި ނަރުދަމާގެ މަސައްކަތް ވެސް އަލުން ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ