ލުބުނާނާއި އިސްރާއީލާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގެ އާ ބުރެއް އަންގާރަ ދުވަހު އެމެރިކާގެ ވޮޝިންޓަންގައި ފަށައިފި އެވެ.
ލުބުނާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، މިދިޔަ މާޗު މަހުގެ ދެވަނަ ދުވަހުން ފެށިގެން ހިނގަމުންދާ ހަނގުރާމަ ހުއްޓުވޭނީ އިސްރާއީލާއެކު ސީދާ މަޝްވަރާކޮށްގެންނެވެ.
މި ހަނގުރާމަ ފެށުނީ އީރާނަށް ތާއީދު ކުރާ ހިޒްބުﷲ ހުއްޓުވަން ކަމަށް ބުނެ، އިސްރާއީލުން ލުބުނާނަށް ވައިގެ މަގުންނާއި އެއްގަމު މަގުން ދޭން ފެށި ހަމަލާތަކާ އެކުގައެވެ. މި ހަމަލާތަކުގައި މިހާތަނަށް ލުބުނާނުން 4،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
މިދިޔަ އޭޕްރީލް މަހުން ފެށިގެން ލުބުނާނާއި އިސްރާއީލާ ދެމެދު ހަތަރު ފަހަރެއްގެ މަތިން މަޝްވަރާ ކުރެވުނު ނަމަވެސް، ދާއިމީ ގޮތެއްގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމާ މެދު އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.
އޭގެ ބަދަލުގައި، ހަނގުރާމައިގެ ތެރެއިން އެންމެ ދިގު މުއްދަތަކަށް ހަމަލާތައް މެދުކަނޑާލެވުނީ މި ހަފުތާގަ އެވެ. އެއީ ލުބުނާނު ހިމެނޭހެން ހުރިހާ ހިސާބެއްގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އީރާނާއި އެމެރިކާއާ ދެމެދު ވެވުނު ފަހުމުނާމާއަކާ ގުޅިގެންނެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި މަޝްވަރާތަކުގައި ދެ ގައުމުގެ އަސްކަރީ އަދި ސިޔާސީ މަންދޫބުން ބައިވެރިވާނެ އެވެ. އަދި މި މަޝްވަރާތަކުގެ ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި ފުރިހަމަ ސުލްހަޔާއި ސަލާމަތީ އެއްބަސްވުމެއް ގާއިމުކުރުމެވެ.
މި މަޝްވަރާތަކުގައި ލުބުނާނުގެ އެންމެ މުހިންމު އެއް އަމާޒަކީ އިސްރާއީލުގެ ސިފައިން އެ ގައުމުން ބޭލުމެވެ. ނަމަވެސް އިސްރާއީލުގެ އިސް އޮފިޝަލުން ވިދާޅުވަމުން ގެންދަވަނީ، ލުބުނާނުގެ ދެކުނުގައި އެ ގައުމުގެ ސިފައިން ވަކި މުއްދަތެއް ނެތް ގޮތަށް ތިބޭނެ ކަމަށެވެ.
ލުބްނާނާއި އިޒްރޭލުން މަޝްވަރާގެ އާ ބުރެއް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ