އަންދަލުސްގެ ބާޒު - 20

(27 ޑިސެމްބަރ 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މާރިޔާ [ގްރަނާދާ]އޭ ކިޔުމަށް ފަހު ވާހަކަ ހުއްޓައިލައިފިއެވެ. އަބޫ ދާވޫދަށް އިހުސާސްކުރެވުނީ މަޅިގަނޑު ކަރަށް މެހި ބާރުވާން އުޅެފައި ދުލެއް އައީ ކަމުގައެވެ. އޭނާ އާދޭހުގެ ނަޒަރަކުން މާރިޔާއާ ދިމާއަށް ބަލައިލިއެވެ. މާރިޔާގެ މޫނުމަތީން ފެނުނު އަސަރަކުން އޭނާއަށް ޔަގީންވީ ދެން އެ ވާހަކަ ނުދައްކާނޭ ކަމެވެ. އެހެންވީމާ އަބޫ ދާވޫދް ބާރަށް ބުނެލިއެވެ. [އާނއެކެވެ. ގްރަނާދާގެ ފިކުރު އަބަދުވެސް އަހަރެން ކުރަމެވެ. އެކަހަލަ ވަހުޝީ ބައެއްގެ އަތްދަށުން އިސްލާމުން ސަލާމަތްކުރެވޭތޯ މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެކެވެ. އެއީ އަންހެންކުދިންގެ ގަޔަށް ތީރު ޖަހަންވެސް ޖެހިލުންވާ ބައެއް ނޫނެވެ. އެންޖެލާ ޒަޚަމްވުމާއި އަހަރެން ގްރަނާދާއަށް ދިއުމަކާ އެއްވެސް ގުޅުމެއް ނެތެވެ. ބޭރުން ހަމަލަދޭއިރު އަލިކޮށްފައި އޮންނަ ކޮޓަރިއެއްގެ ކުޑަދޮރު ހުޅުވައިފައި ބަހައްޓައިގެން ނުވާނެކަން ކަލެއަށް އެނގެންވާނެއެވެ. ކުޑަދޮރު ކައިރީގައި ނުހުންނާށޭ އެންޖެލާ ގާތު ބުނެލާކަށްވެސް ކަލެއަކަށް ނޭނގުނެވެ. ރަބީޢާއެވެ. ދަރިފުޅަކީ ވިސްނުންތެރި ކުއްޖެކެވެ. ކޮއްކޮއަށް އެކަން މަނާނުކުރީ ކީއްވެގެން ހެއްޔެވެ؟]
ރަބީޢާ މިލައިފައިވާ އަޑަކުން ބުނެލިއެވެ. [ބައްޕާއެވެ. ކޮއްކޮ އިނީ އަޅުގަނޑާ ވާހަކަދައްކާށެވެ. ތެދުވެގެން އޭނާގެ އެނދަށް ދިޔަ މަގުމަތީގައި ބޭރުން ހަމަލަދިނީއެވެ.]
އަބޫ ދާވޫދްގެ ހުރިހައި ހީލަތްތެރި ގާބިލިއްޔަތެއް އޭނާގެ ލޮލަށް ޖަމާވެއްޖެއެވެ. އޭނާގެ ލޮލުން ފެންނަ މިފަދަ އަސަރެއްގެ ސަބަބުން މާރިޔާ އަބަދުވެސް ބިރުން ހިމޭންވެދެއެވެ. މިފަހަރު މި ދިމާވީ އާދައިގެ ކަމެއް ނޫނެވެ. މާރިޔާގެ ސިހުން އެކުލެވިފައިވާ ލޮލުން ޝަކުވާ ކުރަނީއެވެ. އަހަރެންގެ ވާހަކަ އަދި ނުނިމެއޭ، މައިދާން ހުސްވީމާ އަދި ވާހަކަދެއްކުން އޮތީއޭ ބުނަމުން ދިޔައެވެ. ބަޝީރް ބިން ޙަސަން އެންޖެލާގެ ޒަޚަމްގައި ބޭސް އަޅުއްވަމުން ގެންދަވާ ވަރަށްވުރެ މާ ބޮޑު ފަރުވާތެރިކަމަކާއެކު އަބޫ ދާވޫދް ގެންދިޔައީ އޭނާގެ އަނބިމީހާޔާ ދިމާއަށް ބަލަމުންނެވެ.
މި ހުރިހައި ކަމެއް ހިނގަމުން ދަނިކޮށް ބަދްރު ބިން މުޣީރާ ދެތިން ފަހަރަކު ރަބީޢާއާ ދިމާއަށް ބައްލަވައިލެއްވިއެވެ. އޭނާ އަދިވެސް ހުރީ އެންޖެލާގެ އެނދު ކައިރީގައި ކޮޅަށެވެ. ސިހުން މުޅީން ފިލައިގެންނެއް ނުދެއެވެ. ދުޝްމިނުން ކުއްލިއަކަށް ހަމަލަދިނީމާ ބަޝީރްގެ މޫނުފުޅުމަތީންވެސް އަދި ބަދްރުގެ މޫނުފުޅުމަތީންވެސް ކަންބޮޑުވުމުގެ ކުޑަވެސް އަސަރެއް ނުފެންނާތީ އޭނާ ހުރީ ހައިރާންވެފައެވެ. އޭނާ ޖެހިލުންވެފައި ހުރެގެން މަޑުމަޑުން ބުނެލިއެވެ. [މި ކިއްލާ ދުޝްމިނުންގެ ބާރުގެ ދަށަށް ދިޔައީކަން ނޭނގެއެވެ.]
ބަދްރުވެސް ހުންނެވީ ރަބީޢާއާ ވާހަކަފުޅުދައްކަވަން ބޭނުންފުޅުވެފައެވެ. ރަބީޢާގެ ކަންބޮޑުވުން ފިލުއްވައިދެއްވާން ބޭނުންފުޅުވުމާއެކު ތަސައްލީގެ ރާގެއްގައި ބަދްރު ވިދާޅުވިއެވެ. [ދުޝްމިނުންގެ މީހަކަށް މަގު އޮޅިގެން ކަހަލަ ގޮތަކަށް އާދެވުނީކަމަށް ވެދާނެއެވެ. ރޭގަނޑުގެ އަނދިރިކަމުގެ ބޭނުން ހިފައިގެން މިހިސާބަށް އައީއެވެ. މި އާދެވުނީ މަރުގެ ތުންފަތްމައްޗަށްކަން ޔަގީންވީމާ ހަމަލައެއް ފޮނުވައިލީއެވެ. އޭނާ މިހާރު މަރުވެދާނެއެވެ. އެހެންނޫނީ ހައްޔަރުވެދާނެއެވެ. މީގެ ކުޑައިރުކޮޅެއް ކުރީން އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި ދުޝްމިނުންގެ ސަވާރީންގެ ބަޔަކު ކިއްލާގެ ކައިރިން ވަނީ ފެނިފައެވެ. ތީރު ޖެހި މީހާއަކީ އޭގެ ތެރެއިން އެކަކު ކަމުގައި ވެދާނެއެވެ. ކޮއްކޯފުޅު ޒަޚަމްވެވަޑައިގަތީމާ އެކަމާ އަޅުގަނޑު ހިތާމަކުރަމެވެ. އަޅުގަނޑަށް ކުޑަކޮށް ފަރުވާ ކުޑަ ކޮށްނުލެވުނު ނަމަ މި ކޮޓަރީގެ ކުޑަދޮރު ލައްޕަވައިލައްވާން ކުރިން ދެންނެވުނީހެވެ. އެހެން ކަންތައް ކުރެވުނު ނަމަ މި ހަމަލައެއް ނައީހެވެ. އިށީނދެވަޑައިގަންނަވާށެވެ. ބިރުފުޅުނުގަންނާށެވެ. ކޮއްކޯފުޅު ވަރަށް އަވަހަށް ފަސޭހަފުޅުވެދާނެއެވެ.]
ރަބީޢާ ހައެއްކަ ފިޔަވަޅެއް ފަހަތަށް ޖެހިލުމަށް ފަހު އޭނާގެ އެނދުގައި އިށީނދެއްޖެއެވެ. ބަދްރު، ބަޝީރާ ދިމާއަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. [މެހުމާނުންނާ ވާހަކަދައްކައި ހިތްޕުޅު ހަމަޖައްސައިދީފައި އަޅުގަނޑު އެބަ އަންނަމެވެ.]
ބަޝީރް ވިދާޅުވިއެވެ. [އަޅުގަނޑުވެސް ވަރަށް އަވަހަށް ނިމިދާނެއެވެ. ދެން އޮތީ ބޭސް ދިނުމެވެ.]
(5)
ކޮޓަރިން ނުކުމެވަޑައިގަންވަމުން ބަދްރު، ރަބީޢާގެ އެނދު ކައިރިއަށް ވަޑައިގެން ސިއްރުސިއްރުން ވިދާޅުވިއެވެ. [މިއަދުގެ ފަތަޙައަކީ އަބުރުވެރި އަންހެންކުއްޖެއްގެ ހުވަފެނުގެ ތަޢުބީރެވެ. ރަސްގެފާނުގެ ކޮއްކޯފުޅު އަރިހު ކަމަނާގެ ނަންފުޅު ދެންނެވުން އެންމެ ރަނގަޅުތޯއެވެ؟]
ރަބީޢާ ބިރުގެންފައި ފުރަތަމަ ބަލައިލީ ކޮޓަރީގެ އެއް ފަރާތުގައި ތިބި އޭނާގެ މަންމައާއި ބައްޕަޔާ ދިމާއަށެވެ. ދެން ވައްކަޅިން ބަލައިލީ ބަދްރު ބިން މުޣީރާއާ ދިމާއަށެވެ. އެޔަށް ފަހު ރޮވިފައިވާ ކަހަލަގޮތަކަށް ބުނެލިއެވެ. [ނޫނެކެވެ. ﷲ އަށްޓަކައި ވިދާޅުނުވައްޗެވެ.] ދެން އަނެއްކާވެސް ބައްޕަޔާ ދިމާއަށް ބަލަން ފަށައިފިއެވެ. ބައްޕަ އޭރުވެސް ހުރީ ބުޅަލެއް ތެތް މަސްގަނޑަކަށް ބަލާހެން މަންމަޔާ ދިމާއަށް ބަލަހައްޓައިގެންނެވެ. ކޮޓަރިތެރޭގައި ހިނގާ އެހެން އެއްވެސް ކަމެއް ނޭނގޭ ކަހަލައެވެ.
ބަދްރު ވިދާޅުވިއެވެ. [އެހެންވީމާ އަޅުގަނޑަށް މި ޖެހުނީ އައްޒަޚަލްގެ ކުރިފުޅުމަތީގައި ދޮގެއް ދަންނަވަންތާއެވެ. ކުރިން ހިލަމެއްވެސް ވެފައި ނެތް ކުއްލި ހަމަލައަކަށްޓަކައި މިހައި ބޮޑަށް ތައްޔާރުވެވުނު އެހެން ސަބަބެއް ދަންނަވާކަށް އަޅުގަނޑަކަށް ނޭނގެއެވެ.]
ރަބީޢާ ހިތްވަރު ކޮށްފައި އިސް އުފުލައި ބަލައިލިއެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ބުނެވިއްޖެއެވެ. [އަޅުގަނޑުގެ ހުވަފެނަކީ ހަމައެކަނި މަނިކުފާނެވެ.]
އެންމެ ކުރު ޖުމުލައަކުން ރަބީޢާ އެ ހާމަކުރީ އެތައް ގަރުނެއް ކުރީއްސުރެ  އާދަމުގެ ދަރީން ކަމުގައިވާ އަންހެނުންނާއި ފިރިހެނުން އެކަމަކު އަނެކަކަށް ބަޔާންކޮށްދޭ ކުލަ ހުވަފެނުގެ ވާހަކައެވެ. ބުނެ ނިންމައިލީއިރު އެ ވާހަކައިގެ ފުންކަމެއް އޭނާއަކަށް އިހުސާސެއް ނުކުރެވެއެވެ. އެކަމަކު ހިތުގެ ލޫޅާފަތި އަދި އުފާވެރި ވިންދުން އޭނާއަށް އަންގައިދިނީ ކުއްލިއަކަށް އެ އެޅުނީ ވަރަށް ދިގު ފިޔަވަޅެއް ކަމުގައެވެ. އޭނާ އިސް ދަށަށް ޖަހައިލިއެވެ. މޫނުމައްޗަށް ލަދުވެތިކަމުގެ ކުލަވަރު ފާއްދާލައިފިއެވެ.
ބަދްރު ނުކުމެވަޑައިގެންފިއެވެ. އެކަމަކުވެސް ކައިރީގައި ހުންނަވައިގެން އޭނާޔާ ދިމާއަށް ބައްލަވަމުން ގެންދަވާ ކަމުގައި އޭނާއަށް އިހުސާސްކުރެވުނެވެ. ހަމައެކަނި މިއެއް ނޫނެވެ. އޭނާއަށް އިހުސާސްކުރެވުނު ގޮތުގައި ކޮޓަރީގައި ހުރި ހުރިހައި އެއްޗެއް މިހާރު އޭނާޔާ ދިމާއަށް ބަލަމުން އެބަގެންދެއެވެ. މުޅި ހަށިގަނޑުގައި ފިނީގެ ރާޅެއް ދަތުރުކުރި ކަހަލައެވެ. އޭނާ ކުޑަކޮށް ތުރުތުރުއަޅާ ހާލު ތެދުވެގެން މަޑުމަޑުން ގޮސް އެންޖެލާގެ އެނދު ކައިރީގައި ހުއްޓިއްޖެއެވެ.
ބަޝީރް ބިން ޙަސަން ތަށްޓަކަށް ބޭސް އެޅުއްވީމާ ރަބީޢާ ދަންނަވައިފިއެވެ. [އަޅުގަނޑުގެ އަތަށް ދެއްވާށެވެ. އަޅުގަނޑު ބޯން ދީފާނަމެވެ.]
ބަޝީރް ބިން ޙަސަން ނޯކަރާއެކު ބޭރަށް ނުކުމެވަޑައިގަންނަވާން ހިންގަވައިގަތީމާ އަބޫ ދާވޫދް ދަންނަވައިފިއެވެ. [މަޑުކުރައްވާށެވެ. އަޅުގަނޑުވެސް މަނިކުފާނުގެ އަރިހުގައި ދާނަމެވެ.]
ބަޝީރް ވިދާޅުވިއެވެ. [މަނިކުފާނު އަރާމުކުރައްވާށެވެ.]
[ނޫނެކެވެ. މިހާރު އެ އުޅެނީ އިރުއަރާށެވެ. ބަދްރު ވިދާޅުވި ގޮތުގައި ހެނދުނު ހަމަލަދެއްވާނެއެވެ. އަޅުގަނޑަކީ އަސްކަރީ ތަމްރީނެއް ލިބިފައި ނެތް މީހަކަށް ވިޔަސް، ސަރަޙައްދީ ބާޒުގެ ގިޔާދަތުގެ ދަށުގައި ހަނގުރާމަ ކުރުމަކީ ކޮންމެކޮންމެ ފަހަރަކު ލިބޭނޭ ފުރުސަތެއް ނޫނެވެ. ލޮންސިއާއި ކަނޑިގެ ބޭނުން ކުރަން ނޭނގުނަސް އެންމެ ކުޑަމިނުން، ހައްޔަރުކުރައްވާ މީހުން ގުނުމުގައި އެހީތެރިކަމެއް އެރުވިދާނެއެއް ނޫންތޯއެވެ.]
ބަޝީރް ވިދާޅުވިއެވެ. [އަޅުގަނޑަށް ހީވާ ގޮތުގައި ބަދްރު ވަޑައިގަންނަވާނީ އަދި ތަންކޮޅެއް ފަހުންނެވެ. އެހެންވީމާ އިހަށް ބޭފުޅުންގެ ކަންތައް ބަލަހައްޓަވަން މަޑުކުރައްވާށެވެ. ނުކުންނަ ވަގުތު ޖެހުނީމާ އަޅުގަނޑު ދަންނަވައިލާނަމެވެ.]
[ވަގުތު ޖެހެންދެން އަޅުގަނޑު އައްޒަޣަލްގެ އަރިހުގައި އިނދެދާނަމެވެ. އެފަދަ ބޭފުޅުންގެ އަރިހުގައި ވަގުތު ހޭދަކުރުމަކީވެސް ހާލަކުން ފަހަރަކު ލިބޭ ނަސީބެކެވެ.]
ހަގީގަތުގައި އަބޫ ދާވޫދް އައްޒަޣަލްގެ އަރިހުގައި އިންނަން ބޭނުންވަނީއެއް ނޫނެވެ. އޭނާ އެ އުޅެނީ އަނބިމީހާގެ ރުޅިވެރި މޫނު ނުބަލައި ވޭތޯއެވެ. މާރިޔާ މިހާރު އެ އިނީ ކޮޓަރި ހުސްވާންދެނެވެ. އެޔަށް ފަހު ކަސްތިއްޔާގެ އާއްމު ބަހުރުވައިން، އަމުނައިގަންނަގޮތަށް ހުއްޓައިނުލާނެކަން އަބޫ ދާވޫދަށް އެނގެއެވެ.
އަބޫ ދާވޫދް ތެދުވެގެން ހިނގައިގަތުމާއެކު މާރިޔާ ބުނެފިއެވެ. [ކަލޭ އެންޖެލާޔާ މެދު އެންމެ ފަހަރަކުވެސް ވިސްނައެއްނުލަން ހެއްޔެވެ؟ އޭނާ އެ އޮތީ އަޅާ ވޭނަކުން ކުކުރައިލަކުކުރައިލައެވެ. އެކަމަކު ކަލޭ ތިޔަ އުޅެނީ ބުރުޖަހަން ނުދެވިގެންނެވެ.]
މަންމަގެ އާދަ ހުންނަ ގޮތް އެންޖެލާ ވަރަށް ރަނގަޅަށް ދަނެއެވެ. އެހެންވީމާ އަންނާން އުޅޭ ތޫފާނުގެ ކުލަވަރު އޭނާއަށް ފެނިއްޖެއެވެ. [ބައްޕަ ދުރުވާށެވެ. އަޅުގަނޑު މިހާރު ރަނގަޅެވެ.]
އަބޫ ދާވޫދް ހިތްހަމަޖެހުމުގެ ނޭވައެއް ލައިފައި ބުންޏެވެ. [ރަބީޢާ ދަރިފުޅާއެވެ. ދެ ކޮޓަރީގެ ދޮރުވެސް އެތެރެއިން ތަޅުލާށެވެ.]
ބަޝީރް ބިން ޙަސަން ވިދާޅުވިއެވެ. [ތަޅު ނުލެއްވިޔަސް އެންމެ ރަނގަޅެވެ. ބޭރުގައި ފާރައަށް ސިފައިން އެބަތިއްބެވެ. އަޅުގަނޑު ދާނީ އެ މީހުންނަށް އިރުޝާދު ދީފައެވެ. އެއްވެސް ކަމަކަށް ބޭނުފުޅު ވެއްޖެއްޔާ ސިފައިން ގާތު ވިދާޅުވާށެވެ. އެކަމަކު ކުޑަދޮރު ލައްޕަވައިފައި ބަހައްޓަވާށެވެ. ކަންބޮޑުވެ ވަޑައިނުގަންނަވާށެވެ. ދުޝްމިނުންނަށް މި ހިސާބަކަށް ނާދެވޭނެއެވެ. ކިއްލާޔާ ދުރުން އެމީހުން ވަނީ ހުއްޓުވައިފައެވެ.]
އަބޫ ދާވޫދް ނުކުމެގެން ދިޔައީމާ މާރިޔާ ރުޅި އައިސް ރަތްވެފައި ހުރެގެން ކަޅިއަޅަން ފެށީ ރަބީޢާއާ ދިމާއަށެވެ. ދަނޑިވަޅުގެ ނާޒުކުކަން ވިސްނިގެން އެންޖެލާ ބުނެފިއެވެ. [ދައްތާއެވެ. އަހަރެންގެ ބޮލުގައި އެބަ ރިއްސައެވެ. ނިކަން މޮޑެލައިދީބަލާށެވެ.]
ރަބީޢާ އެންޖެލާގެ ބޯލާކޮޅުގައި އިށީނދެއްޖެއެވެ. މާރިޔާވެސް އައިސް އެންޖެލާގެ އެނދު ކައިރިއަށް ހުއްޓިއްޖެއެވެ. [ދަރިފުޅާއެވެ. ރިއްސަނީ ކޮންތާކު ހެއްޔެވެ؟] އެޔަށް ފަހު ރަބީޢާގެ އަތުގައި ހިފައި ނަގައިފިއެވެ. [ކަލޭ ދާށެވެ.]
އެންޖެލާ ބުންޏެވެ. [މަންމާއެވެ. ނޫނެކެވެ. ރަބީޢާ ބޯ މޮޑެދޭއިރު ކޮންމެވެސް ދުޢާއެއް ކުރެއެވެ. އެހެން ހެދީމާ އަހަރެންގެ ބޮލުގެ ރިހުން ފިލައިދެއެވެ.]
މައިވަންތަ ކުލުނު ކުއްލިއަކަށް ހޭލައިފިއެވެ. މާރިޔާ އާދޭހުގެ ރާގަކަށް ބުނެލިއެވެ. [ދަރިފުޅާ ރަބީޢާއެވެ. ދަރިފުޅުގެ ދުޢާގައި ވަރަށް ބާރު ހުރެއެވެ. ކޮއްކޮގެ ޒަޚަމް އަވަހަށް ރަނގަޅުވޭތޯ ދުޢާކޮށްލަދޭށެވެ. އަހަރެން މުޅި އުމުރުދުވަހަށް އެ އިހުސާންތެރިކަން ހަނދާން ބަހައްޓާނަމެވެ.]
އެކަހަލަ ދެތިން ލަފުޒަކާއެކު ރަބީޢާވެސް މުޅީން މަޑުމައިތިރިވެދެއެވެ. [މަންމާއެވެ. ކޮއްކޮއަށްޓަކައި ދުޢާކުރުމަކީވެސް އިހުސާންތެރިކަމެއް ހެއްޔެވެ؟ މިއީ އަހަރެންގެ ކޮއްކޮއެއް ނޫން ހެއްޔެވެ؟]
[ދަރިފުޅާއެވެ. ދަރިފުޅު ތިޔައީ ހަމަ މަލާއިކަތެކެވެ. އަވަހަށް ކޮއްކޮ ގާތު އިށީންނާށެވެ.] މާރިޔާ އެއް ފަރާތަށް ޖެހިލިއެވެ.
އެންޖެލާ ބުންޏެވެ. [މަންމަ ގޮސް އަރާމުކޮށްލާާށެވެ.]
[ދަރިފުޅު މުޅީން ރަނގަޅު ނުވަނީސް މަންމައަށް ކުރެވޭނީ ކޮން އަރާމެއް ހެއްޔެވެ؟]
[ނޫނެކެވެ. މަންމަ ގޮސް އަރާމުކުރާށެވެ. އަހަރެން މިހާރު ރަނގަޅެވެ.]
މާރިޔާ ބުންޏެވެ. [މަންމައަށް އެނގެއެވެ. ތިޔަ އުޅެނީ ދައްތަޔާ އެކީ އަނެއްކާވެސް، ދުވަހަކު ނުނިމޭ ބޮޑު ވާހަކަ ފަށްޓަން ވެގެންނެވެ.]
ރަބީޢާ ބުންޏެވެ. [މަންމަ ދެން ނިދާށެވެ. މިހާރު ކިއްލާއަކަށް އެއްވެސް ނުރައްކަލެއް ނެތޭ އެ ބޭފުޅުން ވިދާޅުވިއެއް ނޫން ހެއްޔެވެ؟]
މާރިޔާ އޭނާގެ އެނދުގައި އިށީންނަމުން ބުނެލިއެވެ. [އެމީހުން އެނބުރި ދާނެ ގޮތް ކަލާނގެ މެދުވެރި ކުރައްވާށިއެވެ. އެހެން ނޫނީ އަހަރެމެންނަށް ޖެހޭނީ އެންޖެލާ މި ހާލުގައި ބާއްވައިގެން ދަތުރުކުރާށެވެ.]
ރަބީޢާ ބުންޏެވެ. [އެމީހުންގެ ތެރެއިން އެކަކުވެސް ފުރާނައާއިގެން ސަލާމަތެއް ނުވާނެއޭ އެބަ ކިޔައެއް ނޫން ހެއްޔެވެ.]
މާރިޔާ މާޔޫސްވެފައި އަހައިފިއެވެ. [އެހެން ބުނީ ކާކުހެއްޔެވެ؟]
[ސަރަޙައްދީ ބާޒު ކޮޓަރިން ނުކުމެވަޑައިގަންނަވަމުން އަހަރެން ގާތު އެހެން ވިދާޅުވިއެވެ. ވިދާޅުވީ މި ވާހަކަ ބުނެގެން މަންމަގެ ހިތްހަމަ ޖައްސައިދޭށޭއެވެ.]
(ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ