ފިލިޕީންސްގެ ނައިބު ރައީސް މަޤާމުން ވަކިކުރުމަށް މަޖިލީހުގެ ތިރިގެއިން ނިންމައިފި، ފަހު ބަސް ބުނާނީ މަތިގެއިން

ފިލިޕީންސްގެ ނައިބު ރައީސް ސާރާ ދުތާތޭ މަޤާމުން ވަކިކުރުމަށް އެ ޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއިން ނިންމައިފިއެވެ.
ދުތާތޭ މަޤާމުން ވަކި ކުރުމުގެ މަސައްކަތް ފަށާފައި ވަނީ ފިލިޕީންސްގެ ތަޢުލީމާބެހޭ ވަޒީރުގެ މަޤާމުގައި އޭނާ ހުންނެވިއިރު އަދި ނައިބު ރައީސްގެ މަޤާމުގައި ހުންނަވައި ޢާންމުންގެ ފައިސާ ނަހަމަގޮތުގައި ބޭނުން ކުރައްވާ ގޮތްނޭނގޭ މުއްސަނދިކަމެއް ހޯއްދެވުމުގެ ތުހުމަތުގައެވެ. އަދި ފިލިޕީންސްގެ ރައީސް ފަރޑިނަންޑް މަރކޯސް ޖޫނިޔަރގެ ދެމަފިރިކަނބަލުންނާއި ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ ރައީސްގެ ފުރާނައަށް ނުރައްކާ ކުރައްވާނެކަމުގެ އިންޒާރު އެ ކަމަނާ ދިނުމާ ގުޅިގެންނެވެ. ނަމަވެސް އެ ތުހުމަތުތައް އޭނާ އިންކާރު ކުރައްވައެވެ.
ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ 306 މެންބަރުންގެ ތެރެއިން 215 މެންބަރުން ވަނީ ދުތާތޭ މަޤާމުން ވަކި ކުރުމަށް ވޯޓު ދީފައެވެ. އެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވާތީ ދެން އެ މައްސަލަ ބަލާނީ ޤާނޫނުހަދާ މަޖިލީހުގެ މަތިގެއިންނެވެ. އެ މައްސަލަ ބައްލަވައި ދުތާތޭ މަޤާމުން ވަކިކުރުމާ ގުޅޭ ފަހު ބަސް ބުނާނީ މަތިގޭގެ 23 މެންބަރުންނެވެ. އޭނާ މަޤާމުން ވަކި ކުރުމަށް މަތިގޭގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ އޭނާ މަޤާމުން ވަކި ވާނެއެވެ. އަދި ސަރުކާރާއި ޤާނޫނުހަދާ މަޖިލީހުގެ އެއްވެސް މަޤާމަކާ ޙަވާލުވުން އުމުރަށް މަނާ ވާނެއެވެ. އޭގެ މާނައަކީ ކުރިމަގުގައި ފިލިޕީންސްގެ ރައީސްގެ މަޤާމަށް އައުމުގެ މަގު އޭނާއަށް ބަންދު ވާނެއެވެ.
ނަމަވެސް ޤާނޫނުހަދާ މަޖިލީހުގެ މަތިގެއިން ދުތާތޭ ސަލާމަތް ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އޭނާއާ ތާޢީދު ކުރާ ގިނަ ޢަދަދެއްގެ މެންބަރުން އެ މަޖިލީހުގައި އެބަ ތިއްބެވެ. އަނެއް ކޮޅުން ރައީސް މަރކޯސަށް ވަފާތެރި މެންބަރުން ވެސް ވަކި މަދެއް ނޫނެވެ. އެހެން ކަމުން މައްސަލަ ދެކޮޅަށް ނިމުމުގެ ފުރުޞަތު ވެސް އެބަ އޮތެވެ. ރައީސް މަރކޯސް ވަނީ ދުތާތޭ މަޤާމުން ދުރު ކުރުމަށް އޭނާ ބޭނުންފުޅު ނުވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޤާނޫނުހަދާ މަޖިލީހުގެ މައްޗަށް އޭނާއަށް ބާރު ނުފޯރުވޭނެ ކަމަށް އޭނާ ފާހަގަ ކުރައްވައެވެ.
ސާރާ ދުތާތޭއަކީ ޕިލިޕީންސްގެ ކުރީގެ ރައީސް ރޮދްރިގޯ ދުތާތޭގެ ދަރިކަނބަލުންނެވެ. 2016ވަނަ އަހަރު ފިލިޕީންސްގެ ރައީސްގެ މަޤާމާ ރޮދްރިގޯ ޙަވާލުވެވަޑައިގެންނެވި ފަހުން ދުތާތޭ ޢާއިލާގެ މަޤުބޫލުކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނައިބު ރައީސްގެ މަޤާމުން ސާރާ ވަކިކުރުން ވެގެން ދާނީ ހައިބަތު ހުރި ދުތާތޭ ޢާއިލާއަށް ލިބޭ ވަރަށް ބޮޑު ވެއްޓުމަކަށެވެ. ދުތާތޭގެ ބޭބެ، ދަވާއޯ ސްޓޭޓު ތަމްސީލު ކުރާ ޤާނޫނުހަދާ މަޖިލީހުގެ މެންބަރު ޕައޮލޯ ދުތާތޭ ވަނީ އޭނާގެ ކޮއްކޯފުޅާ ދެކޮޅަށް ކުރާ ތުހުމަތުތަކަކީ ސިޔާސީ މަޤްސަދެއް ޙާޞިލް ކުރުމަށް ކޮށްފައިވާ ތުހުމަތުތަކެއް ކަމަށް ވިދާޅުވެފައެވެ. އެ ފަދަ މަޤްސަދެއްގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމަކުން އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ދުތާތޭ ވެގެންގޮސްފައި މި ވަނީ 2000ވަނަ އަހަރު ފިލިޕީންސްގެ ކުރީގެ ރައީސް ޖޮސެފް އެސްޓްރާޑާ މަޤާމުން ދުރު ކުރި ފަހުން ސަރުކާރުން ވަކި ކުރުމަށް ޤާނޫނުހަދާ މިޖިލީހުގެ ތިރިގެއިން ނިންމާފައިވާ އެންމެ މަތީ ވެރިޔާއަށެވެ. އޭނާ މަޤާމުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ދަނީ އެ ކަމަނާއާއި ރައީސް މަރކޯސާ ދެމެދު އޮންނަ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ. އެއީ 2022ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ދުތާތޭ ޢާއިލާއާއި ރައީސް މަރކޯސްގެ ޢާއިލާއިން ގުޅިގެން ކުރި މަސައްކަތަށް ފަހު ދެ ޢާޢިލާގެ ދެމެދުގައި މައްސަލަތަކެއް ޖެހި ޚިޔާލު ތަފާތުވުމުންނެވެ. ފަހުގެ ތަރީޚެއްގައި ދުތާތޭ ވަނީ ފާޅުކަން ބޮޑު ގޮތަކަށް ރައީސް މަރކޯސަށާއި އޭނާގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެފައެވެ. މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދުތާތޭ ވަނީ ޝައްކުވާ ޙާލަތެއްގައި އޭނާ އަވަހާރަވެއްޖެ ނަމަ ރައީސް މަރކޯސްއާއި އޭނާގެ އަންބިކަނބަލުންނާއި ޤާނޫނުހަދާ މަޖިލީހުގެ ތިރިގޭގެ ރައީސްގެ މަޤާމުގައި ހުންނެވި މަރޓިން ރޮމަލްދޭޒް އަވަހާރަ ކޮށްލުމަށް މީހަކު ހަމަ ޖައްސަވާފައިވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ