ސަފާގެ ނެޓްވޯކްގައި ހިމެނުނު މީހަކު ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި

ފުޅާ ދާއިރާގެ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތު ކުރެވުނު މ. ލޮނުމިދިލިގޭ އިބްރާހިމް ޝަފާޒް(ސަފާ) އާއި އިތުރު ދެ މީހަކު ޖަލަށްލާން ކުރި ހުކުމް ބާތިލްކޮށްފައިވީ ނަމަވެސް އެ ނެޓްވޯކްގައި ހިމެނުނު އެހެން މީހަކު ޖަލަށްލާން ކުރި ހުކުމަށް ހައި ކޯޓުން އިއްޔެ ތާއީދުކޮށްފި އެވެ.
ފުޅާ ދާއިރާއެއްގެ މަސްތުވާތަކެތީގެ ވިޔަފާރިކުރި ކަމަށް ބުނެ ހ. ފަށަން ގެއިން 2011 ގައި އަތުލައިގަތް ސަފާ އާއި އޭނާގެ ފަސް ބައިވެރިއަކު ދިގު މުއްދަތަކަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2013 ގައި ހުކުމްކޮށްފައި ވަނިކޮށް ސަފާ އާއި އިތުރު ދެ މީހަކު ހައި ކޯޓުން ކުރިން ވަނީ މިނިވަންކޮށްފަ އެވެ. ހައި ކޯޓުން މިއަދު ތާއީދުކޮށްފައިވަނީ ބާކީ ތިބި ތިން މީހުންގެ ތެރެއިން ތ. ތިމަރަފުށީ ކަރަންކާވިލާ އިސްމާއިލް ޝަހީމް 10 އަހަރަށް ޖަލަށްލާން ކުރި ހުކުމަށެވެ.
އެ ނެޓްވޯކް އަތުލައިގަންނަން ހިންގި އޮޕަރޭޝަންގައި ހ. ފަށަން ގެއިން ރެޑްހޭންޑްކޮށް 800 ގްރާމްގެ ޑްރަގާ އެކު އަތުލައިގަތް ތިން މީހުންގެ ތެރޭގައި ހިމެނޭ ޝަހީމް ޖަލަށްލާން ކޮށްފައިވާ ހުކުމަށް ތާއީދުކުރީ ހައި ކޯޓުން އެ މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.
އަޣުލަބިއްޔަތު ރައުޔު ނެރުއްވި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ ތާއީދާ އެކު އިއްވެވި އެ ހުކުމުގައިވަނީ މަސްތުވާތަކެތި ފެނުނު ކޮޓަރި ތެރޭގައި ޝަހީމް ހުރީ ޖޯޒީތަކެއް ދޮންނަން ގޮސް ކަމަށާއި އެތަނުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް ޝަހީމް ބުނި ނަމަވެސް ފުލުހުން އެތަނަށް ވަނުމުން އޭނާ އަމަލުކުރި ގޮތުން އެތަނުގައި މަސްތުވާތަކެތި ހުރިކަން ޝަހީމަށް އެނގޭކަން ސާބިތުވާ ކަމަށެވެ. އެހެންވެ ދަށު ކޯޓުގެ ނިންމުން ބާތިލްކުރަންޖެހޭ ސަބަބެއް ނެތް ކަމަށް އެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވަނީ ހުކުމްކޮށްފަ އެވެ.
ރައުޔު ތަފާތުވި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްގެ ރައުޔަކީ ހެކިން ހެކިބަސް ދީފައިވާ ގޮތަށް ބަލާއިރު ޝަހީމް މަސްތުވާތަކެތި ގެންގުޅުނުކަން ނުވަތަ މަސްތުވާތަކެތި ފެނުނު ކޮޓަރީގައި ޝަހީމް ހުރީ އެތަނުގައި އެތަކެތި ހުރިކަން އެނގިހުރެގެން ކަން ސާބިތުނުވާ ކަމަށެވެ. އެހެންވެ އޭނާގެ ރައުޔަކީ ޝަހީމަށް އިއްވި ޖަލު ހުކުމް ބާތިލް ކުރުމަށެވެ.
ޝަހީމްގެ އިތުރުން އެ މަސްތުވާތަކެއްޗާ އެކު ރެޑްހޭންޑްކޮށް އަތުލައިގަތީ ހ. ގަސްވާ މުހައްމަދު މީއާދާއި ގދ. ފިޔޯރީ އެވަރެސްޓް އަނަސް އަނީސެވެ. އެ ދެ މީހުން ވެސް 10 އަހަރަށް ޖަލަށްލާން ދަށު ކޯޓުން ހުކުމްކޮށްފައިވާއިރު އެ ދެ މީހުންގެ މައްސަލަ ވެސް އިސްތިއުނާފް މަރުހަލާއަކަށް ނުދެ އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރުމުގައި 2005 އިން ފެށިގެން ހަރަކާތްތެރިވި ނެޓްވޯކެއް ކަމަށް ފުލުހުން ބުނާ އެ ނެޓްވޯކާ ގުޅުންހުރި ކަމަށް ބުނެ ދައުވާކުރި މީހުންގެ ތެރެއިން މިހާތަނަށް ސަލާމަތްވީ އެ ނެޓްވޯކްގެ ވެރިޔާ ކަމަށް ބުނާ ސަފާ އާއި މ. ކުދެހިގޭ އިސްމާއިލް އަތީފާއި ހދ. ކުޅުދުއްފުށީ ގުލާބީގޭ އަބްދުއްސައްތާރު އަލީ އެވެ.
ދަށު ކޯޓުން އެ ތިން މީހުންނަށް 18 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް ހައި ކޯޓުން އެ މީހުން މިނިވަންކުރީ އެމީހުންނާ ދެކޮޅަށް ހުރި ހެކިތަކަކީ ގާނޫނާއި ޚިލާފަށް ފުލުހުން ހޯދާފައި ހުރި ހެކިތަކަކަށް ވާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ