މި ހަފްތާ ވެސް މަޖިލިސް ޖަލްސާތައް ނުބާއްވަން ނިންމައިފި

މި ހަފްތާގައި ވެސް މަޖިލިސް ޖަލްސާތައް ނުބާއްވަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެންމެ ފަހުން މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ރިޔާސަތުން އިއުލާންކޮށްފައިވާ ގޮތުން، އެއް ހަފްތާގެ މެދުކެނޑުމަށް ފަހު ދެން ޖަލްސާއެއް ބާއްވަނީ މާދަމާ އެވެ. އެހެންވެ މިދިޔަ ހަފްތާގައި އިތުރު ޖަލްސާއެއް ނުބާއްވަ އެވެ.
މިހާރު މަޖިލީހުން ނިންމާފައި ވަނީ މި ހަފްތާގައި ވެސް އިތުރު ޖަލްސާއެއް ނުބޭއްވުމަށެވެ.
ތަފްސީލު - މަޖިލީހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ ހަފްތާގެ ހޯމަ ދުވަހު އެވެ.
މި ހަފްތާގައި ޖަލްސާތައް ނުބާއްވަން ނިންމީ ކީއްވެގެންކަމެއް އަދި ސާފެއް ނޫނެވެ. މިކަމާ ގުޅޭ ގޮތުން މަޖިލީހުގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް އަދި ޖަވާބެއް ނުލިބެ އެވެ.
ފާހަގަކޮށްލެވޭ - މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، ކޮންމެ އަހަރެއްގައި ވެސް މަޖިލިސް ޖަލްސާތައް ބާއްވަނީ ތިން ދައުރަކަށް ބަހާލައިގެންނެވެ. އެގޮތުން، މިއަހަރުގެ ދެވަނަ ދައުރު ފެށުނީ މިދިޔަ ހޯމަ ދުވަހު އެވެ.
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ހަމަވެ، ދެ ހަފްތާގެ ޗުއްޓީއަކަށް ދާން އޮތީ މިދިޔަ މަހުގެ 14ގަ އެވެ. ނަމަވެސް:
ޗުއްޓީއަށް ނުގޮސް، މިދިޔަ މަހުގެ ނިޔަލަށް ދައުރު ދިގު ދަންމާލި
އެއީ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް
ޗުއްޓީއަށް ނުގޮސް ދައުރު ދިގު ކުރި މުއްދަތުގައި ބޭއްވީ އެންމެ ޖަލްސާއެއް؛ އެއީ މިދިޔަ ހޯމަ ދުވަހު ނާޒިމް ވަކިކުރުމަށްޓަކައި ބޭއްވި ޖަލްސާ
އެ ޖަލްސާގެ ކުރިން ނާޒިމް މަގާމުން އިސްތިއުފާ ދެއްވުމުން އެ ޖަލްސާ ވެސް ވަނީ ކުރުކޮށްލާފައި
ގަވައިދުގައިވާ ގޮތުން، މި މަހުން ފެށިގެން ދެވަނަ ދައުރު ނިމޭނީ، އަންނަ 15 އޮގަސްޓުގަ އެވެ. އޭގެ ފަހުން ދޮޅުމަހުގެ ޗުއްޓީއަކަަށް ދިއުމަށް ފަހު އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ބާއްވާނީ އޮކްޓޯބަރުން ނޮވެމްބަރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ