ފިލްމު އިންޑަސްޓްރީގައި ރަނގަޅުކުރަންޖެހޭ ކަންކަން އެބަހުރި: އާމިރު
އިންޑިއާގެ ހިންދީ ސިނަމާ 'ބޮލީވުޑް'ގައި ރަނގަޅުކުރަންޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށާއި މިވަގުތު ބޮޑެތި ޗެލެންޖެސްތަކެއް ކުރިމަތިވެފައިވާ ކަމަށް އެކްޓަރު އާމިރު ޚާން ބުނެފިއެވެ. ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި އާމިރު ޚާން ބުނީ، އެހެން ފިލްމު އިންޑަސްޓްރީތަކާ ހިންދީ ސިނަމާ އަޅާކިޔާ ބަލާއިރު ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. ހިންދީ ސިނަމާގެ ސްޓެންޑަޑް އެއްވަރެއްގައި ހިފެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ގަބޫލުކުރާ ކަމަށް އާމިރު ވަނީ މި އިންޓަވިއުގައި ބުނެފައެވެ. އެގޮތުން ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި ހިންދީ ސިނަމާ ކުރިއަރުވަން މަސައްކަތް ކުރުމަކީ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ ހުރިހާ އެންމެންގެ ޒިންމާއެއް ކަމަށް ފިލްމު އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ އެކްޓަރު ވަނީ ބުނެފައެވެ. އާމިރު ޚާން ފިލްމީ ތަރިން ކަމަށްވާ ޝާހްރުކް ޚާން އަދި ސަލްމާން ޚާންއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ދަ ހޮލީވުޑް ރިޕޯޓާއަށް ދިން އިންޓަވިއުގައި އާމިރު ބުނެފައި ވަނީ، 1970 އާއި 1980އިގެ އަހަރުތަކުގައި އުފެއްދި ފިލްމުތަކާ އާމިރު ޚާން 1988 ވަނަ އަހަރު ފިލްމު އިންޑަސްޓްރީއާ ގުޅުނު ހިސާބުން ރިލީޒްކުރި ފިލްމުތަކުގައި ވެސް ބޮޑު ފަރަގެއް އެބަހުރި ކަމަށެވެ. ފިލްމު "ލަގާން"ގެ އެކްޓަރު ބުނެފައި ވަނީ އެއީ ހެޔޮ ބަދަލެއް ކަމަށް ގަބޫލުކުރެވޭ ކަމަށާއި ރީޖަނަލް ފިލްމު އިންޑަސްޓްރީތަކުން އުފައްދާ ފިލްމުތަކުގެ ފެންވަރާ އަޅާ ބަލާއިރު ހިންދީ ސިނަމާއަށް ލިބެމުން އަންނަ ކުރިއެރުން ރަނގަޅު ކަމަށެވެ. ނަމަވެސް ދެހާހުގެ އަހަރުތަކަށްފަހު އައި ޖީލުގެ ޒުވާނުން ފިލްމު އިންޑަސްޓްރީގެ އުފެއްދުންތަކާ މެދު ދެކެމުން އަންނަ ގޮތް ބަދަލުވެފައިވާ ކަމަށާއި އެއީ މިނިވަން ޚިޔާލަށް ލޯބިކުރާ ޖީލަކަށްވުމުން އެ ވިސްނުމާއެކު ބައެއް އުފެއްދުންތަކަށް ބަދަލުގެންނަން ޖެހިފައިވާ ކަމަށް އާމިރު ވަނީ ބުނެފައެވެ. ފިލްމު އުފައްދާ މީހެއްގެ ހައިސިއްޔަތުން އާމިރު ބޭނުންވަނީ އާމިރު ކުރަން ދަންނަ މަސައްކަތް ވީހާވެސް ފުރިހަމައަށް ބެލުންތެރިންނަށް ގެނެސްދިނުމަށް ކަމަށާއި އެކަމުގައި އޭނާ ދެމިހުންނާނެ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އާމިރު ދެން އެންމެ އަވަހަށް ފެންނާނީ އެކްޓަރުގެ ފިލްމު ކުންފުނިން މި އަހަރުތެރޭ ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ސިތާރޭ ޒަމީން ޕަރު"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ