އެޗުޑީސީން މި ފެށީ އަނެއްކާވެސް ހިތްގައިމު މާހައުލެއްގެ މަސައްކަތް

"މިއީ މިހާރުވެސް ރާއްޖޭގެ އެންމެ ފެހި ރަށް."
މިއީ މީގެ ކުރިން ހުޅުމާލޭގެ ފެހިކަމާ ބެހޭ ގޮތުން އަޅުގަނޑު ލިއުނު ރިޕޯޓަކާ ގުޅިގެން އެޗުޑީސީގެ ވެރިޔަކު ވިދާޅުވި ބަހެކެވެ.
އެފަހަރު ލިއުނީ ފިތުރޯނު މަގުގައި ވަރަށް ގިނަ ބަޔަކު އާއިލީ ފޮޓޯ އާއި ކައިވެނީގެ ފޮޓޯ އާއި މާބަނޑުވުމުގެ ހަނދާންތަކާއި އުފަންދުވަހުގެ މަންޒަރުތައް ރައްކާކުރަން ބޭނުންކުރި ފިތުރޯން ގަސްތަކުން ފުރިފައި އޮތް ސަރަހައްދާ ބެހޭ ގޮތުންނެވެ. ރިޕޯޓް ބިނާކުރީ އެ ސަރަހައްދުގެ ގަސްތައް ކަނޑާ، އިމާރާތްތަކެއް އަޅަން އުޅޭ ކަމުގެ އަޑުތަކަށެވެ.
އެ އަޑުތައް ހަގީގަތަކަށް ވީ ދާދި ފަހުންނެވެ. މިހާރު އެ ސަރަހައްދު ސާފުކޮށް އެ އަންނަނީ އެތައް އިމާރާތެއް އަޅަމުންނެވެ.
ހުޅުމާލޭގެ ފެހިކަމުން އިތުރު ބައެއް އުނިވީ އެވެ.
ފިތުރޯނު މަގުގައި ހުންނަ ފެރީ ޓާމިނަލްގެ އިރުމަތީގައި އަދި އޮތީ ބޮޑު ވަލެކެވެ. އެތަނުގައި ބިޔަ އެތައް ގަހެއް ހުރީ ހެދިފަ އެވެ. ސާފުނުކުރާތީ ބޭކާރު ވިނަތަކާއި ކުދި ގަސްތަކުން މުޅި ސަރަހައްދު ފުރިފަ އެވެ. 
އެ ބިމުގެ އިރަށް ދެން އެ އޮތީ މަޝްހޫރު ސެންޓްރަލް ޕާކެވެ. މިއީ ރާއްޖޭގެ އެންމެ ހިތްގައިމު ޕާކް ވެސް މެ އެވެ. ރާއްޖެއިން ބޭރުގައި ވަޒަންވެރިވެގެން އުޅޭ ރައްޓެއްސަކަށް އެތަން ފެނިފައި ބުނީ 'މިއީ ޔޫރަޕް ކަހަލަ ތަންތަނުގައި ވެސް ހުންނަ ފެންވަރުގެ ޕާކެއް' ކަމަށެވެ.
ފިތުރޯނު 'ބަގީޗާ' ނަގައި، އިމާރާތްތައް އަޅަން އުޅޭ ވާހަކަ ލިއުނު ރިޕޯޓަށް ހިތްހަމަނުޖެހި ވާހަކަ ދެއްކި އެޗުޑީސީގެ ބޭފުޅާ ފާޅުކުރެއްވި ހިޔާލު ގޯހެއް ނޫނެވެ. މިހާރު ވެސް ހުޅުމާލެއަކީ އެންމެ ގަސް ގިނަ، ވަކި ތަރުތީބަކުން ފެހިކަން ދަމަހައްޓަމުން އަންނަ ރާއްޖޭގެ ހަމައެކަނި ރަށެވެ.
އެކަމަކު ހުޅުމާލޭގައި އުޅޭ މީހުންގެ އަދަދު ބާރަށް އިތުރުވަމުން ދާތީއާ އެކު އެތަނުގެ ފެހިކަން ވެސް ބޮޑުކުރަން ޖެހޭ ކަމަށް، ތިމާވެއްޓަށް ލޯބިކުރާ މީހުން ބުނެ އެވެ. ފެހިކަމާ އެކު ހިތްހަމަޖައްސާލަން ބޭނުންކުރެވިދާނެ އިތުރު ޕާކްތައް ވެސް ހެދުން، އެ މީހުންގެ ނަޒަރުގައި، ވަރަށް މުހިންމެވެ.
މިހާރު އޮތް ބޮޑު ވާ ކޮށާލާތީ ބައެއް މީހުންގެ ހިތްހަމަނުޖެހުން އެބަ ހުއްޓެވެ. ނަމަވެސް ކޮށާލަނީ ބޮޑެތި ގަސްތަކެއް ނޫނެވެ. އެތަނުގައި އެޗުޑީސީން ބަހައްޓަން ބޭނުން ގަސްތަކަށް އެއްވެސް ގެއްލުމެއް ނުދެ އެވެ. ވާ ކޮށާލައި ވަކި ތަރުތީބަކުން އެތަން ފެހިކުރާނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން މިހާރު އަދި އެ ފެންނަނީ ކުރިއަށް އޮތް ހިތްގައިމު ހިތްފަސޭހަކަމުގެ ފެށުމެކެވެ.
މި ސަރަހައްދުގައި ބޮޑެތި އިމާރާތްތަކެއް ހަދައި، އިތުރަށް ކޮންކްރީޓް ތަރައްގީއެއް ގެނައުމަށް ވުރެ އެޗުޑީސީން މިހާރު ފެށި މަސައްކަތް، ތިމާވެށީގެ ގޮތުން ވެސް ރަނގަޅެވެ. 
މިދިއަ އާދިއްތަދުވަހު އެޗުޑީސީން އެކްސްގައި ކުރި ޕޯސްޓަށް ކޮމެންޓްކުރި އެކަކު ކަންބޮޑުވުން ފާޅުކުރީ ސެންޓްރަލް ޕާކް އޮވެފައި، ފެރީ ޓާމިނަލްގެ އުތުރަށް ވެސް ކުޑަ ޕާކެއް ހިމެނޭތީ އީށީންނާނެ ތަންތަން ހެދޭނެ ކަމަށް ބުނެ އެވެ. ނަމަވެސް ބަންދު ދުވަސްތަކުގައި ސެންޓްރަލް ޕާކް އޮންނަނީ ފުރިފަ އެވެ. ފެރީ ޓާމިނަލްގެ ކައިރީގައި ޖަހާފައި ހުންނަ ގޮނޑިތައް ވެސް ފުރިފަ އެވެ. 
ސެންޓްރަލް ޕާކް ސަރަހައްދަކީ ހުޅުމާލޭގެ އެންމެ ރީތި ހިސާބުގަނޑަށް ވުމުން އެ ތަނާ ޖެހިގެން އިތުރު ހުސް ބައިތައް ތަރައްގީކުރުމަކީ، ކުރިމަގަށް ބެލި ނަމަވެސް ގެއްލުންވާނެ ކަމެއް ނޫނެވެ.
މިހާރު ހަދަމުން އަންނަ ސަރަހައްދު ކައިރީގައި ހުރި މީހަކު މިއަދު ބުނީ 'މިއީ ވަރަށް ފައްކާ ކަމެއް' ކަމަށެވެ.
"މަ ބިރުގަންނަނީ މިތަނުގައި ވެސް އަނެއްކާ ބޮޑެތި އިމާރާތްތަކެއް އަޅާފާނެތީ،" ސާފުކުރަމުން އަންނަ ބިމާ ދިމާއަށް ބަލަހައްޓައިން ހުރެ އޭނާ ބުންޏެވެ.
ފިތުރޯނު މަގުގެ އެއްކޮޅުން އަނެއްކޮޅަށް ހުރީ މަތީ ފަންތީގެ އެޕާޓްމަންޓްތައް ހިމެނޭ އިމާރާތްތަކެވެ. ގޮނޑި ޖަހަން ސާފުކުރަމުން އެ އަންނަނީ ކޮންކްރީޓަށް ބަދަލުނުކޮށް އޮތް ހަމައެކަނި ހިސާބުގަނޑެވެ. އެހެންކަމުން ބައެއް މީހުންނަށް އެއީ 'ބިނާކުރަނިވި' ވިސްނުމެކެވެ.
"ވަރަށް ސަޅި. ރައްޔިތުންގެ ރުހުން އޮތީ މިކަހަލަ ބިނާކުރަނިވި މަސައްކަތްތަކަށް،" އެޗުޑީސީގެ ޕޯސްޓަށް ހިޔާލުފާޅުކުރި އެކަކު ލިއުނެވެ.
"އާ އެމްޑީއާ އެކު އެޗްޑީސީގެ ކިލަނބުވެފަވާ މޫނުމަތި ބަދަލުވެގެންދާނެކަމަށް ބެލެވޭ."
އެޗުޑީސީގެ އާ މެނޭޖިން ޑިރެކްޓަރަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭގެ މަޝްރޫއުގެ ޕްލޭންތައް ހެދުމުގައި ވެސް އިސްކޮށް ހުންނެވި އެއް އާކިޓެކްޓް އަދި ފަހުން މިނިސްޓަރުކަން ވެސް ކުރެއްވި މައުރޫފް ޖަމީލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ