ޑްރަގު ހުރި ޗޮކްލެޓް ސިރަޕް ސަޕްލައި ކުރި މީހުންނާއި އަހުމަދު އަލީ ބައްދަލުކޮށް މުއާމަލާތް ކުރި: ފުލުހުން

ޗޮކްލެޓް ސިރަޕްފުޅިތަކެއްގައި ބަންދުކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި ތުހުމަތު ކުރާ އަހުމަދު އަލީ އެ ޝިޕްމަންޓާއި ހަވާލުވުމަށް ދިޔައީ މުދާ ކްލިއަރ ކުރާ މީހެއްގެ ހައިސިއްޔަތުންކަމަށް ބުނި ނަމަވެސް އެ ފުޅިތައް ސަޕްލައި ކުރި މީހުންނާއި އޭނާ ބައްދަލުކުރިކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.
ޗޮކްލެޓް ސިރަޕްޕުޅިތަކެއްގައި ބަންދުކޮށްގެން ރާއްޖެއަށް ކަނޑުމަގުން އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަތީ މިދިޔަ ޑިސެމްބަރު މަހު އެވެ.
ކަނޑުމަގުން ރާއްޖެއަށް އެތެރެ ކުރުމަށް މަސައްކަތް ކުރި، އެ ޝިޕްމަންޓު ކަސްޓަމްސްއިން ބަލައި ފާސްކުރީ ޝައްކު ކުރެވޭ ކަންތަކެއް ހުރުމުންނެވެ. އަދި އެތަކެތި ސްކޭންކޮށް، ޓެސްޓު ކުރި ފުރަތަމަ މަރުހަލާފައި ހަޝިޝް އޮއިލްއަށް ޕޮޒިޓިވްވި އެވެ. ހަޝިޝް އޮއިލްއަކީ، ކެނެބިސްގެ ބާވަތެކެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ހއ. ހޯރަފުށި/އާފިޔާ، އަހުމަދު އަލީއާއި، ގދ. ތިނަދޫ/ގޯލްޑަން ހައުސް، މުހައްމަދު އާދިލް އެވެ. ދެ މީހުންގެ ބަންދަށް ވެސް ކޯޓުން ވަނީ މިދިޔަ އާދީއްތަ ދުވަހު 10 ދުވަސް ޖަހައިދީފަ އެވެ.
އަހުމަދު އަލީގެ ބަންދުގެ މުއްދަތު ހަމަވާތީ، ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ވަކީލު ބުނީ ޗޮކްލެޓް ސިރަޕް ފުޅީގައި މަސްތުވާތަކެތި ބަންދުކޮށްފައި ހުރިކަން އޭނާއަށް ނޭނގޭ ކަމަށެވެ. އަދި އެފަދަ އެއްޗެއް ޝިޕްމަންޓުގައި ހުރިކަން އެނގޭނަމަ، އެތަކެއްޗާއި ހަވާލުވުމަށް އޭނާ ނުދާނެކަމަށް ވަނީ ބުނެފަ އެވެ.
ފުލުހުން ކޯޓުގައި ބުނެފައި ވަނީ މުދާ ގަތުމަށް އިންޑިއާއަށް ގޮސް، މައްސަލައިގައި ބައިވެރިވާ ފަރާތްތަކާއި އޭނާ ބައްދަލުކޮށް މުއާމަލާތް ކުރިކަމަށެވެ.
ބަރުދަނުގައި 40 ކިލޯ ހުރި މިތަކެތީގެ މަގުމަތީ އަގު 30 މިލިއަން ރުފިޔާއަށް އަރާނެކަމަށް ކަސްޓަމްސްއިން ވަނީ ލަފާކޮށްފަ އެވެ. ރާއްޖެއަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ފޮރުވާފައި ހުރީ، ޗޮކްލެޓް ސިރަޕްގެ 10 ފޮށިގަނޑުގައި ބަންދުކޮށް ފޮރުވައިގެންނެވެ. ކަސްޓަމްސްއިން ބުނި ގޮތުގައި ކޮންމެ ފުޅިއެއްގައި ވެސް 1.10 އަދި 1.14 މިލިމީޓަރާއި ދެމެދުގެ މިންވަރަކަށް ހަޝިޝް އޮއިލް ހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ