އެމްޑީ މަތީނު ވިދާޅުވި ގޮތުގައި މިހާރު ހިންގާ މަޝްރޫއުތަކުގެ ތެރެއިން މާލޭ ސަރަހައްދުގައި ފެން އުފައްދާ މިންވަރު %30 އިތުރުކުރެވި، މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅުވައިލެވޭނެ އެވެ.
މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅުވައިލާ، ކުއްލި ހާލަތެއްގައި ދެ ސަރަހައްދުގެ މެދުގައި ފެން ބަދަލުކުރެވޭނެ ފަސޭހަ ނިޒާމެއް ގާއިމުކުރުމަށް އެމްޑަބްލިއުއެސްސީން ފަށާފައިވާ މަޝްރޫއު އަންނަނަ އަހަރު ކުރީ ކޮޅުގައި ނިމޭނެކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޓީވީގެ ބޮޑު ހަބަރު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން މަތީނު ވިދާޅުވީ އެމްޑަބްލިއުއެސްސީގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކުރައްވާ މަސައްކަތްޕުޅުގެ އިތުރަށް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އެ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ފެނުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމަށް ކަމަށެވެ.
މަތީނު ފާހަގަކުރެއްވި ގޮތުގައި ކުންފުނީގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް އެ ހިދުމަތްތައް ޔަގީންކަމާއެކު ހުއްޓުމެއް ނެތި ލިބެމުންދާނެކަން ކަށަވަރުކުރެއްވުމެވެ.
ފެނުގެ ހިދުމަތްތައް ތަރައްގީކުރުމަށް ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފެން އުފެއްދޭ މިންވަރާއި، ރައްކާ ކުރެވޭ މިންވަރާއި ފެން ފޯރުކޮށްދެވޭ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަން މަތީނު ފާހަގަކުރެއްވި އެވެ.
ފެން އުފެއްދޭ މިންވަރު އިތުރުކުރުމަށްޓަކައި ކުރައްވާ މަސައްކަތުގައި އެންމެ ރަނގަޅު ފެންވަރުގެ މުދާ ސީދާ އެތަކެތި އުފައްދާ ފަރާތްތަކުގެ އަތުން ގަނެވޭނެ ނިޒާމެއް ކުންފުނީގައި ގާއިމުކުރައްވާފަައިވާ ކަމަަށް މަތީނު ވިދާޅުވި އެވެ. އަދި އެތަކެތި ގަތުމުގައި މިހާރު ބައްލަވަނީ އެ މުދަލެއް ބޭނުންކުރެވޭނެ މުއްދަތަށްކަން ފާހަގަކުރައްވަމުން މަތީން ވިދާޅުވީ މިހާރު ކުންފުންޏަށް ބޭނުންވާ ތަކެތި ގިނައިން ގެންނަވަނީ ޔޫރަޕާއި އެމެރިކާއިން ކަމަށެވެ.
މާލެއާއި ހުޅުމާލޭގައި ފެން އުފައްދާ މިންވަރު އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން މާލޭގައި އަދި ހުޅުމާލޭގައިވެސް 5،000 ޓަނުގެ ފެން އުފައްދާނެ ޕްލާންޓުތަކެއް ބެހެއްޓުމުގެ މަސައްކަތްކުރާނެ ބަޔަކު ހޯދައި އެ މަސައްކަތް މިހާރު އެ ފަރާތާ ހަވާލުކޮށްފައިވާކަމަށް އެމްޑީ ވިދާޅުވި އެވެ.
މަތީނު ވިދާޅުވި ގޮތުގައި ހުޅުމާލެއާއި މާލޭގައި އައު ފެން ޕްލާންޓު ބެހެއްޓުމުގެ މަސައްކަތް ފެށޭ އަހަރު ނިމުމުގެ ކުރިން ނިންމައިލެވޭނެ އެވެ. އަދި އެ މަޝްރޫއު ނިމުމުން މާލެއާއި ހުޅުމާލޭގައި ފެން އުފައްދާ މިންވަރު %30 އިތުރުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ފެން އުފެއްދޭ މިންވަރު އިތުރުކުރަން ކުރާ މަސައްކަތުގެ ދަށުން މާލޭގައި 5،000 ގެ ޕްލާންޓަކާއި ހުޅުމާލޭގައި 5،000 ގެ ޕްލާންޓެއް ބެހެއްޓުމުގެ މަސައްކަތް ކުރަން ބަޔަކު ހޯދި މިހާރުވަނީ ހަވާލުކުރެވިފައި.،" މަތީނު ވިދާޅުވި އެވެ.
"އެހެންވީމާ އަމަލީ މަސައްކަަތް ނިމިގެންދާނެ 2025 ގައި. އެ މަސައްކަތް ނިމުނީމާ މާލެއާއި ހުޅުމާލޭގައި ފެން އުފައްދާ މިންވަރު 30 އިންސައްތަ އިތުރުވާނެ،"
މާލޭ ސަރަހައްދުގައި ފެނުގެ ހިދުމަތް ދިނުމުގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ފެން އެއް ތަނުން އަނެއް ތަނަށް އުފުލުމުގައި ހުރި ދަތިތައްކަން ފާހަގަކުރައްވަމުން މަތީނު ވިދާޅުވީ 2018 ވަނަ އަހަރު ބުރިޖުގެ މަސައްކަތް ނިމުނުއިރު ހޮޅިއަކުން މާލެއާއި ހުޅުމާލޭގެ ފެނުގެ ނިޒާމު ގުޅުވައިލެވިފައި އޮތް ނަމަވެސް ދެކޮޅުގައި ބަހައްޓަންްޖެހޭ ޕަމްޕް ސްޓޭޝަނުގެ މަސައްކަތް އޮތީ ނުނިމި ކަމަށެވެ.
މި އަހަރު އެ މަސައްކަތް ފަށާފައިވާ ކަމަށާއި، މިހާރު ސަރުކާރުގެ އަމާޒަކީ 2025 ވަނަ އަހަރުގެ ކުރީ ކޮޅުގައި އެ މަސައްކަތް ނިންމައިލުންކަމަށް މަތީނު ވިދާޅުވި އެވެ. އަދި އެއީ މާލެ ސަރަހައްދުގައި ފެނުގެ ޔަގީންކަން ކަށަވަރުކުރެވޭނެ ކަމެއް ކަމަށެވެ.
ގުޅުވައިލާ ވިއުގަ ފަރުމާކޮށްފައި އޮތީ އެއް ދުވަހުގެ ފެން ދެ ސަރަހައްދުގެ މެދުގައި ބަދަލުކުރެވޭ ގޮތަށްކަމަށާއި، އެ ވިއުގަ ގާއިމުކުރެވުމުން ކުއްލި ކަމެއް މެދުވެރިވި ނަމަވެސް މާލޭ ސަރަހައްދުން ފެނުގެ ހިދުމަތް މެދުނުކެނޑި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ލިބޭނެ ކަމުގައި މަތީނު ވިދާޅުވި އެވެ.
"2018 ވަނަ އަހަރު ބުރިޖު ނިމުނުއިރު ހޮޅިއެއް އެޅިފައި އޮތީ. އެހެންނަމަވެސް ދެކޮޅުގެ ޕަމްޕް ސްޓޭޝަން ނުނިމި ގިނަ އަހަރުތަކެއް މިވީ. ދެން މި އަހަރު އަޅުގަނޑުމެން މަސައްކަތް ފަށައިފިން. އަޅުގަނޑުމެންގެ އަމާޒަކީ 2025 ވަނަ އަހަރުގެ ކުރީ ކޮޅު މަސައްކަތް ނިންމައިލުން. އެހެންކަމުން 2025 ވަނަ އަހަރު ކުރީކޮޅު މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅުވައިލެވޭނެ،" އެމްޑީ ވިދާޅުވި އެވެ.
މަތީނު އިތުރަށް ވިދާޅުވީ މާލެއާއި ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު އިތުރުކުރުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށެވެ. އެ މަސައްކަތްތައްވެސް ކުރަމުންދަނީ މާލެއާއި ހުޅުމާލޭގެ މެދުގައި ފަސޭހައިން ފެން ދައުރުކުރެވޭނެ ގޮތަށް ބައްލަވައިގެން ކަމުގައ މަތީނު ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަންނަ އަހަރު ފެން އުފެއްދޭ މިންވަރު އިތުރުކޮށް، މާލެ ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅުވައިލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ