ސަރުކާރުން، ސްކޫލް ކުދިންނަށް ހާއްސަ ލަވަ މުބާރާތެއް ބާއްވަނީ

މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓާއި، ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް އަދި ސަރުކާރު މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ(ޕީއެސްއެމް) އިން ގުޅިގެން ސްކޫލް ކުދިންނަށް ހާއްސަ ލަވަމުބާރާތެއް ބޭއްވުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ރާއްޖޭގެ ސްކޫލްތަކުގެ މެދުގައި ވާދަކުރެވޭގޮތައް އެޑިއުކޭޝަން މިނިސްޓްރީ، ޔޫތް މިނިސްޓްރީ، ޕީއެސްއެމް އަދި އާޓްސް ސެންޓަރު ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ގެންދާނީ، "އިންޓަރސްކޫލް ލަވަ މުބާރާތް 2023" ގެ ނަމުގައެވެ.
ޖޫން މަހުގެ 16 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައިި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ އެކި އުމުރުފުރާތަކުގެ ދަރިވަރުންނަށް ވަނީ ހުޅުވާލާފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި މުބާރާތުގެ މަގްސަދަކީ ސްކޫލްތަކުގެ މެދުގައި ލަވަ ކިޔުމާއި، މިއުޒިކުގެ ފަންނުވެރިކަން ކުރިއެރުވުމުގެ އިތުރުން، ސްކޫލް ދަރިވަރުންގެ މެދުގައި ލަވަޔާއި، މިއުޒިކާއި، ލަވައިގެ އުފެއްދުންތެރިކަން އިތުރުކުރުމާއެކު، މުސްތަގުބަލުގައި ފެންވަރު ރަނގަޅު ލަވަކިޔުތެރިންނާއި، މިއުޒީޝަނުން އަދި މިއުޒިކާއި ލަވައިގެ ފަންނުވެރިކަން ތަރައްގީވެ ކުރިއަރާ ދިޔުން ކަމަށެވެ.
އަހަރަކު އެއްފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ވާދަކުރާނީ ދެ ބަޔަކަށް ބަހާލައިގެން ޖުމްލަ ހަ އުމުރުފުރައެކެވެ. އެއީ ޖޫނިއާ ގްރޫޕާއި، ސީނިއާ ގްރޫޕެވެ.
ޕަބްލިކް ސާވިސް މީޑިއާއިން މީގެ އަހަރުތަކެއް ކުރިން ވެސް، އަހަރަކު އެއްފަހަރު ސްކޫލް ކުދިންގެ ލަވަމުބާރާތް ބާއްވާފައިވެއެވެ. އަދި މި މުބާރާތްތަކަށް ދަރިވަރުންގެއާއި ބެލެނިވެރިންގެ އިތުރުން ސްކޫލްތަކުން ބޮޑު ތަރުހީބެއް ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ