ސޯޝަލް މިނިސްޓްރީއާ ދޭތެރޭ ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭގޮތަށް ތުހުމަތެއް ކުރެވިއްޖެނަމަ، މިނިވަން މުއައްސަސާތައް މެދުވެރިކޮށް މައްސަލަ ބަލައި، ރައްޔިތުން އެ މިނިސްޓްރީއަށް ކުރާ އިތުބާރު ނެގެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެކަމަށް ސޯޝަލް މިނިސްޓަރު އާއިޝަތު ޝިހާމް ދެއްވައިފިއެވެ.
އެކަމަނާ މިފަދައިން ވިދާޅުވެފައިވަނީ މިއަދު ބޭއްވިވނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މިދިޔަ އޮކްޓޫބަރު މަހު، ސޯޝަލް މިނިސްޓްރީގެ ސްޓާފެއް ތަފާތު ތުހުމަތުތަކެއްކޮށް ދައްކާފައިވާ ވާހަކަތަކުގެ ވީޑީއޯއެއް ސޯޝަލްމީޑިއާގައި ދައުރުވެފައިވާއިރު، އެކަމުގެ ހަގީގަތް ސާފުކޮށްދެއްވުމަށް ނޫސްވެރިޔަކު އެދުމުން މިނިސްޓަރު ވިދާޅުވީ ސޯޝަލް މިނިސްޓްރީއަކީ ނާޒުކު ހާލަތްތަކުގައި އުޅޭ ފަރާތްތަކަށް ހިދުމަތްދިނުމަށް އޮތް ތަނަކަށްވެފައި، ރައްޔިތުން ކަންބޮޑުވާ ކަންކަމުގައި މިނިސްޓްރީއަށް އަންނައިރު، މިނިސްޓްރީގެ މާހައުލަކީ ތަނުގެ މުވައްޒަފުން މަސައްކަތްކުރުމަށް އެކަށީގެންވާ މާހައުލެއް ނޫންކަމަށް ސްޓާފެއްގެ ފަރާތުން ތުހުމަތުކުރެވުމަކީ ވަރަށް ބޮޑަށް ކަންބޮޑުވިކަމެއް ކަމަށެވެ.
ހަމައެއާއެކު، ސޯޝަލް މިނިސްޓްރީގެ މާހައުލަކީ މުވައްޒަފުންނަށް މަސައްކަތްކުރުމަށް އެކަށީގެންވާ މާހައުލެއްތޯ އާއި، އެއްވެސް މުވައްޒަފަކާއި ދޭތެރޭގައި ޒާތީކަމެއް، ނުވަތަ މަސައްކަތްކުރުމަށް އެފަދަ ގޮންޖެހުންތަކެއް އޮތްތޯ ބަލައިދީ، ތުހުމަތުކުރެވިފައިވާ ކަންކަންތައް ހިމެނޭހެން މިނިވަން ތަހުގީގެއް ހިންގުމަށް އެ މިނިސްޓްރީން އިސްނަގައިގެން ސިވިސް ސާވިސް ކޮމިޝަން(ސީއެސްސީ)ގައި އެދިގެން، އެ މައްސަލަ އެކޮމިޝަނުން ބަލައިފާވާކަމަށް މިނިސްޓަރު ވިދާޅިވިއެވެ.
މިނިސްޓަރު ވިދާޅުވީ، ތުހުމަތުކުރެވިފައިވާ ކަންކަން ބެލުމަށްފަހު، ގަވައިދާއި ހިލާފަށް، އަދި މުވައްޒަފެއްގެ ހައްގަށް އުނިކަން ލިބޭކަމެއް، އެކަމުގައި ހިނގާފައި ނުވާކަމަށް ސީއެސްސީން ބުނެފައިވާކަމަށެވެ.
”އިރާދަފުޅުކުރެއްވިއްޔާ ސިވިސް ސާރވިސް ކޮމިޝަނުން އަޅުގަނޑުމެންނަށް އެކަންތައް ކޮށްދެއްވައިފި. ކޮށްދެއްވާފައި ވިދާޅުވެފައި އޮތީ، ސިވިލް ސާވިސްގެ ޤަވައިދާއި ޚިލާފަށް އެއްވެސް ކަމެއް ކޮށްފައެއް ނެތޭ. އަޅުގަނޑުމެންނަށް އޭގެ ތެރޭގައި އިހުމާލުވެވިފައެއް އެކަމުގައި ނެތޭ“
އައިޝަތު ޝިހާާމް އިތުރަށް ވިދާޅުވިގޮތުގައި، އެ ތުހުމަތުތަކާއި އެކު، އެ މައްސަލަ މިނިވަން މުއައްސަސާއަކުން ތަހުގީގުކޮށްދިނުމަށް އެދިފައިވަނީ ސޯޝަލް މިނިސްޓްރީ އަކީ ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ގިނަ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭ މުއައްސަސާއެއްކަމުން، ރައްޔިތުންގެ މެދުގައި މިނިސްޓްރީާ ދޭތެރޭގައި ނުތަވަސްކަން އުފެދޭނެ ތުހުމަތުތަކެއް ކުރެވިއްޖެނަމަ، އެކަން ބަލައި، ހަގީގަތް ސާފު ކޮށްދިނުމަކީ މުހިންމުކަމަށް ވާތީއެވެ.
ކުރިއަށް އޮތްތަނުގައި ވެސް މިނިސްޓްރީއާމެދު އިތުބާރު ނެގެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެކަމުގެ ޔަގީންކަން މިނިސްޓަރު އައިޝަތު ޝިހާާމް ވަނީ ދެއްވައިފައެވެ.
ސޯޝަލް މިނިސްޓްރީއަށް ރައްޔިތުން ކުރާ އިތުބާރު ނެގެހެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ